މުވައްޒަފުންތަކަކަށް ޖިންސީގޯނާ ކުރުމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވަނިކޮށް އެ މީހަކަށް ކުރިން ހިމާޔަތްދީފައިވާ ގައުމަކަށް ދިއުމަށް ހުއްދަ ދިނުމަކީ ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓް ކުރުމަށް އެޅުނު ބޮޑު ހުރަހެއް ކަމަށް ކުރީގެ ވަޒީރު އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަނީސާ އަހުމަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން ނެރެފައިވާ އަމުރު ބާތިލުކޮށްލުމުން ބޭސްފަރުވާއަށް ބޭރަށް ވަނީ ވަޑައިގެންފައެވެ. އަލީ ވަހީދު ވަޑައިގެންނެވީ އިނގިރޭސިވިލާތަށް ކަމަށް އެނގިފައިވެއެވެ. ރައީސް ޔާމީންގެ ސަރުކާރުގައި މޭޑޭގެ ހާދިސާއާ ގުޅިގެން ދައުވާ އުފުލުމުންވެސް އަލީ ވަހީދު ވަޑައިގެންނެވީ އިނގިރޭސިވިލާތަށެވެ. އެ ވެރިކަން ބަދަލުވަންދެން ހުންނެވީ އެ ގައުމުގައެވެ.
ޖިންސީ ގޯނާކުރުމުގެ ދައުވާ އުފުލާފައިވާ އަލީ ވަހީދުގެ ޕާސްޕޯޓު ކްރިމިނަލް ކޯޓުން ދޫކޮށްލާފައި ވަނީ އޭނާގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ޖެހޭކަން ޑޮކްޓަރުން ކަށަވަރުކޮށްދިނުމުން ކަމަށް ކޯޓުން ބުންޏެވެ. އެމަނިކުފާނާއި ޖާމިނުވާނެ ފަރާތެއް ވެސް ހުށަހަޅާފައިވާތީ ޕާސްޕޯޓު ދޫކުރީ ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ.
އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައިވާއިރު، އޭގެ ތެރޭގައި ޖިންސީ ކުށުގެ ގާނޫނުގެ ގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ އާއި އެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭ އަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ކުށުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ އާއި އެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ގާނޫނުލްއުގޫބާތުގެ 412 ވަނަ މާއްދާ އާއި އެ ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ އެކެވެ.
އެކަމަށް އިޝާރާތްކުރައްވާ އަންހެނުންގެ ހައްގުތަކަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވާ އަނީސާ ވިދާޅުވީ މުވައްޒަފުންތަކަކަށް ޖިންސީގޯނާ ކުރުމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވަނިކޮށް އެ މީހަކަށް ކުރިން ހިމާޔަތްދީފައިވާ ގައުމަކަށް ދިއުމަށް ހުއްދަ ދިނުމަކީ ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓް ކުރުމަށް އެޅުނު ބޮޑު ހުރަހެއް ކަމަށެވެ.
"ރިޕޯޓުކުރުމަށް ފަސްޖެހެނީވެސް މުއަައްސަސާތަކުން ސީރިއަސްކޮށް ނުނަގާތީ،" ރައީސް ސޯލިހާއި ޕީޖީ އޮފީހަށް ޓެގް ކުރައްވާ އަނީސާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
އަނީސާ ވަނީ ޖިންސީ ގޯނާގެ ތުހުމަތު ކުރިން ކުރެވުނު ސަރުކާރުގެ ވެރިން ހިމާޔަތްކުރި އުސޫލުން ހިމާޔަތް ކުރާ ބޭފުޅަކަށް އަލީ ވަހީދު ވެވަޑައިނުގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުއްލިގޮތަކަށް ބޭރަށް ވަޑައިގެންނެވިކަން ފުރަތަމަ އެނގުނީ ނޫސްތަކުގައި ލިޔެފައިވާ ހަބަރުތަކުން ކަމަށް ސަރުކާރުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒް މިއަދު ވަނީ ވިދާޅުވެފައެވެ. ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި މަބުރޫކް ވިދާޅުވީ "ކުރީގެ މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވި ވާހަކަ ފުރަތަމަ ދެކުނީ ހަބަރުން" ކަމަށެވެ.