ކޮވިޑް-19ގެ ބަލިމަޑުކަމުގައި އަންހެނުން ތިބީ ފިރިހެނުންނަށްވުރެ ވެސް ކުރީސަފުގައި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން މިނިސްޓަރު ޝާހިދު މިއަދު ދެއްވި މެސެޖުގައި ވިދާޅުވީ، މި ޕެންޑެމިކްގައި އަންހެނުން ފިރިހެނުންނާ އެއް ހަމައެއްގައި އަދި ފިރިހެނުންނަށްވުރެ ކުރީގައި މަސައްކަތްކުރާތަން ފެންނަ ކަމަށެވެ. އަދި މިފަދަ ޕެންޑެމިކް ތަކުގައި އަންހެނުން ލީޑް ނަގައިގެން ކުރީ ސަފުގައި މަސައްކަތްކުރާތަން އަބަދުވެސް ފެންނަ ކަމަށް އެކަމިކުފާނު ފާހަގަކުރެއްވި އެވެ.
މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރަކީ "ވޮމެން އިން ލީޑާޝިޕް: އެޗީވިންގ އޭން އީކުއަލް ފިއުޗާ އިން އަ ކޮވިޑް-19 ވޯލްޑް" ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އަންހެނުން ބާރުވެރިކުރުމުގައި ރާއްޖެ ވަނީ އެތައް ހަރުފަތެއް ކުރިއަށް ޖެހިފައި ކަމަށެވެ. ރާއްޖޭގައި ވެސް މި ޕެންޑެމިކްގައި އަންހެނުން ކުރީގައި ތިބެ ކުރަމުން އަންނަ މަސައްކަތްތައް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.
މިނިސްޓަރު ވިދާޅުވީ، ގައުމީ ފެންވަރުން ފެށިގެން މިއަދު ބައިނަލްއަގްވާމީ ޕްލެޓްފޯމްތަކުގައިވެސް ރާއްޖެ ދަނީ ޖެންޑާ އީކުއަލިޓީ އާއި ގުޅިގެން ވަކާލާތުކުރަމުން ކަމަށެވެ.
ދިވެހި ސަގާފަތާއި މުޖުތަމައުގައި މީގެކުރިން ދިމާވެފައިވާ އުނދަގޫތަކާއި ކުރިމަތިލައި ކުރިއަރައިގެން ދިޔަ ހުރިހާ އަންހެނުންނަށް މަރުހަބާ ދަންނަވައި،
މިއަދު ކައުންސިލްތަކުގެ 33 ޕަސެންޓްގައި އަންހެނުން ކުރީސަފުގައި ތިބުމަކީ ބަދަލެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"އަންހެނުންނަށް އަމިއްލަ ދިރިއުޅުން ބިނާކުރުމުގެ މިނިވަންކަން ލިބުނު ހިސާބުން ފެށިގެން ދުނިޔެއަށް އަންނަމުންދާ ބަދަލުތައް މިއަދު ފެންނަމުން މިއަންނަނީ" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގައި އަންހެނުންނާ މެދު ކުރާ ތަފާތުކުރުންތަކާއި އަންހެނުނަށް ކުރާ ޖިންސީ އަނިޔާތަކާއި ދެކޮޅަށް މިއަށްވުރެ ބޮޑަށް ދިވެހި އަންހެނުން މަސައްކަތްކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ވެސް އެމަނިކުފާނުގެ މެސެޖުގައި ވަނީ ފާހަގަކުރައްވާފަ އެވެ.