ކޮވިޑާއެކު މުޅި ދުނިޔެ ވެސް ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. ކަންކަން ހިނގާ އަސްލު މަގު ނޫން އެހެން މަގަކުން ކަންކުރަން މަޖުބޫރު ހާލަތަަކަށް އާއްމު ދިރިއުޅުމުގެ ކަންކަން މުޅީން ވަނީ ބަދަލުވެފަ އެވެ. އަދި ކޮވިޑްގެ ތެރެއިން އަލަށް ކޮށުނު މަގުތަކުން ހިނގާން ވެސް މިއޮތީ ދުނިޔެއަށް މަޖުބޫރެއް ވެފައެވެ. އެ ގޮންޖެހުންތަކުގެ ތެރޭގައި 2020 ވެގެން ދިޔައީ ވަރަށް އުދަނގޫ އަދި ބަދަލު ގިނަ އަހަރަކަށެވެ. ގޮންޖެހުން ގިނަ ވެސް އަހަރަކަށެވެ.
ރާއްޖޭގެ އާބާދީގައި ހިމެނޭ އަންހެނުންނަށް ވެސް މިއީ ގޮންޖެހުންތައް ބޮޑު އަރަކަށްވި އެވެ. ރާއްޖޭގައި މަސައްކަތުގެ މައިދާނުގައި އަންހެނުންގެ ދައުރު ބޮޑެވެ. އަންހެނުންގެ ހިއްސާ ބޮޑު ދާއިރާތަކަށް ވެސް މިދިޔައީ ތަކުލީފު އަހަރެކެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކް އިން ނެރެފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ މުޅި މަސައްކަތު އާބާދީގައި ގައި އަންހެނުންގެ ހިއްސާއަކީ 40 ޕަސެންޓެވެ. ވަޒީފާ އަދާ ކުރާ އުމުރުގެ ފުރައިގެ ތެރެއިން އަންހެނުންގެ ނިސްބަތަކީ 41 ޕަސެންޓެވެ.
ރާއްޖޭގައި ރަނގަޅު ތައުލީމަކާއެކު ވަޒީފާގެ މައިދާނަށް ނުކުންނަ އަންހެނުން ފިރިހެނުންނަށްވުރެ ގިނައެވެ. ނަމަވެސް މެނޭޖްމަންޓް ލެވެލްގައި އަންހެނުންގެ ބައިވެރިވުން ކުޑަ އެވެ. ވަޒީފާ އަދާ ކުރާ އަންހެނުންގެ ތެރެއިން އިސް މަގާމުތަކުގައި މަސައްކަތް ކުރަނީ 22 ޕަސެންޓް އަންހެނުން އެވެ.
ވަޒީފާގައި އަންހެނުން ހިއްސާ އެންމެ ބޮޑީ ސިވިލް ސާވިސްގަ އެވެ. އެއީ އަންހެނުންގެ މެޖޯރިޓީއެކެވެ. ސިވިލް ސާވިސްގައި މަސައްކަތް ކުރާ 62 ޕަސެންޓް މީހުން އަކީ އަންހެނުނެވެ. އިޖްތިމާއީ ދާއިރާގެ 87 ޕަސެންޓް ނަރުހުންނަކީ އަންހެނުންނެވެ. ޓީޗަރުންގެ ގޮތުގައި މަސައްކަތް ކުރާ މީހުންގެ 72 ޕަސެންޓް މީހުނަކީ އަންހެނުންނެވެ. ޑޮކްޓަރުންގެ ތެރެއިން 36 ޕަސެންޓް މީހުނަކީ އަންހެނުންނެވެ.
ދިވެހި އަންހެނުންނަކީ ނުރަސްމީކޮށް ގޭގައި މަސައްކަތްކޮށް ދިރިއުޅުމުގެ ހަރަދު ދެކޮޅު ޖައްސަައި ބުރަ މަސައްކަތެއްކޮށް ހަދާ ބައެކެވެ. ގޭގައި އާމްދަނީ އެއް ހޯދަން މަސައްކަތް ކުރާ އަންހެނުންގެ ނިސްބަތަކީ 44 ޕަސެންޓެވެ.
