ޖަޕާން

ޖަޕާންގެ ކުރީގެ ބޮޑުވަޒީރު އަބޭ އަވަހާރަވެއްޖެ

Jul 8, 2022
1

ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ހަށިކޮޅަށް ބަޑިޖެހުމާ ގުޅިގެން ފަރުވާ ދެމުން ދަނިކޮށް އަވަހާރަވެއްޖެ އެވެ.

އަބޭގެ ހަށިކޮޅަށް ބަޑި ޖަހާފައިވަނީ ކެމްޕެއިން އެއްވުމެގައި ޖަޕާންގެ ހުޅަނގުގެ ސިޓީއެއް ކަމަށްވާ ނަރާގައި ވާހަކަ ދައްކަވަނިކޮށެވެ.

ޖަޕާންގެ ނޫސްތަކުން ބުނާ ގޮތުން އަބޭ ހަށިކޮޅަށް ބަޑި ޖަހާފައި ވަނީ ފުރަގަހުންނެވެ. އަދި މި ހާދިސާއާ ގުޅިގެން ޖަޕާންގެ ފުލުހުން ވަނީ ނަރާ ސިޓީއަށް ނިސްބަތްވާ ޓެޓްސުޔަ ޔަމަގަމީ ނަމަކަށް ކިޔާ އުމުރުން 41 އަހަރުގެ މީހަކު ހައްޔަރުކޮށްފަ އެވެ. އޭނާ އަކީ ޖަޕާންގެ މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ ކުރީގެ މެންބަރެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ވީޑިއޯ މަންޒަރުތަކުން ފެންނަ ގޮތުގައި ބަޑިޖެހުމާއެކު އަބޭ މޭގައި އަތްއަޅުއްވަ އެވެ. އަދި އިރުކޮޅެއް ނުވެ ހޭފުޅު ނެތިގެން އެތަނަށް ވެއްޓިވަޑައިގަނެ އެވެ.

ބަޑީގެ ވަޒަންތައް ވަނީ އަބޭގެ މެއަށް އަމާޒުވެފަ އެވެ. އަބޭ އަވަހާރަވީ އާދަޔާ ޚިލާފަށް ލޭފޭބުމުގެ ސަބަބުން ހަށިގަނޑަށް ލޭ ބޭނުންވާ ވަރަށް ލޭ ސަޕްލައި ނުކުރެވިގެން ކަމަށްވެ އެވެ.

އަބޭ އަކީ ޖަޕާންގެ ތާރީހުގައި އެންމެ ގިނަ ދުވަހު ބޮޑުވަޒީރު ކަން ކުރެއްވި ބޭފުޅާ އެވެ. ޖަޕާންގެ ބޮޑުވަޒީރު ކަމަށް އަބޭ އެންމެ ފުރަތަމަ ވަޑައިގަތީ 2006 ވަނަ އަހަރު އެވެ. އެއަށްފަހު 2012 – 2020 އަށް ވެސް ބޮޑުވަޒީރުގެ މަގާމު އަދާކުރެއްވި އެވެ.

އަބޭ އަށް ހަމަލާދީ އަވަހާރަކޮށްލި ޚަބަރު ލިބުމާ އެކު ދުނިޔޭގެ ލީޑަރުން ގެންދަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކުރައްވާ ޖަޕާންގެ ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވަމުންނެވެ.