ލައިފްސްޓައިލް

ވެކްސިނާއެކު ފެނުން އަނބުރާ ލިބިއްޖެ!

އިންޑިޔާގައި ކޮވިޑް-19 އިން ދިފާއު ވުމަށް ދޭ ވެކްސިން ދިނުމުގެ ކެމްޕެއިންތައް ބާރު ސްޕީޑުގައި ކުރިޔަށް ދާއިރު މި ނުރައްކާތެރި ބަލިން ސަލާމަތްވުމަށް ވެކްސިން ޖަހަން މީހުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް ވެސް ކުރިޔަށް ގެންދެ އެވެ.

ކޮވިޑް ވެކްސިން ހާއްސަކޮށް ކޮވިޝީލްޑް ޖެހުމުން ވަރަށް ގިނަ މީހުންނަށް ތަފާތު ސައިޑް އިފެކްޓްސްތައް ކުރިމަތިވާ ކަމުގެ ޝަކުވާ ކުރިޔަސް އިންޑިޔާގެ ލޯ އަނދިރި އަންހެނަކު ބުނެފައިވާ ގޮތުގައި ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖެހުމުން އޭނާގެ ލޯ މުއުޒިޖާތެއް ފަދަ ގޮތަކަށް ރަނގަޅުވެ ލޮލުގެ ފެނުން އަނބުރާ ވަނީ ލިބިފަ އެވެ.

އިންޑިޔާގެ ނޫހެއްކަމަށްވާ ޒީ ނިއުސް އަށް މައުލޫމާތު ދެމުން އިންޑިޔާގެ މަހަރަޝްތުރާގެ ވާޝިމް ކިޔާ އަވަށެއްގައި ދިރިއުޅޭ މަތުރާބާއީ ބިޑްވޭ ކިޔާ 70 އަހަރުގެ އަންހެންމީހާ ބުނެފައި ވަނީ އޭނާގެ ލޮލަށް ފެންނަން ފެށީ ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖެހުމުންނެވެ.

މަތުރާބާއީގެ ލޮލުގެ ފެނުން ގެއްލުނީ މީގެ ނުވަ އަހަރު ކުރިން ހެދި ކެޓެރެކްޓްގެ ސަބަބުން ލޮލުގެ ކަޅު ކަޅި ހުދުވުމަށް ފަހުގަ އެވެ.

ތިމާގެ ބަޔަކާއެކު މިހާރު ދިރިއުޅެމުންދާ މަތުރާބާއީ ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖެހީ މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު އެވެ. މަތުރާބާއީ ބުނަނީ ވެކްސިން ޖެހި ދުވަހުގެ އަނެއް ދުވަހު އޭނާގެ ލޮލަށް ފެންނަން ފަށައިފި ކަމަށާއި އެ ދުވަހު ލޮލުގެ ފެނުމުގެ 30 އާއި 40 ޕަސެންޓް ވަރު ރަނގަޅުވި ކަމަށެވެ.

މަތުރާބައީ ދައްކާ ވާހަކައަކީ ތެދެއްކަން އަދި އެއްވެސް ޑޮކްޓަރަކު ޔަގީން ކޮށެއް ނުދެ އެވެ.

ކޮވިޝީލްޑް ވެކްސިން ޖަހައިގެން މަހަރަޝްތުރާގެ ނާޝިކްގެ މީހަކަށް މެދުވެރިވީ މުޅިން ތަފާތު މައްސަލަ އެކެވެ. އެމީހާ ބުނަނީ ކޮވިޝީލްޑްގެ ދެ ވަނަ ޑޯޒް ޖެހުމުން ދަގަތްފާނީ ބާރެއް އޭނާގެ ހަށިގަނޑުގައި އުފެދިފައިވާ ކަމަށެވެ. މިހާރު އޭނާގެ ހަށިގަނޑުގައި މެޓަލް އިން އުފައްދާފައި ހުންނަ ސަމުސާ ފަދަ ތަކެތި ހަރުލާފައި ބެހެއްޓޭ ކަމަށެވެ. އަދި އޭނާ ދައްކަނީ ތެދު ވާހަކައެއްކަން ދައްކަން އެމީހާ ވަނީ މި މަންޒަރު ފެންނަ ވީޑިއޯ އެއްވެސް ޝެއާ ކޮށްފަ އެވެ.