ލައިފްސްޓައިލް

ނަރުހުން ދީފައި ވެކްސިން ހޯދަން ފިލިޕީންސުން އެދެފި

ވެ ކްސިން ހަދިޔާ ކުރަން އެއްބަސްވާނަމަ ޖަރުމަނާއި އިނގިރޭސި ވިލާތަށް ފިލިޕީންސްގެ ސިއްހީ ހިދުމަތްތެރިން ހާއްސަކޮށް ނަރުހުން ފޮނުވަން އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުން ހުށަހަޅައިފި އެވެ.

އޭޝިއާގައި ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިފައި ވަނީ ފިލިޕީންސްގަ އެވެ. އެހެންވެ ސިއްހީ ހިދުމަތްތެރިން ބޭރު ގައުމުތަކަށް މަސައްކަތް ކުރަން ދިއުމުގެ ހުއްދަ މި ވަގުތަށް ވަނީ ދިނުން ހުއްޓާލާފަ އެވެ. ނަމަވެސް މިކަމަށް ވެސް ކޮންމެވެސް ވަރެއްގެ ލުޔެއް ދީ އަހަރަކު 5000 މީހުންނަށް އެހެން ގައުމުތަކުގެ ވަޒީފާތަކަށް ދެވޭ ގޮތް ދާދިފަހުން ވަނީ ހަދާފަ އެވެ.

ފިލިޕީންސްގެ ލޭބާ މިނިސްޓްރީގެ އިންޓަނޭޝަނަލް އެފެއާޒް ބިއުރޯގެ ޑައިރެކްޓަރު އެލީސް ވިސްޕެރަސް ވިދާޅުވީ ޖަރުމަނާއި އިނގިރޭސި ވިލާތުން އެ ގައުމަށް ބޭނުންވާ ވެކްސިން އެކަށީގެންވާ މިންވަރަކަށް ހަދިޔާކުރަން އެއްބަސްވާނަމަ އޭގެ ބަދަލުގައި އެ ގައުމުގައި ތިބި ސިއްހީ ޚިދުމަތްތެރިން ޚާއްސަކޮށް ނަރުހުން ފޮނުވައިދީފާނެ އެވެ.

ފިލިޕީންސްގެ ގިނަ އަދަދެއްގެ ނަރުހުން ދުނިޔޭގެ އެކި ގައުމުތަކުގައި މަސައްކަތް ކުރެ އެވެ. މިއީ އެ ގައުމުގެ އިގްތިސާދަށް އެންމެ ގިނަ ބޭރު ފައިސާ ވަންނަ ވަސީލަތް ވެސް މެއެވެ. ބޭރު ގައުމުތަކުގައި މަސައްކަތްކުރާ ނަރުހުންގެ ފަރާތުން އަހަރަކު ގާތްގަނޑަކަށް 30 ބިލިއަން ޑޮލަރު ފިލިޕީންސަށް ލިބެ އެވެ.

އިނގިރޭސި ވިލާތަކީ މިހާރު ހަ ވަނަ އަށް އެންމެ ބޮޑަށް ކޮވިޑް ފެތުރެމުންދާ ގައުމެވެ. އަދި އެންމެ ގިނަ އަދަދެއްގެ ބަޔަކު އެ ބަލީގައި މަރުވަމުންދާ ގައުމު ވެސް މެއެވެ. ޖަރުމަނަކީ 10 ވަނަ އަށް އެންމެ ކޮވިޑް ބަލި މީހުން ގިނަ ގައުމެވެ.

މި ދެ ގައުމުގެ 23 މިލިއަން މީހުންނަށް މިހާރު ވެކްސިން ދީފައި ވެއެވެ. ނަމަވެސް ފިލިޕީންސްގައި އަދި ވެކްސިން ދިނުމުގެ ޕްރޮގްރާމް ނުފެށެ އެވެ. އެ ގައުމުގައި ވެކްސިން ޖެހޭ އާބާދީ 70 މިލިއަނަށް އަރަ އެވެ. އެއީ އެ ގައުމުގެ މުޅި އާބާދީ ކަމަށްވާ 107 މިލިއަންގެ ތިންބައިކުޅަ ދެ ބައެވެ. ޗައިނާއިން ހަދިޔާކުރާ ވެކްސިންގެ ފުރަތަމަ ބެޗު މި ހަފުތާ ތެރޭ އެ ގައުމަށް ލިބޭނެ ކަމަށް ވެއެވެ.