ލައިފްސްޓައިލް

ޒުވާން އިންޖިނޭރު: އައުޒަމްގެ ވަރުގަދަ އަޒުމެއް!

ރާއްޖޭގެ ދެކުނުގައި މަސްވެރިކަމަށް މައި އެއް ހަބު ކަމަށްވާ ގއ. ގެމަނަފުއްޓަށް އުފަން އަހުމަދު އަަައުޒަމަކީ މަސައްކަތްތެރި ޒުވާނެކެވެ. އެކަމަކު މަސްވެރި ރަށަކަށް އުފަން އައުޒަމް ދުވަހަކު ވެސް މަހަކަށް ނުދެ އެވެ. އޭނާ ޝައުގުވެރިކަން ހުރީ ވެސް އަދި ހިތްއޮތީ ވެސް ތަފާތު މަސައްކަތަކަށެވެ. އުމުރުން 21 އަހަރުގައި އައުޒަމް އަމިއްލަ ގަރާޖެއްގައި ރަށު އެއްމެންނަށް މުހިއްމު ހިދުމަތެއް ދިނެވެ. ރަށުގެ ގޭގޭގައި ހިފައި ގެންގުޅޭ ސާމާނު ހަލާކުވުމުން އެ ތަކެތި މަރާމާތުކޮށް ހަދައި ދެނީ އޭނާ އެވެ. އެނާގެ މުޅި ދުވަސް ހޭދަކޮށްލަނީ ގަރާޖްގައި މަސައްކަތުގަ އެވެ.

އޭނާ ބުނާ ގޮތުން އެއްޗެއް މަރާމާތުކޮށް ހެދުމުގައި އޭނާ އުޅޭ އިރު ދުވަސް ދާ ގޮތް ވެސް ނޭގެ އެވެ. ސައިކަލާއި އިންޖީނާއި އޭސީ، އަވަން އަދި ގޭގެ ބޭނުންކުރާ ރައިސް ކުކަރު ކަހަލަ އެއްޗެހި ހަލާކުވުމުން ވެސް އޭނާ އެ ތަކެތި ހަދައިދެއެވެ. މީގެ އިތުރުން ވެސް ކަރަންޓު ވަޔަރު ކުރުމާއި އޭސީ މަރާމާތު ކުރެ އެވެ. މިއީ އޭނާއަށް މާ ބޮޑު ކަމަކަށް ވެސް ނުވެއެވެ.

މި މަސައްކަތަށް އައުޒަމް ޝައުގުވެރިގޮތް އޭނާ ކިޔާ ދެ އެވެ.

"އެންމް ކުޑައިރު ފެށީ ކުޅޭ ކުޅޭ ކާރާއި ކުދި މޯޓަރު ރޫޅަން. ރޫޅާފައި އަލުން ހަދަން. އޭރުއްސުރެ ވަރަށް ބޮޑު ޝައުުގުވެރި ކަމެއް ހުރޭ. ރޫޅާފައި އަލުން ހަދާލެވުނީމާ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބޭ. މިކަހަލަ މަސައްކަތް ކުރުމަށް ޝައުުގުވެރިކަން ހުންނާތީ ރަށު މީހެއް ކައިރިންް 14 އަަހަރުގައި ވެލްޑިން ކުރަން ދަސްކުރިން. އަމިއްލައަށް އެއްޗެހި ރޫޅާ ހަދަމުންދާ ވަރަކަށް ވަރަށް ގިނަ ކަންކަން ދިޔައީ ދަސްވެގެން" އޭނާ ބުންޏެވެ.

ރަށުގައި އުޅުނު އިރު ގޭތެރޭ ސަމާނު ހެދުމުގެ އިތުރުން އައުޒަމްގެ މަސައްކަތަކަށް ވީ ބައިސްކަލް މޮޑިފައި ކުރުމެވެ. ބައިސްކަލް އެކި ގޮތްގޮތަށް މޮޑިފައި ކުރެއެވެ. ބަލާބެލުމަށް ބައެއް ފަހަރު ހާލީ ޑޭވިޑްސަން ސައިކަލެއް ހެން ހީވާ ގޮތަށްވެސް ޑިޒައިންކޮށް މޮޑިފައި ކޮށްލަ އެވެ.

