ދުނިޔެ

ޗައިނާގެ ހާރިޖީ ވަޒީރު ވާންގް ޔީއަށް ވޮޝިންގްޓަނުން ދައުވަތެއް

ޗައިނާގެ ހާރިޖީ ވަޒީރު ވާންގް ޔީ ވޮޝިންގްޓަނަށް ވަޑައިގަތުމަށް އެމެރިކާއިން ދައުވަތު އަރުވައިފި އެވެ.

މިއީ ދެ ގައުމުގެ ދެމެދުގައި އުފެދިފައި ހުރި ހިލާފުތައް ފޮޅާލައި ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރުމަށް ދެއްވި ދައުވަތެއް ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާން މެތޫ މިލާ ވިދާޅުވި އެވެ.

އެމެރިކާ އާއި ޗައިނާ އަކީ ދުނިޔޭގެ ސިޔާސަތުގައި ވާދަވެރިންނެވެ. އެއް ބަޔަކަށް ވުރެ އަނެއް ބަޔަކު ކުރިއަރައި ދިއުމަށް ކުރާ މަސައްކަތްތަކުގައި -- އެމެރިކާގެ ކޮޅުން ފެންނަނީ ޖެއްސުންކުރުމެވެ. ޗައިނާ ބުނަނީ އެންމެ ރަނގަޅު ގޮތަކީ އެމެރިކާއާ އެކު މަސައްކަތްކުރުން ކަމަށެވެ.

މެތޫ މިލާ ވިދާޅުވި ގޮތުގައި މި ދައުވަތަކީ ކުރިންވެސް އޮތް ރޭވުމެވެ. ޗައިނާގެ ޚާރިޖީ ވަޒީރުގެ މަގާމުން މިދާކަށް ދުވަހު ވަކިކުރި ޗިން ގަންގްއަށް ދައުވަތު ދެއްވާ ގޮތަށް ކުރިން އޮތީ ހަމަޖެހިފައި ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންނަމަވެސް، ޗައިނާގެ ސިޔާސަތަށް ކުއްލިއަކަށް ގެނައި ބަދަލެއްގައި ޗިން ގަންގް ވަނީ ހާރިޖީ ވަޒީރުގެ މަގާމުން ދުރުކޮށްފަ އެވެ.

އޭނާއަށް ހާރިޖީ ވަޒީރުގެ މަގާމު ލިބިވަޑައިގަތުމުގެ ކުރިންވެސް އެ މަގާމުގައި ހުންނެވި ވާންގް ޔީ އެވެ.

ވާންގް ޔީ ހުންނެވީ ވޮޝިންގްޓަނުން ދެއްވި ދައުވަތު ގަބޫލުކުރާ ގޮތައްތޯ މެތޫ މިލާއާ ސުވާލުކުރުމުން އާނއެކޭ ވިދާޅެއް ނުވެ އެވެ. އެކަމަކު ވިދާޅުވީ ވާންގް ޔީ ވޮޝިންގްޓަނަށް ވަޑައިގަތުމަކީ ކުރައްވާ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ.

ޗައިނާގެ މަތީ ފެންވަރުގެ ވަޒީރަކު އެމެރިކާއަށް ވަޑައިގަތުމަށް ދައުވަތު ދިނުމަކީ ވޮޝިންގްޓަނުން ކޮށްފާނެ ކަމެއްބާއޭ ބަޔަކު ހިތައް އަރާފާނެ އެވެ. ސަބަބަކީ އެމެރިކާގެ ސިޔާސަތުގައި ބީޖިން އެކަހެރިކުރަން ވިސްނާފައި އޮތުމެވެ.

މިއީ އަމަލީ ގޮތުން ވެސް އެމެރިކާގެ ކިބައިން މިއަދު ފެންނަ ހަރަކާތެވެ.

ވާންގް ޔީ ވޮޝިންގްޓަނަށް ވަޑައިގަތުަމަށް އަދި ވަކި ތާރީހެއް ނެތް ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ސެޕްޓެމްބަރުގައި ނިއުޔޯކްގައި އޮންނަ އދގެ އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަތުމަށް ވާންގްޔީ އެމެރިކާއަށް ވަޑައިގަތުމުން މަޝްވަރާކުރެއްވުމަކީވެސް އޮތް ވިސްނުމެއް ކަމަށެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން، ޖުލައި މެދުތެރޭގައި އިންޑޮނީޝިއާއަށް ކުރެއްވި ދަތުރެއްގައި -- އެސޯސިއޭޝަން އޮފް ސައުތުއީސްޓް އޭޝިއަން ނޭޝަންސް (އާސިއާން)ގެ ބައްދަލުވުމަކަށް ވަޑައިގެން -- ވާންގް ޔީއާ ބައްދަލުކުރެއްވި އެވެ.

މި ދަތުރަށްފަހު އެމެރިކާގެ މާލީ ވަޒީރު ޖެނެޓް ޔެލަން އަދި ރައީސް ޖޯ ބައިޑަންގެ މޫސުމާ ބެހޭ ހާއްސަ މުޝީރު -- ޖޯން ކެރީ ވެސް ވަނީ ޗައިނާއަށް ވަޑައިގެންފަ އެވެ.