އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިއެޓްނާމްގެ ވެރިރަށް ހެނޯއީއަށް ވަޑައިގެންފި އެވެ. އޭނާ ވިއެޓްނާމަށް މި ވަޑައިގަތީ، އިންޑިއާގެ ނިއުދިއްލީގައި އޮތް ޖީ20 ސަމިޓް ނިންމަވާލެއްވުމަށް ފަހު، އަރާމުކުރެއްވުމަށް ހިނދުކޮޅެއް ވެސް މަޑުނުކުރައްވަ އެވެ.
ބައިޑަން ވިއެޓްނާމްއަށް ވަޑައިގެން އުޅުއްވާ ސަބަބާ ބެހޭ ގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ވިދާޅުވީ -- ޗައިނާއާ މިހާ ގާތަށް ވަޑައިގެން އުޅުއްވި ނަމަވެސް، ޗައިނާ ސައިޒުކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޖޯ ބައިޑަން މި މޭރުމުން ވާހަކަދެއްކެވީ، އޭނާގެ ދަތުރާ ބެހޭ ގޮތުން ޗައިނާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނަކާ ގުޅިގެންނެވެ.
ޗައިނާ ޚާރިޖީ ވުޒާރާގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ބައިޑަން ވިއެޓްނާމަށް ވަޑައިގެން ސަރަހައްދީ މަސްލަހަތަށް ގެއްލުމެއް ދެއްވައިގެން ނުވާނެ ކަމަށެވެ.
ސަރަހައްދީ އެކުވެރި ގައުމުތަކަށް ވިސްނުންލައިދީގެން ޗައިނާއާ ދެކޮޅަށް އަޑުއުފުލުމަށް ނިއުޔޯކުން އެއްވެސް ހަރަކާތެއް ހިންގައިގެން ނުވާނެ ކަމަށް ވެސް ޗައިނާގެ ޚާރިޖީ ވުޒާރާއިން ވަނީ ބުނެފަ އެވެ.
ބައިޑަން ވިދާޅުވި ގޮތުގައި އޭނާގެ މި ދަތުރުގެ ބޭނުމަކީ ވިއެޓްނާމާ އެކު އޮތް ގުޅުން ތާޒާކުރެއްވުމެވެ. އަދި އެމެރިކާއިން ވިއެޓްނާމަށް ވެދެވިދާނެ އެހީތެރިކަމާ ބެހޭ ގޮތުން މަޝްވަރާކުރެއްވުމެވެ.
ޗައިނާއަށް މައްސަލައަކަށް ވާނެ އެއްވެސް ކަމެއް ކުރެއްވުމަކީ އެޖެންޑާގައި އޮތް ކަމެއް ނޫން ކަމަށް ވެސް ބައިޑަން ވިދާޅުވި އެވެ.
އެމެރިކާއިން ވިއެޓްނާމާ އެކު ގުޅުން ގާތް ކުރުމަކީ، އެ ގައުމުތަކުން ޗައިނާއާ އެކު ބާއްވާ ގުޅުންތަކަށް ބުރޫއަރުވަން ކުރާ ކަމެއް ނޫން ކަމަށް ވެސް ބައިޑަން ވިދާޅުވި އެވެ. އިންޑިއާއާ އެކު ގުޅުން ބަދަހިކުރުމަކީ ޗައިނާއާ ވާދައަށް ކުރާ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދުނިޔޭގައި ސުލްހަ ގާއިމުވެފައި އޮތުމަކީ އެމެރިކާ އެންމެ އެދޭ ގޮތް ކަމަށާއި، ގައުމުތަކުގެ މެދުގައި މިފަދަ ހާލަތެއް އޮތްތޯ އެމެރިކާ ބަލާނެ ކަމަށް ވެސް ބައިޑަން ވިދާޅުވި އެވެ.
އިންޑިއާ އާއި ޖަޕާން، އޮސްޓްރޭލިއާ އަދި އެމެރިކާ ގުޅިގެން އުފައްދާފައި އޮތް ކުއަޑު ޖަމާއަތަކީ ވެސް، ސަރަހައްދީ މަސްލަހަތު ހިމާޔަތްކުރުމަށް އުފެއްދި ޖަމާއަތެއް ކަމަށް ވެސް ބައިޑަން ވިދާޅުވި އެވެ.
އެމެރިކާ މިފަދައިން ގައުމުތަކުގެ މެދުގައި ބާއްވާ ގުޅުމުގެ ސަބަބުން ޗައިނާއަށް ނޭދެވޭ އަސަރެއް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް ބައިޑަން ވިދާޅުވި އެވެ.