ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ގިނަ ބަޔަކު މިހާރު އަންނަނީ ކޮރޯނާވައިރަހުން ދިފާއުވުމަށް ތައްޔާރު ކޮށްފައިވާ ވެކްސިން ޖަހަމުންނެވެ. މި ވެކްސިންގެ ސައިޑް އިފެކްޓްސްގެ ގޮތުގައި ގިނަ މީހުންނަށް ތަޖުރިބާ ކުރެވެނީ ގައިގައި ރިއްސުމާއި ހުން އައުން އަދި ވަރުބަލިވުން ފަދަ ކަންކަމެވެ. ނަމަވެސް އިންޑިއާގެ މަހަރަޝްތުރާގެ ނާޝިކުގެ މި މީހާ ބުނާ ގޮތުގައި ވެކްސިން ޖެހި ފަހުން އޭނާގެ ހަށިގަނޑަށް ކުރިމަތިވެފައި ވަނީ ވަރަށް ތަފާތު ސައިޑް އިފެކްޓެކެވެ. މެގްނީޓިޒަމް ކިޔާ މައްސަލަ އެކެވެ. އޭނާގެ ހަށިގަނޑު ދަގަތްފާނަށް ދެމުމެވެ.
ޓައިމްސް އޮފް އިންޑިއާ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އަރްވިންދް ސޯނަރް ކިޔާ މި މީހާ އަކީ އުމުރުން ދުވަސްވީ މީހެކެވެ. އޭނާ ބުނާ ގޮތުގައި ވެކްސިން ޖެހި ފަހުން އޭނާގެ ހަށިގަނޑުގައި ދަގަނޑުން ހަދާފައި ހުންނަ ތަކެތި ވަރަށް ފަސޭހައިން ތަތްލަވަ އެވެ.
އޭނާ ވަނީ މި މަންޒަރުތައް ވީޑިއޯކޮށް ސޯޝަލް މީޑިއާގައި ޝެއާ ވެސް ކޮށްފަ އެވެ. މި ވީޑިއޯގައި ފެންނަނީ އެމީހާގެ ގައިގައި ސަމުސަލާއި ފައިސާ ފޮތި ފަދަ ދަގަނޑު މައުދަނުން ހުންނަ އެއްޗެތި ތަތްލާފައި ހުންނަ ތަނެވެ.
އެގޮތަށް ތަތްލަނީ އެމީހާގެ ގައިން ހިއްލާ ދަލުން ކަމަށް ގިނަ ބަޔަކަށް ހީވެދާނެ އެވެ. ޚުދް އޭނާގެ އާއިލާގެ މީހުން ވެސް ގަބޫލު ކުރަނީ އެގޮތަށެވެ. ނަމަވެސް މެޓަލް އިން ހުންނަ އެއްޗެތި އޭނާގެ ގައިގައި ތަތްލަނީ ހަމައެކަނި ދާހިތްލާފައި ހުންނަ ވަގުތު ތަކުގައެއް ނޫނެވެ. ހަށިގަނޑުގައި އެއްވެސް ކަހަލަ ތެތްކަމެއް ނެތި މުޅިން ހިކިފައި ހުންނަ ވަގުތު ތަކުގައި ވެސް ދަގަތްފާނުގައި ދަގަނޑު އެއްޗެތި ތަތްލާ ގޮތަށް އަރްވިންދްގެ ގައިގައި އެ އެއްޗެތި ތަތްލާފައި ހުރެ އެވެ.
މިކަމާ ގުޅޭ ގޮތުން ޓައިމްސް އޮފް އިންޑިއާ އިން ސުވާލުކުރި ޑޮކްޓަރަކު ބުނެފައި ވަނީ މި ވީޑިއޯ ބަލާފައި މިއީ ވެކްސިންގެ ސަބަބުން ވީ ކަމެކޭ ޔަގީން ކަމާއެކު ނުބުނެވޭނެ ކަމަށެވެ. މިކަމާ ގުޅޭ ގޮތުން އެއްޗެއް ބުނެވޭނީ ތަހުލީލުތައް ކޮށްގެން ކަމަށް ޑޮކްޓަރު ބުނެފައި ވެއެވެ.
"މިހާރު މި މައްސަލައިގެ ރިޕޯޓެއް ތައްޔާރުކޮށް ސަރުކާރަށް ހުށަހަޅާނަން. މިކަމާ ގުޅޭ އިތުރު ތަހުލީލުތައް ކުރަން ޖެހޭ ކަމަށް އަހަރެން ދެކެނީ،" ޑޮކްޓަރު ބުންޏެވެ.
