ހަބަރު

ކޮމިޝަންތަކުގެ މެންބަރުންގެ މާލީ ބަޔާން ހާމަކުރުން ލާޒިމު ކުރަނީ

އީސީގެ މެންބަރުން އަހްމަދު އަކުރަމް (ވ) އާއި އޭސީސީ ރައީސް މުއައްވިޒް ރަޝީދު: މިނިވަން ކޮމިޝަންތަކުގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފި -- ފޮޓޯ: އަވަސްފައިލް
0%
0%
0%

ބައެއް މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު ކޮމިޝަންތަކުގެ މެންބަރުންގެ މާލީ ބަޔާން ހާމަ ކުރަން ޖެހޭ ގޮތަށް އެ ކޮމިޝަންތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ މުސްތަގިއްލު ބައެއް ކޮމިޝަންތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުގެ ފަރާތުން ފޮނުވާފައިވާ ކަމަށެވެ. އެ ގޮތުން އިސްލާހު ގެނައުމަށް ހުށަހެޅީ ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނާއި، އޮޑިޓާ ޖެނެރަލްގެ ގާނުނާއި، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ގާނޫނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ގާނޫނާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ގާނޫނުގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ގާނޫނަށެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެ ގާނޫނުތަކަށް އެ ސަރުކާރުން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި އެފަދަ ކޮމިޝަންތަކުގެ އިސް މަގާމުތައް އަދާ ކުރައްވާ ބޭފުޅުންނަކީ ކޮރަޕްޝަންގެ ނުފޫޒުން އެއްކިބާވެ މަސައްކަތް ކުރައްވާ ބޭފުޅުން ކަން ކަށަވަރުކުރުމަށް މަގާމު އަދާ ކުރައްވާ ބޭފުޅާއާއި އޭނާގެ އާއިލާގެ މެންބަރުންގެ މާލީ ބަޔާން ހާމަ ކުރުން ލާޒިމު ކުރުން ހިމެނެ އެވެ.

އެ ގޮތަށް އެ ގާނޫނުތަކަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން އެމްޑީޕީން މެންބަރުން ނިމިދިޔަ އަށާރަވަނަ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހެޅި އެވެ. އެ އިސްލާހުތައް މަޖިލީހުގެ ތަޅުމަށް ބަލައިގަތް ނަމަވެސް މަޖިލީހުގެ ދައުރު ހަމަވުމުގެ ކުރިން އިސްލާހުތައް ފާސްވެފައެއް ނުވެ އެވެ. މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، ކުރިން މަޖިލީހަށް ހުށަހެޅި ބިލެއް އެ މަޖިލީހުގެ ދައުރު ހަމަވުމުގެ ކުރިން ފާސްނުވެއްޖެނަމަ އާ މާޖިލީހަށް އެ ބިލެއް ޖެހޭނީ އަލުން ހުށަހަޅާށެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް: ސަރުކާރުން ވަނީ ޕީޖީގެ ގާނޫނަށް ވެސް އިސްލާހު ހުށަޅާފައި --

އޭގެ އިތުރުން، ކޮމިޝަންތަކުގައި ތިއްބަވާ މެންބަރުންނަކީ އަމިއްލަ ވިޔަފާރިކޮށް ނުވަތަ މަސްލަހަތު ފުށުއަރާ ފަދަ އެހެނިހެން މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަކަށް ވެގެން ނުވާނެ ކަމަށް ގާނޫނުގައި ބަޔާން ކުރަން އެ އިސްލާހުގައިވެ އެވެ. އަދި އެ މަގާމުތައް އަދާކުރައްވާ ބޭފުޅުންގެ ސުލޫކީ މިންގަނޑުތަކެއް ގާނޫނުގައި ކަނޑައަޅައި، އެ މިންގަނޑުތަކާއި ހިލާފުވެއްޖެނަމަ އެޅޭނެ ފިޔަވަޅުތައް ގާނޫނުގައި ބަޔާން ކުރުމަށް ވެސް އެ އިސްލާހުގައިވެ އެވެ.

ކޮމިޝަންތަކުގެ މެންބަރުން މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން، އެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވެ، ޖަވާބުދާރީވެ، ކޮމިޝަނާ ގުޅުން ހުރި ކަންކަމާ ގުޅޭ ގޮތުން މަޖިލީހުން ހޯދައި ބަލަން ޖެހޭ ކޮންމެ ކަމެއްގައި އިޖާބީ ގޮތެއްގައި އެއްބާރުލުން ދިނުމަށް ގާނޫނުގައި ބަޔާން ކުރުމަށް ވެސް އެ އިސްލާހުތަކުގެ ތެރޭގައި ހިމެނެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910