އެޗްއާރްސީއެމް

އެޗްއާރްސީއެމްގެ މެމްބަރުކަމަށް ލީޒާގެ ނަން

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) މެމްބަރު ކަަމަށް ށ. ކޮމަންޑޫ، އޭރީސް / އައިޝަތު ލީޒާ ގެ ނަން ހުށަހަޅުއްވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލީހަށް މިއަދު ފޮނުއްވެވި ސިޓީއެއްގައި އެ މަގާމަށް ލީޒާގެ ނަން ހުށަހަޅުއްވައި އެ މަގާމަށް އޭނާ އައްޔަން ކުރަން ވަނީ އެދިވަޑައިގެންފަ އެވެ.

އެޗްއާރްސީއެމްގެ މެންބަރު ކަމަށް ކުރިމަތިލެއްވި އިތުރު ބޭފުޅުންގެ ނަންތައް ވެސް މަޖިލީހަށް ފޮނުވި އެވެ. ނަމަވެސް އެ ބޭފުޅުންގެ ނަންތައް ހާމައެއް ނުކުރެ އެވެ. ކޮމިޝަންގެ މެންބަރުންގެ ތެރެއިން ގޮނޑިއެއް ހުސްވީ ކުރިން ހުންނެވި މެންބަރެއްގެ ދައުރު ހަމަވެގެނެވެ. ލީޒާގެ ނަން ދިރާސާ ކުރަން މިއަދު ވަނީ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީއަށް ފޮނުވާފަ އެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެޗްއާރުސީއެމްގައި މިހާރު ތިއްބަވަނީ އައިމިނަތު ޝަފާއަތު އަބްދުއް ރައްޒާގާއި މުއުމިނާ ވަހީދުގެ އިތުރުން ޑރ. އަހުމަދު އަދުހަމް އަބްދުﷲ އަދި މަރިޔަމް މުނާއެވެ. މިދިޔަ ޖުލައި މަހު އެޗްއާރުސީއެމްގެ ރައީސް އައިޝަތު އީނާޒް އިސްތިއުފާ ދެއްވިއިރު ހަަމަ އެ މަހު އެ ކޮމިޝަންގެ ނާއިބު ރައީސް ޒާހިދު ވަކި ކުރިއެވެ. އޭގެ ފަހުން ރައީސްއާއި ނާއިބު ރައީސްގެ މަގާމަށް ބޭފުޅަކަށް އައްުޔަނުނުކުރައްވަ އެވެ.