ޕްރިމިއާ ލީގް

ސިޓީ އެއް ވަނައިގައި ބޮޑު ލީޑެއް ނަގައިފި

އާސެނަލްގެ މައްޗަށް، 1-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، މެންޗެސްޓާ ސިޓީން ތާވަލުގެ އެއް ވަނައިގައި ބޮޑު ލީޑެއް ނަގައިފި އެވެ.

އާސެނަލް ކޮޅަށް މެޗުގެ ކުރީ ކޮޅު ރަހީމް ސްޓާލިން ވައްދާލި ލަނޑުން މޮޅުވެ، ލީގް ލީޑާ ސިޓީން ވަނީ 10 ޕޮއިންޓްގެ ބޮޑު ލީޑެއް ނަގާފަ އެވެ. މޮޅާއެކު ސިޓީން ވަނީ މޮޅުވުމުގެ ރޭސް 18 މެޗަށް ދަމަހައްޓާފަ އެވެ.

މެޗުގައި، އާސެނލްގެ ޑިފެންޑަރު ރޮބް ހޯލްޑިންގްސްގެ ބޮލަށް އަނިޔާވުމުން، ކޮންކޮޝަން ސަބްޓްޓިޔުޓްގެ ގޮތުގައި ޑޭވިޑް ލުއިޒް ކުޅެން ނެރުނެވެ. އެ ބަދަލަކީ އިނގިރޭސި ޕްރިމިއާ ލީގްގައި ކޮންކޮޝަން ސަބްޓްޓިޔުޓެއް ގޮތަށް ކުރި ފުރަތަމަ ބަދަލެވެ.

ކޮންކޮޝަން ސަބްޓްޓިޔުޓްއަކީ، އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑުން ހުއްދަ ލިބިގެން ޕްރިމިއާ ލީގްގައި އަލަށް ތަންފީޒު ކުރާ ގަވައިދެކެވެ. އެ ގަވައިދުގެ ދަށުން، ކޮންކޮޝަން ސަބްޓްޓިއުޓް، އާންމުކޮށް ކުރާ ތިން ބަދަލުގެ ތެރޭގައި ނުހިމެނޭނެ އެވެ. ކޮންމެ މެޗެއްގައި ކޮންކަޝަން ބަދަލުގެ ގޮތުގައި ކޮންމެ ޓީމަކަށް ދެ ބަދަލު ކުރެވޭނެ އެވެ. ކޮންކޮޝަން ބަދަލުގައި ވަކި މަގާމަކަށް ކުޅޭ ކުޅުންތެރިޔެއްގެ ބޮަލަށް އަނިޔާ ވެއްޖެނަމަ އަރުވަން ޖެހޭނީ ހަމަ އެ މަގާމަށް ކުޅޭނެ ކުޅުންތެރިޔެކެވެ.

މެޗުގެ ފަހު ކޮޅުގައި މުހައްމަދު އެލް ނެނީގެ ބަދަލުގައި ޑެނީ ސެބާޔޯސް ކުޅެން ނުކުތުމުން އާސެނަލްއިން ޖުމުލަ ހަތަރު ބަދަލު ކުރި އެވެ.

ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗު، ޔުނައިޓެޑް ކާމިޔާބު ކުރީ 3-1 ންނެވެ އެ ޓީމުގެ ލަނޑުތައް ކާމިޔާބު ކުރީ މާކޯސް ޜަޝްފާޑް، ޑެނިއަލް ޖޭމްސް އަދި ބުރުނޯ ފެނާންޑޭޒް އެވެ. ނިއުކާސަލްގެ ލަނޑު ކާމިޔާބު ކުރީ އެލަން ސެއިންޓް މެކްސިމިން އެވެ.

ސީޓީ އެއް ވަނައިގައި އޮތީ 59 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނަ އިގައި މެންޗެސްޓާ ޔުނައިޓެޑް އޮތީ 49 ޕޮއިންޓާ އެކު އެވެ.