ވޯލްވާ ހެމްޓަން ވޮންޑާސްގެ މައްޗަށް 4-1 ން ކާމިޔާބު ހޯދައި، މެންޗެސްޓާ ސިޓީން މޮޅުވުމުގެ ޓްރެކް 21 މެޗާ ހަމައަށް ގެންގޮސްފި އެވެ.
މޮޅުވުމުގެ ރޭހުގައި އެ އަދަދަށް، ސިޓީއަށް ވާސިލު ވެވުމުން އެ ޓީމުން ވަނީ، ކޯޗް ޕެޕް ގާޑިއޯލާގެ ކުރީގެ ޓީމު ބަޔާން މިޔުނިކް ހަދާފައިވާ ރެކޯޑާ ކައިރި ކޮށްފަ އެވެ. ޔޫރަޕްގެ ގަދަ ފަސް ލީގްގެ ތެރެއިން މޮޅު ވުމުގެ ޓްރެކްގައި ބަޔާން އިން ވަނީ 23 މެޗާ ހަމައަށް ދަމަހައްޓާފަ އެވެ. އެ ރެކޯޑް މުގުރާލުމަށް ކުރިއަށް އޮތް ހަތަރު މެޗުން ސިޓީ މޮޅުވާން ޖެހޭނެ އެވެ.
ވޯލްވްސްއަށް ލަނޑު ޖަހައިދިން ކޯނާ ކޯޑީ، ޖެހި ލަނޑަކީ އޭޕްރީލް 2018 ގެ ފަހުން އޭނާ ޖެހި ފުރަތަމަ ލަނޑެވެ. މެޗުގައި އެންމެ ފުރަތަމަ ލީޑް ނެގީ ސިޓީންނެވެ. މެޗުގެ 15 ވަނަ މިނެޓްގައި އެ ޓީމުން ލީޑް ނެގި ލަނޑަކީ، ވޯލްވްސްގެ ލިއޯންޑާ ޑެންޑޮންކާރް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ކޯޑީ ނަތީޖާ ހަމަހަމަ ކުރީ ދެ ވަނަ ހާފުގަ އެވެ.
އެހެންނަމަވެސް، ގެބްރިއަލް ޖެސޫސް އާއި ރިޔާޒު މަހްރޭޒްގެ ލަނޑުތަކުން ސިޓީން މެޗުގެ ނަތީޖާ ފަހު 15 މިނެޓް ތެރޭގައި ބަދަލު ކުރި އެވެ. ޖެސޫސް 80 ވަނަ މިނެޓްގައި ލަނޑު ކާމިޔާބު ކޮށް ސިޓީއަށް އަލުން ލީޑް ނަގައިދިނެވެ. މަހްރޭޒް ލަނޑު ޖެހީ 90 ވަނަ މިނެޓްގަ އެވެ. ޖެސޫސްގެ ދެ ވަނަ ލަނޑު އޭނާ ކަމިޔާބު ކޮށް ނަތީޖާ 4-1 ށް ބަދަލު ކުރި އެވެ.
މި މޮޅާ އެކު ސިޓީން ވަނީ، އެއް ވަނައިގައި 15 ޕޮއިންޓްގެ ލީޑެއް ނަގާފަ އެވެ.