އެޗްއާރްސީއެމް

އެޗްއާރްސީއެމް އިން މަޖިލީހަށް ފާޑުކިޔައިފި

އެޗްއާރްސީއެމްގެ ފަސް މެންބަރުން މަޖިލީހުގެ ކުރީގެ ރައީސް އަދި މިހާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު (މ)ގައި އާއި އެކު
0%
0%
0%

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މަޑުޖެހި އެންމެ ފުރިހަމައަށް ހިނގަމުން ނުދާތީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް)އިން މަޖިލީހަށް ފާޑުކިޔައިފި އެވެ.

އެޗްއާރްސީއެމް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ދިވެހި ރައްޔިތުންނާއި ދިވެހި ރާއްޖޭގައި ދިރިއުޅޭ އެންމެންގެ ހައްގުތަކާ ގުޅުންހުރި ބިލްތަކުގެ މަސައްކަތް މަޖިލީހުގައި ފުރިހަމައަށް ކުރިއަށް ނުދިއުމަކީ ގާނޫނީ ނިޒާމުގެ ތެރެއިން ހައްގުތައް ކަށަވަރުކުރުމަށް އެޅިގެންދާ ހުރަހެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ފުރިހަމައަށް ކުރިއަށް ނުދިއުމަކީ ގާނޫނުއަސާސީގެ ތިންބާރު ވަކިވެފައި އޮތުމާއި އެއްބާރު އަނެއްބާރަށް ފާރަވެރިވެ ހަރަކާތްތެރިވުމަށްވެސް ހުރަސްއެޅޭ ކަމެއްގެ ގޮތުގައި އެޗްއާރްސީއެމް އިން ބަޔާނުގައި ސިފަކޮށްފައިވެ އެވެ.

މީގެ އިތުރުން ރައްޔިތުންގެ މައްސަލަތައް ބަލައި އިދާރާތަކާއި މުއައްސަސާތައް ދިރާސާކޮށް ލަފާދިނުމުގައި އެންމެ އެކަށީގެންވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން މަސައްކަތް ނުކުރެވުމަކީވެސް އެޗްއާރްސީއެމްއިން ކަންބޮޑުވުން ފާޅުކުރި ކަމެކެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅުން ހުރި ގާނުނީ ނިޒާމުތައް ހަރުދަނާކުރުމަށާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރެއްގެ ދައުރު ހަމަވެ މަޖިލީހުން އެ މެންބަރު އައްޔަން ނުކުރެވި އޮތުމަކީ ދަތިތަކެއް ދިމާވާނެ ކަމެއް ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި މަޖިލިސް މިއަދު ޗުއްޓީއަށް ދިއުމަކީ އީސީގެ ގާނޫނީ ޒިންމާ އަދާކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއް ކަމުގައިވެސް އެޗްއާރްސީއެމް އިން ބުންޏެވެ.

ގާނޫނުއަސާސީގެ ފަސްވަނަ މާއްދާއާއި 70 ވަނަ މާއްދާގެ ދަށުން ގާނޫނުތައް ހެދުމުގެ ބާރު ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށެވެ. އެހެންކަމުން އެ މަޖިލީހުގެ މަސައްކަތް ފުރިހަމައަށް ކުރިއަށް ނުދިއުމަކީ އިންސާނީ ހައްގުތަކާ ގުޅުންހުރި ގާނޫނީ ނިޒާމަށް ހުރަސް އެޅިގެންދާނެ ކަމެއް ކަމުގައިވެސް އެޗްއާރްސީއެމް އިން ބުނެފައިވެ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910