ގެއިން މަސައްކަތް ކުުރަން ގޮންޖެހުންތައް
ކޮވިޑާއެކު މަސައްކަތް ކުރާ ގޮތް ވަރަށް ބޮޑަށް ބަަދަލުވި އެވެ. އެންމެ ބިޔަ ބޮޑެތި ކުންފުނިތަކުން ފެށިގެން އަމިއްލަ ކުދި ކުންފުނިތައް ބަދަލުކޮށްލީ ގެއިން މަސައްކަތް ކުރާށެވެ. "ވޯކް ފްރޮމް ހޯމް" ގެ އެންމެ ބޮޑު އެއް ދައްޗަކީ މަސައްކަތާއި އާއިލީ ޒިންމާ ވަކި ކުރަން ނޭގުމެވެ.
ކުންފުންޏެއްގައި އިސް މަގާމެއްގައި މަސައްކަތް ކުރާ އަންހެނަކު ވިދާޅުވި ގޮތުގައ ކޮވިޑާއެކު އެއް ދުވަހުގެ ނޯޓިސް ދީފައި ގެއިން މަސައްކަތް ކުރުމަށް ހަމަޖެހުނަސް އަދި ފެސިލިޓީ އާއި އިންތިޒާމްތައް ހަމަޖެހިފައިވިޔަސް ގޭގައި މަސައްކަތް ކުރާއިރު ތަފާތެވެ. އެގޮތަށް އެއްވެސް އެފަދަ ކަމަކަށް މެންޓަލީ ޕްރިޕެއާ ވެފައެއް ނެތެވެ.
"އަދި ގޭތެރެއިން ކުދިންގެ ޑިމާންޑް އޮވޭ. ސްކޫލްތައް ބަންދުވެފައި ކުދިން ބަލަމުން މަސައްކަތް ކުރުން ވީ ވަރަށް ބޮޑު ޕްރެޝަރަކަށް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޮފީހުގައި މަސައްކަތް ކުރާއިރު ވަރަށް ރަނގަޅަށް އޮންނަނީ ދުވަސް ވަކި ވެފަ އެވެ. ހުކުރު ދުވަހަކީ ބަންދު ދުވަހެވެ. އެއީ އާއިލާގެ ދުވަހެވެ.
"ޕެންޑެމިކާއެކު އާދިއްތަ އަންގާރައެއް ވަތްކެއް ނުވޭ. އެހެންވެ އޮފީސް މީޓިންގްސްތަކަށް އެޓެންޑް ކުރަމުން ގޭގައި މަސައްކަތް ކުރުންވީ ތަފާތު ބޮޑު ގޮންޖެހުމަކަށް"
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިކްސް އިން ބުނާ ގޮތުގައި ރާއްޖޭގައި ގޭގެ މަސައްކަތުގައި ފިރިހެނުންނަށްވުރެ ބޮޑަށް އަންހެނުން ޝާމިލް ވެއެވެ. މިގޮތުން އާއްމު ގޮތެއްގައި ފިރިހެނުން އެވެރޭޖްކޮށް ދުވާލެއްގެ މައްޗަށް ނުވަ ގަޑި އިރު ރަސްމީ މަސައްކަތުގައި އުޅެ ގޭތެރޭ ޒިންމާގެ ގޮތުގައި ކުރާ މަސައްކަތް ހިމެނެނީ އެންމެ ދެ ގަޑިއިރެވެ. އެއާ ހިލާފަށް އަންހެނުން ރަސްމީ މަސައްކަތުގައި ދުވާލެއްގެ މައްޗަށް އެވެރޭޖްކޮށް ހަތް ގަޑި އިރު ހޭދަވާ އިރު ގޭތެރޭ މަސައްކަތުގައި ހަތަރު ގަޑި ހޭދަކުރެ އެވެ.
