ދުނިޔެ

ޖަޕާނަށް އާ ބޮޑުވަޒީރަކު އޮކްޓޯބަރު 4 ގައި

ޖަޕާނަށް އާ ބޮޑުވަޒީރަކު ހޮވުމަށް ޕާލިމެންޓުގެ އެކްސްޓްރާ އޯޑިނަރީ ސެޝަނެއް އޮކްޓޯބަރު ހަތަރެއްގައި ބާއްވަން އުއްމީދު ކުރައްވާ ކަމަށް ޖަޕާންގެ ޗީފް ކެބިނެޓް ސެކްރެޓަރީ ކަޓްސުނޯބު ކަޓޯ ވިދާޅުވެއްޖެ އެވެ.

ބޮޑުވަޒީރު ކަމުގައި މިހާރު ހުންނެވި ޔޮޝިހިޑޭ ސުގާ ސެޕްޓެމްބަރު ތިނެއްގައި ވިދާޅުވި ގޮތުން ވެރިކަން ކުރާ ޕާޓީގެ ލީޑަރު ކަމަށް އޭނާ ދެން ވާދައެއް ނުކުރައްވާނެ އެވެ. އޭގެ މާނަ އަކީ ސުގާ ބޮޑުވަޒީރުގެ މަގާމުގައި ދެން ނުހުންނަވާނެ ކަމެވެ. އޭނާ ވަނީ އިސްތިއުފާ ދެއްވަން ގަސްދުކުރައްވާ ކަމަށްވެސް ވިދާޅުވެފަ އެވެ.

ޖަޕާނުގައި އޮންނަ ގޮތުން ބޮޑުވަޒީރުކަން ކުރައްވަނީ އަޣުލަބިއްޔަތު އޮންނަ ޕާޓީއެއްގެ ލީޑަރުކަމުގައި ހުންނަވާ ބޭފުޅެކެވެ. އެހެންކަމުން ޕާޓީގެ ލީޑަރު ކަމުން ސުގާ ވަކިވެ ވަޑައިގަތުމުން ލީޑަރު ކަމަށް އާ ބޭފުޅަކު ހޮވަންޖެހެ އެވެ.

ވެރިކަންކުރާ ލިބަރަލް ޑިމޮކްރެޓިކް ޕާޓިގެ ލީޑަރު ކަމަށް ވަޑައިގަންނަވާނެ ބޭފުޅަކު އަދި ނޭނގެ އެެވެ. ވަކި ބޭފުޅަކު ކަނޑައަޅާނީ ސެޕްޓެމްބަރު 29 ގައި އޮންނަ އެ ޕާޓިގެ ބައްދަލުވުމުގަ އެވެ.

ޖަޕާންގެ ބޮޑުވަޒީރު ކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައި ތިއްބެވި ބޭފުޅުންގެ ތެރޭގައި ޖަޕާންގެ ފޮރިން މިނިސްޓަރުކަމާއި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ތަރޯ ކޯނޮ ހިމެނެ އެވެ. އޭނާ މިހާރު އަދާކުރައްވަނީ އެޑްމިނިސްޓްރޭޓިވް ރިފޯމް މިނިސްޓަރުގެ މަގާމެވެ. ވެރިކަންކުރާ ޕާޓީގެ ލީޑަރު ކަމަށް ކުރިމަތިލައްވާނެ ކަމަށް އޭނާ އޮތީ ވިދާޅުވެފަ އެވެ.

ވެރިކަން ކުރާ ޕާޓީން ލީޑަރަކު ކަނޑައެޅުމުން ދެން އޮންނާނީ މަޖިލީހުން ރުހުން ހޯދުމެވެ. އެއީ ވޯޓަކުންކުރާ ކަމެކެވެ.