AVAS PHOTO ESSAY

އެޗްއީއޯސީގެ ނުފެންނަ ފަޅި

މުޅި ތަނުގައި އެއްއަޑަކަށް ގުގުމާފައި ހުރީ، ފޯނުކޯލްތަކަށް ޖަވާބުދިނުމަށް ހަރަކާތްތެރިވި ހީވާގި މަސައްކަތްތެރިންގެ އަޑެވެ. ފެނިގެން ދަނީ އާއްމުންގެ ފޯނު ކޯލުތަކަށް އިޖާބަ ދިނުމަށް އެ މުވައްޒަފުން ހަލުވިކަމާއި، ފަރިތަކަމާއި އެކުހަރަކާތްތެރިވަމުންދިޔަ މަންޒަރެވެ. އެއްބަޔަކީ ޕޮޒިޓިވް ކޭސްތައް ހޭންޑަލް ކުރާ މީޙުނެވެ. އަނެއްބަޔަކީ މޮނިޓަރިންގްގަ ތިބި ރަށްތައް ބަލަހައްޓާ މީހުންނެވެ. އަދި ކޮންޓެކްޓް ޓްރޭސިންގް އަށްވެސް ވަކި ބަޔަކު ތިބެއެވެ. ކޮނަމް ކަމަކަށް ވަކި ޓީމެއް ހަދާ ފެންނަނީ ވަރަށް ޓީމް ވޯކް ރަނގަޅުކޮށެވެ.

ކޯލް ސެންޓަރަށް ވަން ތާ އެތައް އިރެއްވިއިރު ވެސް، އެ ތަނަށް ބީރަށްޓެހި ބަޔަކު އަތުވެއްޖެކަން އެ މީހުންނަށް އިހުސާސް ވެސް ނުކުރެވެއެވެ. އެތަނުގައި އެއްތަރުތީބަކަށް އަތުރާފައިވާ ސިސްޓަމްތައް ކައިރީގައި އިށީނދެނގެން އިން ކޮންމެ މުވައްޒަފަކު ވެސް އެ މުވައްޒަފެއްގެ ޒިންމާ ފުރިހަމަކުރުމުގައި އުޅުނީ އެހާމެ އަވަދިނެތިއެވެ. ކޮވިޑް-19އާ ގުޅުން ހުރި މައުލޫމާތު ސާފުކުރުމާއި، ކޮވިޑް-19ގެ އަލާމާތްތައް ރިޕޯޓްކުރުމަށާ، މި ނޫނަސް އެ ބައްޔާ ގުޅުން ހުރި އެކި ކަންކަމާ މެދު މުއާމަލާތުކުރުމުގައި ފަސޭހަކޮށްދިނުމުގެ ގޮތުން، ކޮވިޑް ހޮޓްލައިންއެއް ތަޢާރަފްކުރީ މިދިޔަ މާރޗ 7 ވަނަ ދުވަހުއެވެ.

އެޗްއީއޯސީގެ ކޮންމެ މުވައްޒަފަކު ވެސް 8 ގަޑި އިރަށް ވުރެ ގިނަ ވަގުތު މަސައްކަތުގައި އާއްމުކޮށް ހޭދަކުރާއިރު، އޭގެ ތެރެއިން ބޮޑު ބައެއް ހިސާކުރަނީ ހިތްހަމަނުޖެހުމާއި، ނުތަނަވަސްވުން އެކުލެވޭ ވާހަކަތަކުގެ ތެރޭގަ އެވެ.

ގަބޫލުކުރަން ޖެހޭ ހަގީގަތަކީ، ކޮވިޑް-19ގެ ހާލަތުން އަރައިގަތުމަށް ކުރާ މަސައްކަތުގައި އެޗްއީއޯސީއަކީ ފަރުދާގެ ފުރަގަހުގައި އެންމެ މުހިންމު ޒިންމާ އަދާކުރާ އެއް ތަންކަމެވެ. އެޗްއީއޯސީ މުވައްޒަފުންގެ ލޯބިވާ އާއިލާއާ ދުރުގައި ކުރާ މިންނެތް މަސައްކަތުގެ އަގުވަޒަން ކުރަން އެބަ ޖެހެ އެވެ. އަދި މިކަމުގައި އަރައިގަތުމުގެ އަޒުމް، އާންމުންގެ ނެތް ނަމަ، މި ނުރައްކަލުން، މި ހިތާމައިން ސަލާމަތެއް ނުވެވޭނެ އެވެ. "ކޮވިޑް ހުއްޓުވާނީ އަހަރެން" ކަމަށް ނުހަދައި، މި މުޖުތަމައުއަށް އަލުން ހިތްހަމަޖެހުން ގެނެވޭކަށް ނެތެވެ.