"ބައިސްކަލް މޮޑިފައި ކުރަން ފެށުނީ ބޮޑަށް ހޮބީއެއްގެ ގޮތުން. އެކި ގޮތްގޮތަށް މޮޑިފައި ކުރަން އެންމެ ފުރަތަމަ ކުރަހަނީ ދެން އެލުމީނިއަމް ބޭނުންވާ ސައިޒަށް ކަފާ ވެލްޑިންކޮށް ހަދަނީ."

ސައިކަލް ދުއްވޭ އުމުރު ފުރައަށް އައުޒަމް ދިޔައިރު އޭނާއަށް ފަސްދޮޅަހެއްހާ ޑިޒައިން ހެދިފައި ވެއެވެ. އަދި އަބަދުވެސް އޭނާ އަތުގައި އަމިއްލަ ޑިޒައިންގެ ތިން ބައިސްކަލް ހުރެއެވެ. އެންމެ ފަހުން އޭނާ ޑިޒައިން ކުރި ބައިސްކަލް އޭނާއަށް ވަރަށް ހާއްސަ އެވެ.

"އެންމެ ފަހު ބައިސްކަަލަކީ 18 ވުމުގެ ކުރިން ދުއްވި ބައިސްކަލް. މި ބައިސްކަލް ހެދީ ޑިޒައިންގެ އިތުރުން އެހެން ފީޗާސް ތަކަކާއިއެކު. ބައިސްކަލް ދުއްވާ ސްޕީޑާއި، އޭގެން ކަރަންޓް އުފައްދާ މިންވަރާއި، ޑިސްޓެންސް ގެ އިތުރުން ސައިޑް ލައިޓާއި ހެޑް ލައިޓް އެމެޖެންސީ ލައިޓް ހަރު ކުރިން. އަދި ބައިސްކަލުގެ ސްޕީކަރު ހަރުކޮށް ލަވަޖެހޭ ގޮތަށް"

އައުޒަމްގެ އަމިއްލަ އުފެއްދުމުގެ ތެރޭގައި ވަރަށް ހާއްސަ ލޯންޗެއް އޭނާ ފާހަގަކުރިއެވެ.

"އެންމެ ކުރީ ޒަމާނު ރިޔަލު ދޯންޏެއް ގޮތަށް ހެދި ލޯންޗެއް އެއީ. އެއް ބެޓަރީ ލާފައި ހެދީ. ދެން އޭގައި ދެ މޯޓަރު އަޅުވާލާ އެންމެ ފަހުން ރިމޯޓު ކޮންޓްރޯލް ލޯންޗަކަށް ބަދަލުކޮށްލީ"

ގެމަނަފުށީގެ ދަނޑުހައްދާ މަންމައަކާއި ކުރީގެ މަސްވެރިކަން ކޮށް މިހާރު އަމިއްލަ ވިޔަފާރި ކުރާ ބައްޕައެއްގެ 10 ކުދިންގެ ތެރޭގައި ހިމެނޭ އަައުޒަމް މިހާރު ރަށުގެ ގަރާޖް ދޫކޮށްލައި ހުރީ މާލޭގަ އެވެ.

"މާލެއަށް އައި މި ދާއިރާއިން އިތުރަށް ކިޔެވުމަށް. ބޭނުންވަނީ އިންޖީން ރިޕެއާ ދާއިރާއިން ކިޔެވުމަށް. ހަމައެކަނި އެކްސްޕީރިއަންސްގެ އިތުރުން ވަރަށް މުހިއްމު މި ދާއިރާ އިން ކިޔެވުން ވެސް. ކިޔެވީމާ ޓެކްނިކަލްގެ އިތުރުން ޕްރޮގްރާމް ބަޔަށް ވެސް ލޯހުޅުވި އިތުރަށް ދަސްވާނެެ"



އަދި ކިޔަވަން ނުފެށި އޮތަސް މިހާރު ދަނީ އެމްޓީސީސީގެ ވަޒީފާ އަދާ ކުރަމުންނެވެ. އެމްޓީސީގައި އައުޒަމް ވަޒީފާ އަދާ ކުރަނީ ޓްރޭޑިން އެންޑް އަފްޓާ ސޭލްސް ޑިޕާޓްމަންޓްގެ މެރިން އިންޖިނިއަރިން ސެކްޝަންގަ އެވެ.

