ދުނިޔެ

ޕާޓީއަށް ބޭނުންވަނީ އާ ލީޑަރެއް، އިސްތިއުފާ ދެއްވާނަށް: ފުމިއޯ ކިސިދާ

ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިސިދާ އަންނަ މަހު އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެއްޖެ އެވެ. ޕާޓީގެ ލީޑަރުކަމުން އިސްތިއުފާދެއްވުމުން ބޮޑުވަޒީރުގެ މަގާމުންވެސް އޭނާ ވަކިވާނެ އެވެ.

ފުމިއޯ ކިސިދާ ވިދާޅުވީ ޖަޕާންގައި ވެރިކަންކުރާ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) އަށް އާ ލީޑަރެއް ބޭނުންވާ ކަމަށާއި ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވުމުން އެހެން މީހަކަށް އެ ފުރުސަތު ލިބޭނެ ކަމަށެވެ.

ޕާޓިގައި ދެމިހުންނެވި ނަމަވެސް، ޕާޓީގެ މަގަމަކަށްވެސް ދެން ކުރިމަތިނުލައްވާނެ ކަމަށް ކިޝިދާ ވިދާޅުވި އެވެ.

ޖަޕާންގެ ބޮޑުވަޒީރުގެ މަގާމަށް ކިސިދާ އައްޔަންކުރީ އޮކްޓޯބަރު 2021 ގައެވެ. އޭނާގެ ވެރިކަމުގައި ޖަޕާނަށް ފަހި ދުވަސްތަކެއް އަންނާނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރި ނަމަވެސް، އާންމުންގެ މެދުގައި އޭނާއަށް އޮތް ތާއީދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

ކިސިދާގެ ސަރުކާރުގައި ސިޔާސީ ޚިޔާނާތް އިތުރުވުމާއި ޖަޕާންގައި ދިރިއުޅުމުގެ ޚަރަދު ބޮޑުވުން ވަނީ ސަރުކާރަށް ހައްލުކުރަން ދަތި މައްސަލަތަކަކަށް ވެފަ އެވެ. އަދި މިފަދައިން ރައްޔިތުންނާ ގުޅުން ހުރި ގިނަ މައްސަލަތަކެއް ހައްލުނުވެ ދިގުލައިގެން ދިއުމުގެ ސަބަބުން ގައުމުގެ ތެރޭގައިވެސް ވަނީ ހަމަނުޖެހުންތައް އިތުރުވެފަ އެވެ.

ކިސިދާ ވީދާޅުވީ އެލްޑީޕީގެ ރައީސްގެ މަގާމު ދޫކޮށްލެއްވުމަކި ފަސޭހަކަމެއް ނޫން ކަމަށެވެ. އެކަމަކު ރައީސްގެ މަގާމު ދޫކޮށްލައްވަން ނިންމެވީ ރައްޔިތުންނަށްޓަކައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕޮލިޓިކްސް އަކީ ރައްޔިތުން ކަމަށާއި ރައްޔިތުންނާ ނުލައި ޕޮލިޓިކްސް ހަރަކާތްތެރި ނުވާނެ ކަމަށް ވެސް ކިސިދާ ވިދާޅުވި އެވެ.

ކިސިދާއަށް ފަހު ޕާޓީ ހިންގާނެ ލީޑަރަކުން އެލްޑީޕީ އައްޔަންކުރާނެ އެވެ. މިކަމަށްޓަކައި އަންނަ ސެޕްޓެމްބަރުގައި ޕާޓީ ތެރެއިން ކެންޑިޑޭޓުންނާ އިންޓަވިއުކުރުން އޮންނާނެ އެވެ.

މި ގޮތުން ޕާޓީގެ ރައިސްގެ މަގާމަށް އައްޔަންކުރެވޭ ކެންޑިޑޭޓަކު ޖަޕާންގެ ބޮޑުވަޒީރުގެ މަގާމަށް އައްޔަންކުރެވޭނެ އެވެ.