ނުރައްކާތެރި ބައްޔަކާއި ހަނގުރާމަ ކުރަމުންދާ ހާލުގައި ދިރިއުޅުމުގެ ސްްޓްރެސް ބޮޑުވެ ކޮވިޑް ބަލާއާފާތުގެ ސަބަބުން ހިމޭނުން ތިބެ ނަފްސާނީ އެތައް މައްސަލައެއް އިތުރުވިއެވެ. ލޮކްޑައުންވެ ގިނަ މީހުން ކުޑަ ކުޑަ ތަންކޮޅެއްގައި ތިބެ އާމްދަނީ ހޯދަން މަސައްކަތް ކުރަންޖެހުނެވެ. ބައްޔަށް ޕޮޒިޓިވް ވުމާއި، އާއިލާ މިހުން ދުނިޔެ ދޫކުރުމާއި ކުރިމަތިލާން ޖެހި ނަފްސާނީ އެތައް ކަމެއް ކުރިމަތި ލާން ޖެހުނެވެ.
ސްކޫލްތައް ބަންދުވުމާއެކު ކުދިން ގޭގައި ބަންދުވެ ކުޅެލަން ދުވެލަން ނުދެވުމަކީ ވެސް ޖިސްމާނީ އަދި ނަފްސާނީ ގޮތުން އަސަރު ކުރާ ކަމެއް ކަމުގައިވާ އިރު މިއީވެސް ކޮވިޑާއެކު ކުރިމަތިލާން ޖެހުނު ސައިކޮލޮޖިކަލް މައްސަލަކަށްވި އެވެ.
ސިއްހީ ދާއިރާގައި މަސައްކަތް ކުރާ އަންހެނުން، އެ މީހުންގެ ދަރިންނާއި މައިންބަފައިންނާއި ދުރުގައި މިދިއަ އަހަރު ހޮސްޕިޓަލްތަކުގައި ފެސިލިޓީތަކުގައި ގިނަ ވަގުތު ހޭދަކުރަންޖެހުނެެވެ. ޓީޗަރުން އެމީހުންނަށް މަޖުބޫރުވީ އެމީހުންގެ ވަޒީފާ ދުވަހަކު ވެސް ސިފަ ނުކުރާ ގޮތަކަށް ކުއްލިއަކަށް ބަދަލު ކުރާށެވެ.
އިންޓަނެޓުގެ ދަތިކަމުގައި އޮންލައިން ކްލާސްތަކުން ކުދިންގެ ސަމާލުކަން ހޯދައގެން އުގަންނައިދޭން މަސައްކަތް ކުރަންޖެހުނެވެ. ހޮސްޕިޓަލްތަކުގައި އަންހެނުން މަސައްކަތް ކުރާ ޑޮކްޓަރުން ވެސް ބުރަ ބޮޑު ތަކުލީފެއް އުފަލަންޖެހުނެވެ.
ކޮވިޑްގެ ބަލާއާފާތާއެކު އިތުރު ކަންކަން ވެސް ލައިގަތެވެ. ކުދިން ސުކޫލަށް ނުދެވުން ވީ ކުޑަކުދިންނަށް އިހުމާލާއި އަނިޔާއަށް ހުށެއެޅުނު ކަމަކަށެވެ. މިގޮތުން މީގެ ކުރިން ދުވަހަކު ވެސް އަޑު ނާހާފަދަ ޖިންސީ ގޯނާގެ ކޭސްތަކެއްގެ ހިޔަނީގައި ފޮރުވިގެން އެތައް ދުވަހަކު ތަކުރާރުވި އެވެ.
އަނިޔާގެ ހިސާބަށް ބަލާއިރު އެ ނަމްބަރުތައް ވެސް އަނދިރިއެެވެ. ޖެންޑާގެ ހިސާބުތަކަށް ބަލާއިރު ގެވެށި އަނިޔާގެ 179 ކޭހަކާއި ޖިންސީގޯނާގެ 36 ކޭހަކާއި ނަފްސާނީ އަނިޔާގެ 92 ކޭހެއް ރިޕޯޓް ކޮށްފައި ވެއެވެ. މިއީ ރަސްމީކޮށް ރިޕޯޓްކޮށްފައިވާ ނަމްބަރުތަކެވެ. އަދި މި ފަދަ ކިތަންމެ ހާދިސާއެއް ލޮކްޑައުން ތެރޭގައި ރިޕޯޓް ނުވެ ގޮސްފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ.