ރާ އްޖެ ޓީވީގެ "މަސްވެރިންގެ ސައްލާ" ޕްރޮގްރާމަކީ ރަނގަޅު ޝޯއެކެވެ؛ ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭ އޮންނަ އެ ޝޯގެ މިދިއަ ބުރާސްފަތި ހާއްސަ ކޮށްފައިވާ ވަނީ ހުއިފިލަނޑާގެ މަސްވެރިންނަށެވެ. އައްޑިހައިގައިވެސް އޮތް އެ މަސްވެރި ކަމަށް ރަސްމީ ސިފައެއް އައީ 1990 ކުރީކޮޅުން ފެށިގެނެވެ. އަދިވެސް އެއީ ރަސްމީ އެއްވެސް ތަރުތީބެއް ނެތް އެކަމަކު ވަރުގަދަ ނަފައެއް ހޯދިދާނެ ކަން އެނގޭ ވިޔަފާރިއެކެވެ. ނަމަވެސް 1992 އެހާކަން ހިސާބުން ފެށިގެން ސަރުކާރުގެ ގަވައިދެއްގެ ތެރެއިން ފުޅި އަޅައިގެން ޑައިވްކޮށް ހުއިފިލަނޑާ ނަގުމަކީ މަނާ އަދި ޖޫރިމަނައެއް ކުރެ އެވެ.
"މަސްވެރިންގެ ސައްލާ" ޕްރޮގްރާމްގައި ބައިވެރިވާން ރާއްޖެ ޓީވީއަށް ވަޑައިގެންނެވީ ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އާދަމް ޒިޔާދާއި މެރައިން ރިސާޗް އިންސްޓިޓިއުޓުގެ ސީނީއާ ރިސާޗް އޮފިސަރު ސާރާ އެވެ. ދެން އޮންލައިންކޮށް ބައިވެރިވީ ލަންޑާގެ މަސްވެރިކަން ޒަމާނުއްސުރެ އެންމެ ފުޅާކޮށް ކުރާ އެއް އަތޮޅުގެ އެންމެ މުހިންމު އެއް ރަށް ކަމަށްވާ މަޑުއްވަރީގެ އެންމެ ގިނަ ޒމާންތަކެއްވަން ދެން އެ މަސައްކަތް ކުރެއްވި މިއަދު މަޑުއްވަރީ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ އާއި ލ. ގަމަށް ނިސްބަތްވާ އާދަމް ސޮލާހެވެ.
އެންމެ ފަހުގެ ސައްލާގައި ވާހަކަ ދެކެވުނު އެއް ކަމަކީ ފުޅި އަޅައިގެން ޑައިވްކޮށް ހުއިފިލަނޑާ ނަގާ މައްސަލަ އެވެ. އަދި ފްރީ ޑައިވްގައި ހުފިލަނޑާ ނަގާނަމަ އޮތް ނުރައްކަލެވެ. ހުއިފިލަނޑާގެ މަސްވެރި ކަމުގެ މެނޭޖްމެނަޓް ފްރޭމްވޯކެއްގެ ތެރެއަށް އެ ވިޔަފާރި ފެއްތުމެވެ. މި ނުކުތާތަކުގެ މައިގަނޑު ޕޮއިންޓް ގޮސް ގުޅެނީ އަލަށް ތަސްދީގު ކުރި މަސްވެރި ކަމުގެ ގާނޫނުގެ ތެރެއަށެވެ. އަދި ހުއިފިލަނޑާގެ ސްޓޮކް ހުސްވުމާބެހޭ ގޮތުން ސަރުކާރު ދައްކާ ވާހަކައިގެ ތެރެއަށެވެ.
އެކަމަކު ރާއްޖެ ޓީވީގެ މަޝްހޫރު ހޯސްޓް އާމިރު ސަލީމާއެކު އެ ސައްލާ އެހެން ދިމާއަކަށް ފުރޮޅައިލީ ސައްލާގައި ބައިވެރިވި ލާމުގެ މަސްވެރިޔާ ސޮލާހެވެ. އޭނާ ވަނީ ފިޝަރީޒްގެ ޑިރެކްޓަރު ޖެނެރަލް ހައިރާން ކޮށްލައްވައި ސީނިއާ ރިސާޗް އޮފިސަރުގެ ބަސް ހުއްޓޭ ވަރަށް މައުލޫމާތު ބަންޑުކޮށްލާފަ އެވެ. ސޮލާހު ބުނި ގޮތުން އޭނާއަކީ 18 އަހަރުވަން ދެން ހުއިފިލަނޑާގެ މަސްވެރިކަން ކޮށް ތަޖުރިބާތަކެއް އޮތް މަސްވެރިއެކެވެ. އޭނާ އެ މަސައްކަތް ކުރަނީ ފުޅި އަޅައިގެން ކުރާ ޑައިވެއްގަ އެވެ. އެ ޑައިވް ކުރަނީ ޕަޑީގެ ކޯސް ހަދައި ޕްރޮފެޝަނަލް މިންގަނޑުގަ އެވެ.
ފްރީ ޑައިވް، ފުޅި ޑައިވަށް ބަދަލުވީ ތޮޅިޖަހާތީ
ހުއިފިލަނޑާގެ މަސްވެރި ކަމުގައި ފްރީ ޑައިވް ދޫކޮށްލައި ފުޅި އަޅައިގެން ޑައިވް ކުރަން މަޖުބޫރުވީ ފްރީ ޑައިވްގައި ދެފެން ދޭތެރެއިން މެއަށާއި ބޮލަށާއި ލޮލަށް ތޮޅި ޖަހާތީ އެވެ. -- ތޮޅި ޖަހަނީ ފްރީޑައިވްގައި އަލި ކުރުމަށް ބޭނުން ކުރާ ލައިޓަށް ތޮޅި ޓްރިގާވާތީ އެވެ. އެއީ ގަސްދުގައި ދޭ ހަމައެއް ނޫނެވެ. އެކަމަކު ތޮޅި އައްޔަށް ބީތާވެ ރޯނާ ވެގެން ފުމެ ގަތުމާއެކު މީހާގެ ގަޔަށް އަމާޒުވާ ހަމާލާއަކަށް ބަދަލުވަނީ އެވެ.
"ތޮޅި ޖަހާތީ ޑައިވް ކުރަން މަޖޫބޫރުވަނީ! [ފްރައި ޑައިވްގައި] ބައެއް މީހުންގެ ކަރަށް މެއަށް ލޮލަށް ބޮލަށް ތޮޅި އެބަޖަހާ، އަޅުގަނޑުގެ މެއަށް ވެސް ތޮޅި ޖެހި... މި މަސްވެރިކަމުގައި ޑައިވް ކުރުމުން ތޮޅީގެ އުނދަގުލުން ސަލާމަތް ވެވިދާނެ! އެކަމަކު މިހާރު މައުލޫމާތު އެބަ ލިބޭ ހުއިފިލާނޑާ މިގޮތަށް ނެގުން މަނާ ކުރަން އުޅޭ ކަމަށް. މި މަސައްކަތް ހުއްޓި، މި ވިޔަފާރިއަށް ނިމުން އަންނަ ފަދަ ވާހަކަތައް އިވެން ފެށުމުން ކަންބޮޑުވޭ،" އޭނާ ބުންޏެވެ. "ހުއިފިލަނޑާގެ މަސްވެރިންނަށް މިހާރު މައުލޫމާތު ލިބޭނީ ކަރީ ފިޝް ނެގުން ވެސް މަނާކޮށްލާ ވިސްނުމެއް ގެންގުޅޭ ކަމަށް... ހުދު ބަޓް ކަޅު ބަޓަކީ ވަރަށް މަދުން ފެންނަ އެއްޗެއް! އަނެއްކޮޅުން ފުޅި ޑައިވްކޮށްގެން ކަރީފިޝް ނެގުން މަނާ ކޮށްފިއްޔާ އަޅުގަނޑުމެނަށް މަޖުބޫރުވޭ ފްރީ ޑައިވްގައި ހުައިފިލަނޑާ ނަގަން... އެއީ ރޭގަނޑުގައި ނެގޭ އެއްޗެއް އެ ނަގަން ފްރީ ޑައިވް ކުރާއިރު ގެންގުޅޭ ބައްތީގެ އައްޔަށް ތޮޅި ޖަހާ އާންމުކޮށް ތިލައިގައި ފުމެމުން އައިސް ޖަހާނެ. އެހެންވެ ހުއިފިލަނޑާގެ މަސްވެރިން ފުޅި އަޅައިގެން ޑައިވް ކުރުން މަނާކޮށްފިއްުޔާ ހުއިފިލަނޑާގެ މަސްވެރި އާބާދީ ރިސްކެއްގެ ތެރެއަށް އެ ދަނީ... ފަހަރުގައި ދާއިރާ ދޫކޮށްލާފައި ދާން ވެސް ޖެހިދާނެ. އަދި މަސްވެރި ކަމަށް އޭނާ ކޮށްފައި އޮންނަ އިންވެސްޓް ވެސް ހިނގައިދާނެ."
ސޮލާހު ބުނާ ގޮތުގައި ފްރީ ޑައިވެއް ރައްކާތެރި ކަމާއެކު ކުރެވޭނީ އެހެން ޒާތެއް ހެދުމެއް އަޅައިގެން ނުނީ ކޮއްޓެގެ ތެރޭގައި ހުރެގެން އަދި ކޮންމެ ވެސް އެހެން އާޓެކްނޮލޮޖީއެއް އުފަން ވެގެނެވެ. ދިވެހި ރާއްޖެއަކަށް އަދި އެ ދުވަހެއް ނާދެ އެވެ.
ފިޝަރީޒުގެ ޑިރެކްޓާ ޖެނެރަލް އާދަމް ޒިޔާދަކީ މަސްވެރިކަމުގެ ދާއިރާގެ ބޭފުޅެކެވެ. ތަޖުރިބާކާރެކެވެ. އޭނާ ވިދާޅުވި ގޮތުގައި ހުއިފި ލަނޑާގެ މަސްވެރިކަން މަނާ ކުރާ އަޑުތަކެއް ފެތުރިފައި އޮވެދާނެ އެވެ. އެހެންވެފައި އޮތަސް އޮންނާނީ މަސްވެރި ކަމުގެ އާ ގާނޫނު ދާދި ފަހުން ތަސްދީގު ވުމާއެކު އަންނަ ބަދަލުތަކާ ގުޅިގެން ނުކުމެފައިވާ ސާފު ނުވާ އަޑުތަކުގެ ތެރެއިންލައިގެނެވެ.
"ވިޔަފާރިއަށް ކުރާ ކޮންމެ މަސްވެރި ކަމަކަށް ޕްލޭންތަކެއް [އާ ގާނޫނާއެކު] ހެދުމުގެ މަސައްކަތް ފެށޭ އޭގެ ތެރެއިން ހުއިފިލަނޑާގެ މަސްވެރިކަން މެނޭޖް ކުރާނެ ގޮތުގެ ފްރޭމްވޯކެއް އެކުލަވައިލާ މިހާރު ވަނީ ގެޒެޓްކޮށްފައި. އެއީ މަނާ ކުރާ ވާހަކަ ދެކެވޭ ސަބަބަބަކީ އެހެން ނަމަވެސް ކުރިން މަނާކޮށްފައި ނެތް ކަމެއް މަނާ ކުރާކަށް ހިމަނާފައެއް ނެތް،" ޒިޔާދު ވިދާޅުވި އެވެ.
ޒިޔާދު ވިދާޅުވާ ގޮތުގައި ހުއިފިލަނޑާގެ މަސްވެރި ކަން ހުއްޓުވާލުމުގެ ނިޔަތާއި ވިސްނުމެއް ސަރުކާރުގެ ނެތެވެ. އެކަމަކު ވާހަކައަކަށް ވެފައި ވަނީ ޑައިވް ކުރުމުގެ އިޝޫއާއި ސްޓޮކް ހުސްވުމުގެ ބިރެވެ.
ސާރާއަކީ މެރިން ރިސާޗް އިންޓިޓިއުޓުގެ ސީނިއާ ރިސާޗް އޮފިސަރެކެވެ. ތަޖުރިބާކާރެކެވެ. އޭނާގެ ހުރިހާ ވާހައަކީ ބަޓްގެ ދެ ބާވަތެއް ނެތި ހިނގައިދާނެ ކަމަށް ބީރުހީވެ ވިޔަފާރި ކޮންޓްރޯލް ކުރާ މުއާހަދާގެ ދަށުން ދެ ބާވަތެއް މިހާރު ލިސްޓްކޮށްފައި ވެއެވެ. މައުލޫމާތަށް ބަލާއިރު ހުއިފިލަނޑާގެ މަސްވެރިކަން ފުޅާގެން ދިޔަ ދުވަސްވަރު ހުދު ބަޓް ވަރަށް ގިނައިން ނެގުނެވެ. ރާއްޖެއިން މިހާރުވެސް އުޅެނީ އެ ދެ ބަވާތް ރިސާޗް ކުރުމުގަ އެވެ.
ތަޖުރިބާކާރުންގެ ވާހަކަ ގަބޫލެއް ނުކުރެވޭ
ޒިޔާދާއި ސާރަގެ ވާހަކަތައް ސޮލާހު އޭނާގެ ތަޖުރިބާއަށް ބުރަވެ ގަބޫލެއް ނުކުރެ އެވެ؛ އެކަމަކު އޭނާ ގަބޫލު ކުރާ ގޮތުގައި ހުއިފިލަނޑާގެ ބައެއް ބާވަތްތައް ހާއްސަކޮށް ބަޓަކީ އުފެދުމާއި ހެދި ބޮޑުވުމުގައި ލަސް ދިރުމެކެވެ. ބަޓްގެ ބާވަތް އުފެދި ބޮޑުވުމުގެ މަރުހަލާ ލަސްވާއިރު މިހާރު އެ ބާވަތްތަކު ބަދަލުގައި ހުއިފިލަނޑާގެ މަސްވެރިކަން ނަގަނީ ކަރީފިޝް އެވެ. އެއީ ރޭގަނޑު އެކަނި ނެގޭ ލަނޑައެކެވެ.
"މި ފިޝަރީޒާއި ރިސާޗް އޮފިސަރުން އެ ފާހަގަ ކުރާ ކަންކަމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން! އަޅުގަނޑު މިކަމެއް ކުރާތާ އެތަކެއް ޒަމާން ހިނގައްޖެ، އެކި ދުވަސްވަރު އެކި ބާވަތް ނަގަނީ އެ ޒަމާނުގައި އެކި ބާވަތަށް މާކެޓް ލިބެނީ. އަދި ކުރީން މިކަން ކުރަމުން އައި ގޮތުން ފްރީ ޑައިވްގައި ފީނައިގެން ވަރަށް ގިނަ ބަޔަކަށް ބަޔަކު ވަނީ ޕެރަލައިޒްވެފައި އަދި ރަށާއި އަޮތޮޅާއި ރާއްޖޭގެ އެހެެން ހިސާބުތަކުގައި އެމީހުނަށް ތޮޅި ޖެހުމަކީ ހިނގާ ނުރައްކާތެރިކަން ބޮޑު ކަމެއް." އޭނާ ބުންޏެވެ.
ހުއިފިލަނޑާގެ މަސްވެރި ކަމަކީ ހިތްވަރު ހުރި މަސްވެރިއަކަށް ވަރަށް ބޮޑު އާމްދަނީ އެއް ލިބޭ ކަމެކެވެ. ރ. އަތޮޅު މަޑުއްވަރީ ފަދަ ރަށްރަށުގައި 90 ޕަސެންޓް ޒުވާނުން ކުރަނީ ވެސް އެ މަސައްކަތެވެ. މިދިއަ ކޮވިޑްގެ ފުލް ލޮކްޑައުންގެ ތެރޭގައި ދޮޅު މަސް ދުވަހުގެ ތެރޭ ބައެއް ޒުވާނުން މަހު އާމްދަނީއަށް 52،000ރ. އަތަށް ނެގި އެވެ. މަޑުއްވަރީއާ ކައިރިން އެ އަތޮޅު މީދޫއަކީ އިގްތިސޯދު ޓޫރިޒަމަށް އަނބުރާލާފައި އޮތް ރަށެކެވެ ކޮވިޑާއެކު ޓޫރިޒަމް ހުއްޓުމުން މީދުގެ ކުޑަކުޑަ އިގްތިސޯދު ހުއްޓުނީ އެވެ. އެކަމަކު މަޑުއަވަރީ ޒުވާނުން ދިޔައީ ބަޓަށެވެ. ރަނގަޅު އާމްދަނީއަކާއެކު އެ މީހުން ތިބީ ހެވިފަ އެވެ.
ސޮލާހުގެ ވާހަކައިން ނަމަ ފުޅި އަޅައިގެ ޑައިވް ކުރުން މަނާ ކުރުމުގެ މާނައެއް ނެތެވެ. އެއީ އެއްވެސް ރިސާޗް ބޭސްޑް ވާހަކައެއް ވެސް ނޫނެވެ. އެހެން ނަމެސް ލައިސަންސް ކުރެވި ނިޒާމެއްގެ ތެރެއަށް އެ މަސްވެރިކަން ގެންގޮސް ފުޅި އަޅައިގެން ފީނުން ވެސް ލެވެލްތަކެއްގައި ގެންގުޅުމަކީ ރަނގަޅު ގޮތެކެވެ. އޭނާ ބުނާ ގޮތުން ފުޅި އަޅައިގެން ގޮސް ކަނޑު އަޑި ކަހާލައިގެން އަރަނީއެއް ނޫންކަން ނޭނގި އޮތީ ފިޝަރީޒުން ބަލާފައި ނެތީމަ އެވެ. މިހާރު ޑައިވް ކުރަނީ ވެސް 15 މީޓަރު އަޑީގަ އެވެ.
"ފްރީ ޑައިވްގައި ކުރިން ދާގޮތަށް އަޑިއަށް ދަނީ ގޮސް ކަންބާތައް ނަގައިގަންނަނީ ދެން މީހުންތައް ޑީކޮމްޕްރެސްވެ ޕެރަލައިޒް ވަނީ. އަނެއް ދުވަހު ފުނަށް ނުދަނީ އެކަކު ޕެރަލައިޒްވީމާ އަނެއްކަކު ފުނަށް ނުދަނީ. ނުދިޔާމަ ކަންބާ ނުފެންނަނީ އޭގެ މާނާއަކީ އެ ނެތީއެއް ނޫން. ދެން ޖެހެނީ ފްރީޑައިވް ތިލައިގައި ކުރަން އެގޮތަށް ކުރީމާ ތޮޅީގެ ޝިކާރައަކަށް ވެގެން އަނެއްކާ ވެސް ރިސްކްގެތެރެއަށް ދަނީ މިވަރެއް ނުދަނޭ ރިސާޗް އޮފިސަރުންނެއް،" ސޮލާހު ބުންޏެވެ.
ސާރާ މުޅީން ވެސް ދެއްކީ މަނާ ތަކެތީގެ ވާހަކަ އެވެ. އޭނާ ބުނާ ގޮތުން މަނަލީ ބަޓްގެ ދެ ބާވަތެކެވެ. ނަގަނީ ކަރީފިޝް އެވެ. އާބާދީ ހުސްވަނީ ގިނައިން ނެގީމަ އެވެ. އަދި އޭނައަށް ލިބި ވަޑައިގެންފައިވާ މައުލޫމާތު ފާހަގަ ކުރެއްވެނީ މި މަސްވެރިކަން ފެށިގެން އާއިރު ހުދު ބަޓަކީ ފުދޭވަރަކަށް އޮތް ބާވަތެއް ކަމެވެ.
"ކަރީ ފިޝް ވެސް އާބާދީ ދމެހެއްޓެނިވި ގޮތުގައި ކޮށްފިއްޔާ ރަނގަޅު މަސްވެރިކަމެއް މިހާރު އެނގިފައި ގޮތުން ސީދާ ދަންނަވާކަށް ނޭނގޭ ކިހާވަރަކަށް ކަމެއް ކަރީފިޝް ނަގަނީ މެނޭޖްމެންޓް ޕްލޭނާއެކު މަސްވެރިންގެ ފަރާތުން އެ މައުލޫމާތު ލިބުނީމަ އެނގޭނީ!" އޭނާ ވިދާޅުވި އެވެ.
ތޮޅި ޖަހާތީ ފްރީ ޑައިވް ކުރެވޭކަށް ނެތެވެ. ސްޓޮކް ހުސްވާތީ ޑައިވް ކުރެވޭކަށް ނެތެވެ. މަސްވެރިންގެ ބޮޑު އާބާދީއެއްގެ ރުޅި ފަޅައިގެން ގޮސްދާނެތީ ކަން މަނާ ކުރެވޭކަށް ނެތެވެ. އެހެންވީމާ ސަރުކާރާއި ހުއިފިލަނޑާގެ މަސްވެރިން ހިފައި ނުގަނެ ހޯދޭނެ ހައްލަކީ ކޮބައި ހެއްޔެވެ؟
"އަޅުގަނޑަށް ހީވަނީ މަޝަވަރާއެއް ތެރެއިން ހައްލު ލިބޭނެހެން މަސްވެރިންގެ ކަން ބޮޑުވުމަކީ ރަނގަޅު ހަމަޖެހޭ ކަންބޮޑުވުމެއް ޑައިވް ނުކޮށްފިއްޔާ އެ ބޭފުޅުންނަކަށް ނުނެގޭނެ! ނުނެގޭ ނަމަ އާމްދަނީއަށް އަސަރު ކުރާނެ. މީގެ އަނެއްކޮޅަކީ މި ފިޔަވަޅުތައް ނުހިފަހައްޓައިފިއްޔާ މުސްތަގުބަލުގައި ހުއުފިލަނޑާގެ ބައެއްވައްތަރުތައް ނުފެނުން އަށީގެންވޭ،" ޒިޔާދު ވިދާޅުވި އެވެ.
ސާރާ ވިދާޅުވާ ގޮތުގައި ކޮންމެ ބާވަތެއް މަދުވި ނަމަވެސް އީކޯސިސްޓަމް ފަންކްސަނަށް ބަދަލެއް އާދެ އެވެ. ވެލިގަނޑު ސާފު ކުރުން ކަހަލަ ކޮންމެވެސ ބޭނުމެކެވެ. އެ ނެތިއްޖެއްޔާ އެހެން ދިރުންތަކަށް ވެސް ގެއްލުން ވެއެވެ.
ސޮލާހާއި މަސްވެރިންގެ ދިރާސާތައް
ސޮލާހު ބުނާ ގޮތުގައި ހުއިފިލަނޑާ ކައްކާ ހިއްކާ މާލެއަށް އަދި ރާއްޖޭން ބޭރަށް ފޮނުވޭ ލެވަލަށް ތައްޔާރު ކުރާއިރު ބާޒާރު އޮންނަ ގޮތުން ހުއިފިލަނޑާގެ ބޭބީ ސައިޒަށް ލިބެނީ ތިން ރުފިޔާ އެވެ. ސައިޒް ބޮޑު އެއްޗަކަށް 140 ރ. ލިބެ އެވެ.
އަނެއްކޮޅުން ފުޅި އަޅައިގެން ޑައިވް ކުރާ މީހުނާ ފްރީ ޑައިވްގައި ފީނާ މީހުނާ ތަފާތުވެ އެވެ. ފުޅި އަޅައިގެން ކުރެވޭނީ ދެ ޑައިވެވެ. އެއީ ދެ ގަޑި އިރެވެ. އޭގެ ބަދަލުގައި ފްރީ ޑައިވް ކުރާ މީހާ ރޭގަނޑު 7:00 ޖަހާއިރު ފީނާން ފަށައި އިރު އަރަންދެން ހިފަހައްޓަ އެވެ. އޭގެ މާނައަކީ އެމީހާ މާ ގިނަ އިރު ފީނައި މާ ގިނަ ބަޓް ނަގާނެ އެވެ.
"އަނެއްކާ ރާއްޖޭގައި ހުރޭ މަނާ އޭރިއާތަކެއް މިސާލަކަށް ހިމާޔަތްކޮށްފައި ހުންނަ ތަންތަން ވެސް ފިޝަރީޒުން ގަބޫލު ކުރާ ހަމައިގަ އަޅުގަނޑުމެން ވިސްނާނަމަ މި ގަބޫލު ކުރެވެނީ ހިމާޔާތްކޮށްފައި އޮތް އޭރިޔާއިން ބަޓް އުފެދިގެން އަނެއް އޭރިޔާއަށް އަންނާނެއޭ! އެކަމަކު އަޅުގަނޑުމެން މަސްވެރިން މިކަން ވަރަށް ދިރާސާ ކުރަން..." ސޮލާހު ބުންޏެވެ. "އަޅުގަނޑު ގަބޫލެއް ނުކުރަން ރާއްޖޭގައި އެހެން ބަޔަކަށް އަޅުގަނޑުމެނަށް ވުރެ ބޮޑަށް ހުއިފިލަނޑާގެ ކަންކަން ދިރާސާ ކުރެވުނު ކަމަަކަށް. އަޅުގަނޑު މިހާރު ވެސް ދންވާފާނާން މިރޭ ކަރީ ފިޝް ހުންނާނީ މޫދުގެ ގަލުގެ ކޮން ލެވެލެއްގައި ކޮން ތާކުގައިކަންކަން ވެސް. ފުރަތަމަ އަޅުގަނޑުމެން ޑައިވްކޮށް ވިސްނަން ފަށަން ކީއްވެގެންހޭ އެ ގަލުގައި ކަރީފިޝް އެއިނީ އަދި ކީއްވެގެންހޭ އަނެއް ގަލުގައި އެ ނެތީ! މިރޭ ކިހާ ފުންމިނެއްގައިކަން އިނީ! މިރޭ 12 މީޓަރުގައި އިނީ ކީއްވެގެން ހޭ؟ އަނެއް ރޭ ހަ މިޓަރުގައި އިނީ ކީއްވެހޭ؟ އެއީ ހަނދު މަހުން ކިތަކެއްތޯ؟ އެ ހުރިހާ އެއްޗެއް އަޅުގަނޑުމެން ސްޓަޑީކޮށް ހޯދައި ބަލާއިރު މޫސުން ވަކި ވަރަކަށް ގޯސްވިޔަސް ހުއިފިލަނޑާ ނުނުކުމޭ މާ ބޮޑަށް ގުގުރާ ވިދިޔަސް އޭގެ ތޮބީއަތަށް ބަދަލު އާދޭ. މާ ބޮޑަށް މޫސުން މަޑުވިޔަސް އަދި އޮޔަށް ބަދަލު އަޔަސް ބަދަލު އާދޭ!"
ސޮލާހު ބުނާ ގޮތުގައި ރާއްޖޭގައި ހުއިފިލަނޑާގެ މަސްވެރިކަން ކުރެެވެނީ އިރުވައި މޫސުމުގަ އެވެ. ހުޅަނގުގައި އެކަމެއް ނުކުރެވެ އެވެ. އެއާ ހިލާފަށް މި މަސްވެރިކަން ކުރާ ޕަޕްއާ ނިއުގިނީ އާއި ޕިލިޕީންސާއި ސޮލަމަން އަިއލެންޑްސް ފަދަ ގައުމުތަކުގައި ހުއިފިލަނޑާގެ މަސްވެރި ކަން ކުރަނީ އަހަރުގެ ތެރޭގައި ހަމަސް ދުވަހަށް ކަނޑު ހުޅުވާލައިގެނެވެ. ހަމަހަށް ފަހު ކަނޑުތައް ބަންދުކޮށްލަނީ އެވެ.
ރާއްޖޭގައި ގުދުރަތީ ނިޒާމުގެ ބަދަލާއި މޫސުމީ ބެލެންސް ހަަމަޖެހިފައި އޮންނަ ގޮތުން ދެ މޫސުމަށް ހުއިފިލަނޑާގެ މަސްވެރި ކަމެއް ނުކުރެވެ އެވެ. ހުޅަނގުގައި ނުކުރެވެންޏާ އޭގެ މާނައަކީ މުޅި އެ ސީޒަންގައި ކަނޑު އެވަނީ ހުއިފިލަނޑާގެ މަސްވެރި ކަމަށް ބަނދުވެފަ އެވެ.
"އަދި ކޮބައިތޯ ނުވިތާކަށް ރާއްޖޭގައި ހުރޭ ހިމާޔާތްކޮށްފައިވާ ބައިވަރު ސަރަހައްދުތަކެއް އެތަންތަނަށް ޑައިވެއް ނުކުރެވޭ! އެއިން ތަނަކަށް ފްރީ ޑައިވެއް ވެސް ނުކުރެވޭ ހާއްސަކޮށް ރިސޯޓްތަކުން ވަކި އޭރިޔާއެއް އެހެންވީމާ އެތަކެއްޗަށް ހިމާޔަތްވެސް ލިބޭ، އުފެދި ބޮޑުވެ އާލާންވާން ވަގުތު ވެސް ލިބޭ" ސޮލާހު ބުންޏެވެ.
މަސްވެރިޔާ ކިޔައިދޭ ވަނަވަރައި އިރުވަރު
ރާއްޖޭގައި ނުވަ ނަކަތް ހިމެނޭ އިރުވައި މޫސުން މުލަ ނަކަތުން ފަށަނީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. ނިމެނީ މާރިޗް މަހުގެ ހަތްވަނަ ދުވަހަށެވެ. އެހެންވީމާ އިރުވައިގައި ހޭދަވަނީ ހަތަރުމަހާ ދުވަސްކޮޅެކެވެ. ސޮލާހު ބުނާ ގޮތަށް ދެން މުޅި އަހަރުގެ ބާކީ އޮތް ހުރިހާ ދުވަސް ވަދެގެން ދަނީ ހުޅަނގުގެ ތެރެއަށެވެ.
"އެހެންވީމާ ހުއިފިލަނޑާގެ މަސްވެރި ކަމަށް ރާއްޖެ ބަނދުވެފައި އެބައޮވޭ އަށެއްކަ މަސް ދުވަހު... މިވަރު އަޅުގަނޑުމެނަށް އެނގޭ! އަޅުގަނޑު ލޮލަށް ފެނުނީމާ އެނގޭ އެއީ ސްމޯލެއްކަން... އެނގޭ ޓެގްކޮށް އޭގެ 14 ދުވަސް ފަހުން ހަމަ އޭތި ނެގީމަ 140ރ. ލިބޭ ސައިޒުގައި ހުންނަކަން،" ސޮލާހު ބުންޏެވެ.
