ކޮވިޑް-19ގެ ވާހަކަ އެއްގޮތަކަށް ވެސް ނޭނގެންޏާ ވާނީ ކިހިނެއް ހެއްޔެވެ؟ ޕެންޓާ ޕެޓްރޯވިކް އަކީ މިފަދަ މީހެކެވެ. ކޮވިޑޭ ކިޔާ ބަލިމަޑުކަމެއް ދުނިޔެއަށް ފެތުރިގެން އުޅޭކަމުގެ ޚަބަރު ޕެޓްރޯވިކް އަށް ލިބުނީ ދާދި ފަހުންނެވެ. ސަބަބަކީ އޭނާއަކީ ސާބިއާގެ ދެކުނުގައި އޮންނަ ސްޓާރާ ޕްލަނީނާ ފަރުބަދައިގެ ހޮހަޅައެއްގައި ފާއިތުވީ 20 އަހަރުއްސުރެ ދިރިއުޅެމުންދާ މީހަކަށް ވާތީ އެވެ.
ޕެޓްރޯވިކް މީހުން ދިރިއުޅޭ އަވަށްތަކަށް ގޮސް އުޅެނީ ވަރަށް މަދުންނެވެ. ކާ އެއްޗެތި ހުސްވުމުން ކާ އެއްޗެތި ބަލާ ނޫން ގޮތަކަށް އޭނާ އަވަށަކަށް ނާރަ އެވެ. އެހެންވެ ކޮވިޑްގެ ޚަބަރު ނޭނގި އޮއްވާ އެކަން އެނގުނީ ސުޕަމާކެޓަކަށް އެއްޗެތި ގަންނަން ދިއުމުންނެވެ. އަދި މި ބަލިމަޑުކަމުގެ ޚަބަރު ލިބުމާއެކު ޕެޓްރޯވިކް ވަނީ ކޮވިޑް ވެކްސިން ވެސް ޖަހާފަ އެވެ.
ޕެޓްރޯވިކް އަށް މި ޚަބަރު ލިބުމާއެކު އޭނާ އެންމެ ފުރަތަމަ ވެސް އިސްވީ ވެކްސިން ހޯދާށެވެ. ލިބުނު އެންމެ އަވަހަކަށް ވެކްސިން ޖަހަން އޭނާ ޚާއްސަ ސަމާލުކަމެއް ދިނެވެ.
ޕެޓްރޯވިކް ބުނަނީ އޭނާ ދިރިއުޅޭ ހޮހޮޅައަށް ވެސް ކޮރޯނާވައިރަސް އަންނާނެކަމަށް އޭނާއަށް ގަބޫލު ކުރެވެ އެވެ.
މީހުން ވެކްސިން ނުޖަހަން އުޅޭ ސަބަބެއް އޭނާއަށް ނުވިސްނޭ ކަމަށް ޕެޓްރޯވިކް ބުންޏެވެ. ފުރަތަމަ ދެ ޑޯޒްގެ އިތުރުން ތިންވަނަ ޑޯޒެއް ވެސް ޖެހެންޏާ ޖަހަން ޕެޓްރޯވިކް ބޭނުންވެ އެވެ.
ޕެޓްރޯވިކް ހޮހޮޅައިގައި ދިރިއުޅޭ ގެޔަށް ދެވެނީ ވަރަށް ފުނަށް ފައިބައިގެންނެވެ. ހޮހަޅައިގައި އޭނާ ދިރިއުޅޭއިރު ސަރުކާރުން ދޭ ވެލްފެއާ ފައިސާ އޭނާއަށް ލިބެ އެވެ. އަދި އޭނާ ގެންގުޅޭ ޖަނަވާރުތަކަށް ކާން ދޭން ވަރަށް ގިނަ މީހުން ކާ އެއްޗިއްސާއި ފައިސާ އޭނާއަށް ހަދިޔާ ކުރެ އެވެ.
އެހެން މީހުންނާ މާ ދުރުގައި ހޮހޮޅައެއްގައި އެކަނިމާ އެކަނި ޕެޓްރޯވިކް އުޅެނީ ކީއްވެ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބުގައި ޕެޓްރޯވިކް ބުނީ ބޮޑެތި ސިޓީތަކުގައި ދިރިއުޅޭއިރު އޭނާއަށް މިނިވަންކަން އިހްސާސް ނުވާ ކަމަށެވެ.
"އަބަދުވެސް ކޮންމެވެސް މީހަކު އަހަރެން ކުރާ ކަންތަކާ ބެހޭނެ. އަބަދުވެސް ޖެހޭނީ އަންހެނުންނާ ނޫނީ އަވަށްޓެރިންނާ ދެބަސްވާން. ނޫނީ ފުލުހުންގެ ސުވާލުތަކާ ކުރިމަތިވާނެ. ހޮހަޅައިގައި އުޅޭއިރު އަހަންނަށް އުނދަގޫކުރާނެ އެއްވެސް މީހަކު ނުހުރޭ،" ޕެޓްރޯވިކް ބުންޏެވެ.
މިހާރު 70 އަހަރު ވެފައިވާ ޕެޓްރޯވިކް 30 އަހަރު ކުރިން ހޮހަޅައިގައި ދިރިއުޅެން ފެށުމުގެ ކުރިން މަސައްކަތު މީހެއްގެ ގޮތުގައި އުޅެފައިވެ އެވެ.
މިހާރު އޭނާ ކައިބޮއި އުޅެނީ ކުނިއަޅާ އެއްޗަށް މީހުން އުކާފައި ހުންނަ ބާކީވެފައިވާ ކާއެއްޗެތި ކައިގެންނެވެ. ބައެއް ފަހަރު މަސް ބާނަން އޭނާ މިހާރުވެސް ދެއެވެ. އާއްމުކޮށް އޭނާ ކައި އުޅެނީ މަޝްރޫމެވެ.
ހޮހަޅައިގައި އޭނާ ފާޚާނާ ކުރަން ބޭނުންކުރަނީ ދުވަސްވެފައި ހުރި ބާތުޓަބެކެވެ. ބޮޑުކަމު ވެސް ކުޑަކަމު ވެސް އޭނާ ދަނީ އެއަށެވެ. ނިދަނީ ހުއިން ހަދާފައިވާ ތަންމައްޗެއްގަ އެވެ.
ހޮހަޅައިގައި ދިރިއުޅެން ދިއުމުގެ ކުރިން ޕެޓްރޯވިކް އޭނާ ދިރިއުޅުނު އަވަށަށް ވަރަށް ރަނގަޅު ހަދިޔާއެއް ދިނެވެ. އަވަށުގައި ކުޑަ ތިން ބްރިޖް އެޅުމަށް އޭނާގެ އަތުގައި ހުރި ހުރިހާ ފައިސާއެއް ބްރިޖް ހަދަން ހުޅުވާފައިވާ ފަންޑަށް ހަދިޔާ ކުރީ އެވެ.
"ފައިސާއަކީ ވަރަށް ސުންޕާ އެއްޗެއް. އެއީ މީހުން ހަލާކުކުރާ އެއްޗެއް. އަހަރެން ގަބޫލުކުރާ ގޮތުގައި ފައިސާއަށް ވުރެ އިންސާނުން މަގުފުރައްދާ ކޮރަޕްޓްކުރާނެ އެއްވެސް އެއްޗެއްނެތް،" ޕެޓްރޯވިކް ބުންޏެވެ.