ރައްޔިތުންގެ މަޖިލިސް

އީސީ ހަބީބް އެޗްއާރުސީއެމްއަށް އައްޔަންކުރުމަށް ފާސްކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރު ކަމަށް އިސްމާއީލް ހަބީބް އަބްދުއްރަހީމް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ނިންމައިފި އެވެ.

ހަބީބް އެޗްއާރްސީއެމްގެ މެމްބަރަކަށް އައްޔަން ކުރުމަށް ނިންމީ މިއަދު ބޭއްވި ހިއުމަން ރައިޓްސް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. ނަމަވެސް ކޮމިޓީގެ ނިންމުމާ އެއްގޮތަށް އަމަލުކުރެވޭނީ މަޖިލީހުގެ ތަޅުމުންވެސް ކޮމިޓީގެ ނިންމުމާ އެއްގޮތަށް ހަބީބްގެ ނަން ފާސްކޮށްގެންނެވެ.

އެޗްއާރްސީއެމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް ރައީސް އޮފީހުން އެ ފުރުސަތު ހުޅުވާލީ މިދިޔަ ޖޫން ހަވަނަ ދުވަހު އެވެ. ކުރިމަތިލުމުގެ މުއްދަތު ހަމަވީ މިދިޔަ ޖޫން 30 ވަނަ ދުވަހު އެވެ.

އެޗްއާރްސީއެމްގެ މެންބަރު ކަމަށް ހުޅުވާލީ އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޑރ. އަހްމަދު އަދުހަމް އަބްދުﷲ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެޗްއާރްސީއެމްގެ މެންބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ ކޮމިޝަންގެ މެންބަރު ކަމަށް ހަބީބް އައްޔަންކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީ މިއަދު ވަނީ މަޖިލީހުގެ ތަޅުމުގައި އިއްވާފަ އެވެ.