ހުއުފިލަނޑާގެ ތޮބީއަތާ ބެހޭ ގޮތުން ވެސް ސޮލާހު ވާހަކަ ދައްކަ އެވެ. އެނާ ބުނާ ގޮތުގައި ދަނޑުވެރިޔާ އޭނާގެ ކޮފީފަތް ގަހުގައި ފަނިއަޅާ ގޮތަށް މޫސުމީ ބަދަލުތަކާއެކު ކަނޑުގެ ގާތުގައި އަޅާ ފަންޏެއްގެ ގޮތުގައި އެކިބާވަތުގެ ސީކިއުކަންބާ އުފެދެ އެވެ. އެއީ ކަނޑުގެ އެހެން ދިމާއަކުން އަރައިގެން އަންނަ ނޫނީ އިންޑިއާ ކަނޑުގެ ދުރު ހިސާބުތަކުން ފިރުކިފައި ލ. ގަމުގެ ރީފަކަށް ވައްޓާލާ އެއްޗެއް ނޫނެވެ. އެކަމަކު އެ ރީފެއްގެ ތޮބީއަތާ އެއްގޮތަށް އުފެދޭ، މާ ގިނަ ދިރާސާތަކެއް ކުރެވިފައި ނެތް އެއްޗެކެވެ.
އޭނާ ބުނާ ގޮތުން ހަމަސް ކުރިން ނުފެނުމަށް ފަހު އޭގެ ހަމަސް ފަހުން ޑައިވް ކުރާއިރު ކުރި ނެގި ވަރަށް އެތަނަކުން ނެގެ އެވެ. އަދި ހަނދުމަހުން ފުރަތަމަ ހަތަރު ދުވަހު ބިސް ދޫކުރެ އެވެ. އަދި ހުއިފިލަނޑާގެ އެއް ބާވަތެއް ފުޓަރުގައި އުޅޭއިރު އެ ބާވަތް މުޅީން ވެސް މީލާދީ މަހުގެ 29 އާއި 30 އާއި 31 އެ ދުވަސްތަކުގައި ބިސް ދޫކުރެ އެވެ. އަދި އެ ބިސް މުޅި ސަރަހައްދަށް ފަތުރާވެސް ލަ އެވެ.
"އެކަން އަޅުގަނޑު ދިރާސާކޮށް ބަލައިފިން އެކަން ހިނގަނީ ކޮން އޮއިވަރެއްގައިތޯ ކޮން ދިޔަވަރެއްގައި ކޮން އިރުވަރެއްގައިތޯ ވެސް ބަލައިފިން،" ސޮލާހު ބުންޏެވެ. "އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑު ބަލާފައި މިހިރަ ވަރަށް ފިޝަރީޒުގެ ބޭފުޅުން މީހުން ބަލާފަނޭ ކަމަކަށް އެ ބޭފުޅުންނަކީ ވަރަށް ބިޒީ ބައެއް،"
ސާރާ ވިދާޅުވާ ގޮތުގައި ހަމައެކަނި ހުޅަނގު ބަންދުކޮށްގެން ހުރިހާ ބާވަތެއްގެ ހުއިފިލަނޑާ އިތުރުވާނެ ކަމަށް ދަންނާވަކަށް ވެސް އޭނާއަކަށް އެނގިވަޑައެއް ނުގަންނަވަ އެވެ.
ސޮލާހު ބުނާ ގޮތުން އިރުވައިގައި މިހާރު މި ތިބީ ދިނަށަ ނަކަތުގަ އެވެ. -- ރާއްޖެޓީވީގެ ޕްރޮގްރާމް ގެނެސް ދިން މިދިއަ ބުރާސްފައްޗަކީ ދިނަށައިގެ ފަހު ދުވަހުގެ ކުރީ ދުވަހެވެ. މިހާރު މި ހިނގަނީ ހިޔަވިހާ ނަކަތެވެ.
ސޮލާހު ބުނާ ގޮތުގައި ހުޅަނގަށް ބަންދުވާ ގޮތަށް ދާން ބެލިޔަސް މިހާރު މައްސަލަ ދިމާވާނެ އެވެ. ސަބަބަކީ ގުދުރަތީ ގޮތުން ނިޒާމަށް އަންނަ ބަދަލަކާއެކު މޫސުމުގެ ބެލެންސް ބަދަލުވެ އިރުވައިގެ ދިނަށައިގެ ހުރިހާ އަލާމާތެއް ފުރަހަޅައިގެ އަލާމާތްތަކަށް ބަދަލުވެ މޫސުމުގެ ބޮޑު ޑިލޭއެއް އަންނާތީ އެވެ.
"ދަންނަވަންތޯ ފުރަހަޅައިގެ ހުރިހާ މަންޒަރެއް ދިނަށައިން އެބަފެނޭ އޮޔާ ވަޔާ ވިއްސާރަ ވެސް އަދި ގުދުރަތީ ނިޒާމަށް އަންނަ ބަދަލު އަވަސް ވުމަކާއި ލަސްވުމެއްގައި އުޅެނީ. މިކަމަކީ މާދަމާ ހޮނިހިރު ވެފައި އަނެއް ދުވަހު އާދީއްތަ ވާހެން ވާ ކަމެއް ނޫން. އެހެންވީމާ ކަލަންޑަރަށް ބަލައިގެން އިރުވައި މޫސުމުގެ މިވެނި ދުވަހަކުން ހުޅުވާލީއޭ ބުނާއިރު އެ ވަގުތު ވެދާނެ ނިޒާޒާމަށް އައި ބަދަލަކާ ގުޅިގެން ތޫފާނެއް ކޮޅިގަނޑެއް ނޫނީ އެހެންވެސް ކަމެއްގެ އަސަރާހުރެ ކަންކަން ބަދަލުވެފައިވާ ވަގުތަކަށް."
ލޫސް މެނޭޖް ކުރުމެއް، މައުލޫމާތެއް ވެސް ނެތް
ޒިޔާދު ވިދާޅުވާ ގޮތުގައި ހުއިފިލަނޑާގެ މަސްވެރި ކަމަކީ ރަޖިސްޓްރީ ކުރުމެ ނެތި "ލޫސް މެނެޖެ" އް ކުރާ މަސްވެރި ކަމެކެވެ. އެ މަސްވެރި ކަމަށް ނުކުންނަ އުޅަނދުގެ އަދަދާއި ހަރަކާތްތެރިވާ މަސްވެރިންގެ އަދަދާއި ނަގާ ބާވްތަތަކާއި އަދަދެއް ފިޝަރީޒަކަށް ނޭނގެ އެވެ. އެއީ ފުރިހަމައަށް މިނިސްޓްރީއަށް މައުލޫމާތު ލިބޭ ކަމެއް ނޫނެވެ.
"އަޅުގަނޑުމެނަށް ވެސް ފާހަގަ ކުރެވޭ ހުޅަނގުގައި ހުފިލަނޑާގެ މަސްވެރިކަން މަދުވާކަން އެފާހަގަ ކުރައްވަނީ ރަނގަޅުވާކަށް އެބޭފުޅުން މައުލުމާތުގެ ގޮތުން ވަރަށް މުއްސަނދިވާނެ އެއްވެސް މުއްދަތަކަށް ހުއްޓުމެއް އަންނަންޏާ ސައިންސަށް ބަލާއިރު އެއީ އާލާވަން ލިބޭ ފުރުސަތެއް"
ސާރާ ވިދާޅުވާ ގޮތުގައި ހުއިފިލާނޑާގެ އެކިި ބާވަތްތަކުގެ އާލާވުމުގެ މުއްދަތު ތަފާތެވެ.
"ހަމަ ދަންވާލިހެން އާބާދީ އާޅާވުމާ ނެގޭ ވަރާ ދެއްތޯ އޭގައި އިންނާނީ ގަލެއްގައި އުފެދޭ ފަންޏެއް ނޫން އެއީކީ ހަމަ އޭގެ ޒާތުގައި ފަންޏެހެން އިނަސް އެވެސް ދިރުމެއް އެހެންވެ ގިނައިން ނެގީމާ ނޭދެވޭ އަސަރު ކުރޭ" އޭނާ ވިދާޅުވި އެވެ.
ސާރާގެ އެ ވާހަކަތަކަށް ފަހު ވިދާޅުވި ގޮތުގައި ހުއިފިލަނޑާގެ މަސްވެރިކަން ފެށުނީއްސުރެ ކުރާ ދިރާސާއަކީ މަސްވެރިންގެ އަތުން ހޯދާ މައުލޫމާތެވެ. އަދި ފެށިގެން އާއިރު އެ މަސްވެރިކަން ހިނގާ ގޮތުން ވެސް ރަށްރަށުން އެކްސްޕޯޓަށް ދާތީ އެއްވެސް ކަހަލަ މައުލޫމާތެއް އައިސްފައެއް ނޯވެ އެވެ. އެކަމަކު މިހާރު ބަލަނީ މަސްވެރިންނާ ވާހަކަ ދައްކައިގެން މައުލޫމާތު ނެގޭތޯ އެވެ.
"މަސްވެރިންނަށް ކަން ނޭނނގޭ އެންމެ ބޮޑަށް މިއޮށް ހުރިހާ ދުވަހު ހިނގައި ދިޔަ ގޮތާއެކު ބާވަތްތަކުގެ އާބާދީއަށް އައި ބަދަލު އެނގޭނީ" ސާރާ ވިދާޅުވި އެވެ.
ދިރާސާ ކޮށްފައެއް ނުވޭ، ނުވެސް އެނގޭ
ސޮލާ ދެކޭ ގޮތުގައި ސަރުކާރުން ހުއިފިލަނޑާގެ މަސްވެރިކަން ނިޒާމެއްގެ ތެރެއަށް ގެންދާން އުޅުމަކީ ރަނގަޅެކެވެ. އެކަމަކު އެކަން ކުރާން އުޅޭ އިރު މި މަސްވެރި ކަމާބެހޭ ގޮތުން ރަނގަޅަށް ދިރާސާކޮށްފައެއް ނުވެއެވެ. އޭނާ ބުނާ ގޮތުގައި ސްރީ ލަންކާ، ފިލިޕީންސް ފަދަ ގައުމުތަކުގައި މިފަދަ މަސްވެރިކަން ކުރާ މީހުނަށް ސަރުކާރުން އެލެވަންސްތައް ދެއެވެ. ރާއްޖޭގައި ހިކިފަސްތަނަށްވުރެ ކަނޑު ބޮޑުވެފައި ކަނޑުގެ ތަފާތު މަސްވެރިކަމުގައި އުޅޭ މީހުންގެ އާބާދީއެއް އޮންނަ އިރު އެފަދަ މީހުން ސަޕޯޓެއް ނުދެވެއެވެ. ބޭންކުތަކުން ފަންޑެއް ނުކޮށްދެ އެވެ. ރާއްޖޭގެ ލަނޑާ މަސްވެރިޔަކަށް މަހަކު 30،000 ލިބުމަކީ އޭނާއަށް ފަންޑު ނުލިބެންވީ ސަބަބެއް ނޫނެވެ. އެކަމަކު އެކަންކަން އެހެން އޮތީ ރަނގަޅަށް ދިރާސާކޮށްފައި ނެތީމަ އެވެ.
"މަލާމާތެއް ކުރަނީއެއް ނޫން. އަޅުގަނޑު ބޭނުމެއް ނޫން ފިޝަރީޒް މިނިސްޓަރަށް މިނިސްޓްރީއަށް ބަދު ބަހެއް ބުނާކަށް އެކަމަކު ވިސްނާބަލައްވާ ފިޝަރީޒް މިނިސްޓްރީއަކަށް ނޭނގެއޭ ކިތައް މަސްދޯނި ކަމެއް ހުއިފިލާނޑައަށް ދަނީ. ކިތަން މީހުން ކަމެއް މި ކަމުގައި އުޅެނީ... ކޮން ބާވަތެއް ކިހާ ވަރެއް ކަމެއް ނަގަނީ.. އެހެންވިއްޔާ ކަނޑުގައި ހުރި ހުފިލަނޑާ އަދި ކިހާ ނޭނގޭނެތޯ؟ މަނިކުފާނު [ހޯސްޓް އާމިރަށް އިޝާރާތްކޮށް] ވިސްނަވާ، އަޅުގަނޑަށް އެނގޭ ރާއްޖޭގެ މަޑުއްވަރީގައި ދޯނި ހުރި އަދަދު. އަޅުގަނޑު މީ ލ. ގަމު މީހެއް. މިވެނި ރަށެއްގެ މިވެނި ދޯންޏެއްގައި ކިތަން މީހުން ކަން އެނގޭ މިތާ އިނދެ ވެސް. އަޅުގަނޑުމެން ހުރިހާ ދޯންޏެއް އެއް ނެޓްވޯކެއްގައި ވައިބާ ގްރޫޕް ހަދައިގެން އުޅެނީ އެ ދޯނި، މި ދޯނި ކިހާވަރެއް ނެގި އެނެގޭ... ކޮން އިރަކުތޯ ފީނަނީ... މޫސުން ކިހިނެއްތޯ؟ އެކަންނަ ފިޝަރީޒް މިނިސްޓްރީއަށް ބެލިފައި ނެތުން އެއީ އެއީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫން،"
ސޮލާހު ބުނި ގޮތުން ވަރަށް ކުރު ގޮތަކަށް ވެސް މިކަން ވިސްނައި ގަނެވިދާނެ އެވެ. އެއީ ޑައިވް ކުރުމަކީ ހުއްދަ އޮތް ކަމެކެވެ. އަދި ޑައިވް ކުރާ މީހާ ޑައިވް ކުރަނީ ކޯސް ހަދައިގެނެވެ. ހުއިފިލަނޑާ ނެގުމަކީ ވެސް ހުއްދަ ކަމެކެވެ. ފްރީ ޑައިވެއް ކުރިއްޔާ ތޮޅި ޖަހަ އެވެ. އެކަން މަނައެއް ނޫނެވެ. މަނާ ވެގެން އުޅެނީ ޑައިވް ކޮށްގެން ހުއިފިލަނޑާ ނެގުމެވެ. މި ވަށައެއް ނުޖެހެ އެވެ.
"ކަރީފިސް ފިސް ނެގުން މަނާ ކުރަނީ އެކަމަކު އެ ނުކުންނަނީ ރޭނޑު ދުވާލަކު ނުފެނޭ ޑަިއވްނުކޮށް ފްރީ ޑައިވް ކުރީމާ ދެން ތޮޅި ޖަހައި މަޖުބުރު ވަނީ ފަތްޖެހި އެނދެއްގައި ނޫނީ ގޮނޑީގައި ނުކުޅެދިފައި އިންނަން ކާކުތޯ ޒިންމާ ނަގަނީ ތޮޅި ޖެހީމާ ފިޝަރިޒަކުން ޒިންމާއެ ނުނަގާނެ. ދެން އޮންނަނީ އާސަންދަ... އެއެއް ކަވަރެއް ނުވާނެތާ މީހާ ދުނިޔެ އަޅާ ދިޔަމަކާ،" އޭނާ ބުންޏެވެ. "ކުރިން ވަރަށް އަޑިއަށް ގޮަސް އަށް ފްރީ ޑައިވްގައި 65 މީޓަރަށް ފީޫނި. މިއަދު ވައިފުޅީގައި 15 މިޓަރު! ކުރިން 60 މީޓަރަށް ފީނި ދުވަސްވަރު ރައްޓެހި ތިބީ ޕެރަލައިޒްވެފައި މިއަދު މިއީ އެހެން ދުވަހެއް، މިއަދު އެ މަންޒަރު ފެނުނީމާ ވިސްނާނެތާ އަމިއްލަ ޑިންގީގަނޑާ ސައިކަލާ އެހެން ސާމާނާ ދުކޮށްލާފައި ހަޔާތު ބާކީބައި ގޮނޑިއެއްގައި ނީންނަން... އަޅުގަނޑާމެދު އަޅުގަނޑު ވިސްނާތީ ޑައިވަށް ބަދަލު ކުރީ ތޮޅިއަށް ބިރުން،"
ސޮލާ ބުނާ ގޮތުގައި މީގެ ކުރީންވެސް ފަޅުފަޅުގައި ލަނޑާ އާލާކުރާން ރައީސް މުހައްމަދު ނަޝީދު ހުއިފިލަނޑާ / މެރިކަލްޗަރު ޕްރޮގްރާމް ހިނގި އެވެ. އޭގެ ފަހު މިނިސްޓަރު ޑރ. ޝައިނީ ކޮށި އަޅާފައި އެއަށް އިނގިލިވަރުގެ 3000 އެއް ހާ ހުއިފިލަނޑާ ދޫކޮށް ރަށްފުށު މީހުންލައްވާ 50،000 ރުފިޔާގެ ލޯނު ނަގުވައި ހަތް ރުފިޔާއަށް އެ ވިއްކުވައި ހުރިހާ ފައިދާއެއް ދަމައިގެންފައި ވެއެވެ.
"އަޅުގަނޑު މިހެން އުޅޭއިރު ދުނިޔެ ވަރަށް ކުޑަ ވެއްޖެ، ޔޫޓިއުބް ބަލައިލުމުން އެމެރިކާގައި ސީކިއުކަންބާ ފާމެއް ބަލައިލެވޭ ޕިލިޕީންސްގައި މިކަން ކުރާ ގޮތް ބެލޭ... އަޅުގަނޑުމެން މީ ރަށްށްފުށު މީހުނަށް ވިޔަސް ވަރަށް ތަހުޒީބު ވެއްޖެ، މިބާވަތުގެ ކަންކަން ހުންނަ ގޮތާއި ލިބޭ އަގުތަކާއި އެނގޭ... އެހެންވީމާ އަނެއްކާވެސް އެކަހަލަ ޑްރާމާއެއް ކުޅެފާނެތީ ވަރަށް ބިރުގެނޭ!"