ނަމަވެސް މިކަން މިގޮތަށް މެދުވެރިވާތީ ރިޕޯޓު ކޮށްފައި ވަނީ ހަމައެކަނި މި އިންޑިޔާ މީހާއެއް ނޫނެވެ. އެމެރިކާގެ ބައެއް މީހުން ވެސް މި ޝަކުވާ ކުރަމުންދާ ކަމަށް ވެއެވެ.
އެންވައިމެގް ގައިވާ ރިޕޯޓެއް ބުނާ ގޮތުގައި ވެކްސިންގެ ދެ ވަނަ ޑޯޒަށް ފަހު ބައެއް މީހުންގެ ހަށީގަނޑުގައި ދަގަތްފާނުގެ ބާރު ހުރެގެން ޝަކުވާ ކޮށްފައި ވެއެވެ.
އޭގެ ތެރޭގައި ނަރުހެއް ކަމަށް ބުނާ މީހަކު ހިމެނެ އެވެ. އެމީހާ ޝެއާކުރި ވީޑީއޯގައި އޭނާ ގެންގުޅުނު ތަޅުދަނޑީއެއް އޭނާގެ މޫނާއި ގައިގެ އެތަން މިތަނުގައި ވަރަށް ފަސޭހައިން ތަތްލާތަން ފެނެ އެވެ.
ހަގީގަތުގައި ވެސް ވެކްސިނުން ހަށިގަނޑުގައި ދަގަތްފާނުގެ ބާރު އުފެދިދާނެ ހެއްޔެވެ؟ ރޮއިޓާސް ފެކްޓް ޗެކް ބުނާ ގޮތުގައި މިކަން މިގޮތަށް ދިމާވެދާނެ ކަމަކަށް ސައިންސް ގަބޫލެއް ނުކުރެ އެވެ. ސަބަބަކީ ކޮވިޑް-19 އަށް ތައްޔާރުކޮށްފައިވާ އެއްވެސް ވެކްސިނެއްގައި އެއްވެސް ކަހަލަ މެޓަލިކް އިންގްރިޑިއަންޓްސް އެއް ބޭނުން ކޮށްފައި ނެތުމެވެ.
މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ބައެއް ވެކްސިންގައި އެލުމިނިއަމްގެ މަދު މިންވަރެއް ބޭނުން ކުރެ އެވެ. ނަމަވެސް އެއީ އަހަރެމެން އާންމުކޮށް ކާ ކެއުމުގައި ނުވަތަ ބޯ ފެނުގެ ޒަރިއްޔާއިން ވެސް ހަށިގަނޑަށް ވަންނަ ވަރުގެ މިންވަރެކެވެ. އަދި މި ވެކްސިންގައި ވެސް މެޓަލްގެ ބާވަތްތައް އެއްގޮތަކަށް ވެސް ބޭނުން ކޮށްފައެއް ނުހުރެ އެވެ.
ޚާއްސަކޮށް ދަގަތްފާނަށް ދަމާ ބާރު ހުންނަ ވަރަށް އިންސާނެއްގެ ހަށިގަނޑުގައި މެޓަލްގެ އަސަރު ހުންނަން ވެކްސިންގެ ކުޑަ ޑޯޒެއް ނުފުދޭ ކަމަށް ސައިންސްވެރިން ދެކެ އެވެ.
މި ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި އިންސާނާގެ ހަށިގަނޑުގައި އަޔަން ނުވަތަ ދަގަނޑުގެ ބައި ހުންނާތީ މިއީ ދަގަތްފާނަށް ހަށިގަނޑު ކޮންމެވެސް ވަރަކަށް ދަމާނެ ސަބަބެކެވެ.
އަހަރެމެންގެ ހަށިގަނޑުގެ ބޮޑު ބައެއްގައި ހުންނަނީ ފެނެވެ. ވީމާ ފެނާއި އަޔަން އެކުވުމުން ދަގަތްފާނީ ބާރެއް ހަށިގަނޑުގައި ކުޑަ ކުޑަ މިންވަރަކަށް ނަމަވެސް ހުރެ އެވެ. އެމްއާރްއައި މެޝިނުން އިންސާނާގެ ހަށިގަނޑުގެ އެތެރެ ބަލާލެވެނީ އެހެންވެ އެވެ.