"ވަރަށް ޝައުގުވެރި މަސައްކަތް. މިހާރު އަހަރެއްހާ ދުވަސް މި ވަނީ މާލޭގައި. އަދި ދުވަހަކު ވެސް ގަޑިއެއް ނުޖެހޭ އަދި ނުދާ ދުވަހެއްވެސް ނެތް. އެކި އުމުރު ފުރައިގެ މީހުން އުޅެނީ އެއްކޮށް މަސައްކަތް ކުރަން. 15 މީހުންގެ ޓީމެއް އޮވޭ. އެމީހުންގެ ކައިރިން ވެސް ވަރަށް ގިނަ ކަންކަން އެބަ ދަސްވޭ."

އުމުރުން ހަގަސް އައުޒަމް އިންޖިނިއަރިން ދާއިރާއަށް އޮތް ލޯބި ބޮޑެވެ. "ޒުވާން އިންޖިނިއަރު" ނަމުގައި ފޭސްބުކްގައި އިންޖިނިއަރިން އާމެދު މީހުން ދެކޭ ގޮތް ބަދަލު ކުރުމަށް ހާއްސަ މަސައްކަތެއް އޭނާ ކުރެއެވެ.

"ގަރާޖެއްގައި މަސައްކަތް ކުރުމަކީ ހަޑި އަދި ދެރަ މަސައްކަތެއް ކަމުގައި މީހުން ދެކެނީ. އަބަދު ރީތި ވެގެން ގޮނޑިއާއި މޭޒު ކައިރީ ނެތަސް އެއީ އެކަން ކުރަން ޝައުގުވެރިވާ މީހެއް ކުރަން ހަމަ ސަޅި މަސައްކަތެއް"

އަމިއްލައަށް ދަސްކުރަން އުޅޭއިރު އަދި މަސައްކަތް ކުރާއިރު ސޭފްޓީއަށް އިސްކަން ދިނުމަކީ މުހިއްމު ކަމެއް ކަމުގައި އައުޒަމް ބުނެ އެވެ.

"ދެތިން ފަހަރަށް ކަރަންޓް ޖެހުނު. އެކަމަކު އަބަދުވެސް ބަލަނީ ސޭފްޓީ މެޝާސް އާއެކު މަސައްކަތް ކުރުމަށް. ބޮއިލަރު ސޫޓާއި، ސޭފްޓީ ޝޫޒް އަދި ގޮގްލްސް އާއި ހެލްމެޓް ބޭނުން ކުރަންޖެހޭ،"

އެންމެ ބުރަ އަދި ބޮޑު މަސައްކަތަކަށް އައުޒަމް ކޮށްފައިވާ މަސައްކަތްތަކަކީ އިންޖީން އޯވަހޯލް ކުރުމުގެ މަސައްކަތް ކަމުގައި އޭނާ ބުންނެވެ.

"ސައިކަލެކޭ އެއްގޮތަށް އިންޖީން އަކީވެސް ބަރާބަރަށް ސާވިސް ކުރަންޖެހޭ އެއްޗެއް. ސައިކަލުގެ އަޑީތެޔޮ ބަދަލުކޮށްލުމަކީ 100 ރުފިޔާ ދާނީ. އިންޖީނުގެ ސްޕާކް ޕްލަގާއި ފިލްޓަރ ބަދަލުކޮށް ހެދީމާ އެއީ އިންޖީނަަށް އާ ދިރުމެއް ލިބޭ ކަމެއް. ސާވިސް ނުދޭ ނަމަ މައްސަލަޖެހި އިންޖީނު ބަދަލުކުރަން އަތުން މާ ބޮޑު ހަރަދެއް ދޭ"

ހީވާގީ ޒުވާން އިންޖިނިއަރުގެ މި މަސައްކަތްވެސް ސަޅިއެވެ. މިއީ އިންޖިނިއަރިން ދާއިރާއިން ކުރި ހޯދާނެ ޒުވާނެކެވެ. އައުޒަމް ބުނާ ގޮތުގައި އޭނާ ދެެކެން ބޭނުންވާ ދުވަަހަކީ އިންޖިިއަރިންގ ދާއިރާގައި ނަން މަޝްހޫރު އިންޖިނިއަރަކަށްވެ މި ދާއިރާއިގައި ހިދުމަތްކުރުމެވެ.