ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވި ދައުވާ އުފުލާފައި ވަނިކޮށް އޭނާ ފްރޭމް ކޮށްފައިވާ ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ކޮށްފައިވާ ތުހުމަތުތަކާއި ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅު ދައްކަވައިފި އެވެ.
އަލީ ވަހީދު މިނިސްޓަރު އޮފް ޓޫރިޒަމްގެ މަގާމުގައި ހުރިއިރު އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ފުރައްސާރަ ކުރުމާއި ޖިންސީ ގޯޯނާކުރުމުގެ މައްސަލަތަކުގައި ހަތް ދައުވާއެއް އުފުލާ ކޯޓަށް މައްސަލަ ފޮނުވީ ނޮވެންބަރު މަހުގެ 18 ވަނަ ދުވަހު އެވެ. އަދި ދައުލަަތުން އެދިގެން އޭނާގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ. ނަމަވެސް އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ބާތިލު ކޮށްލުމުން އޭނާ ވަނީ ބޭސް ފަރުވާއަށް ކަމަށް ބުނެ ގައުމުން ބޭރަށް ވަޑައިގެންފައެވެ. އެއީ ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ.
އޭގެ ފަހުން އެމްޑީޕީގެ މެންބަރަކު ވަނީ ރައްޔިތުންގެ މަޖިލީހުގައި އަލީ ވަހީދު "ފްރޭމް" ކޮށްފައިވާ ކަމަށް ބުނެ ވާހަކަ ދައްކާފައެވެ.
މެންބަރުގެ އެ ވާހަކަތަކާއި ގުޅިގެން ސުވާލު ކުރުމުން ރައީސް ސޯލިހް ވިދާޅުވީ އަލީ ވަހީދުގެ މައްސަލަ އެމަނިކުފާނުގެ ސަމާލު ކަމަަށް އައީ ކޮވިޑްގެ އެންމެ ބުރަ ދުވަސްކޮޅު ކަމަށާ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒިފުންތަކެއް އެމަނިކުފާނާ ބައްދަލުކޮށް ޝަކުވާ ހުށައަޅާފައިވާ ކަމަށެވެ. އެ ބައްދަލްވުމުގައި އަލީ ވަހީދާ ގުޅޭ މައްސަލައިގެ ތަފްސީލް އެ މުވައްޒިފުން އެމަނިކުފާނާ ހިއްސާކުރި ކަމަށާ އަދި ޖެންޑާ މިނިސްޓަރުވެސް އެ މައްސަލާގައި އެމަނިކުފާނާ ބައްދަލްކޮށް ކަން ހިނގާފައިވާ ގޮތް ތަފްސީލު ކޮށްދިން ކަމަށެވެ.
ރައީސް ވިދާޅުވީ އެ މައްސަލައިގެ ފުރިހަމަ ތަހުގީގެން ހިންގަން ފުލުހުންގެ އިދާރާއަށް ހުށައަޅާފައިވާ ކަމަށެވެ. އަލީ ވަހީދު "ފްރޭމް" ކުރިކަން ނުވަތަ ނޫންކަންވެސް ނިންމާނީ ތަހުގީގުން ކަމަށްވެސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެއީ ނުހިނގާ ކަމެއްނަމަ އެކަން އެގޮތަށް އޮންނާނެ ކަމަށެވެ. އަދި މިހާރު ތަހުގީގު ހިނގަނީ "ފްރޭމް" ކުރި ކަމަށް ބަލައިގެން ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު މިހާރު ވާނީ މި މައްސަލަ ތަހުގީގު ކުރަން ފޮނުވާފައި އިނގޭތޯ، މުޅި މައްސަލަ. އޭގެ ތެރެއިން އެއީ ފްރޭމް ކުރެވިގެން ހިނގި ކަމެއްތޯ ނޫނިއްޔާ ހަގީގަތުގައި ހިނގާފައި އޮތް ކަމެއްތޯ ބަަލާނީ ތަހުގީގުން. ފުލުހުންގެ ތަހުގީގަށް އެކަން އެގޮތަށް ފެނިއްޖެއްޔާ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް އެކަން ފޮނުވާނެ. އެކަން ނުހިނގާ ކަމަށްވަންޏާ އެގޮތަށް އޮންނާނެ. މިހާރު އަޅުގަނޑަށް އެނގިފައި އޮތްގޮތުން ވެއްޖިއްޔާ އެ ކުރިއަށްދަނީ ފްރޭމް ކުރިކަމަށް ބަލައިގެނެއް ނޫން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރު ހައިކޯޓްގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމެވުމުން އެކަން ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ސަރުކާރުން ކުރަން ޖެހޭ ކަމެއް އޮވެއްޖެނަމަ އެކަމެއް ކުރާނެ ކަމަށް ވިދާޅުވިއެވެ. ހަައިކޯޓްގެ ރަޖިސްޓްރާ އެ މައްސަލަ ބަލައިނުގަތީ އިސްތިއުނާފުގެ މުއްދަތު ހަމަވި ފަހުން މައްސަލަ ހުށައެޅުމާއި ގުޅިގެންނެވެ.
އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް
- ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ
- ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ
- ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ކުށުގެ ދައުވާ
- ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ
- ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ
- ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ
އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައި އޮތް އަމުރު ބާތިލުކުރި މައްސަލައާ ގުޅިގެން އެ އަމުރު ނެރުއްވި ކްރިމިނަލް ކޯޓްގެ ގާޒީ ހަސަން ސައީދުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ދަނީ ބަލަމުންނެވެ.
ސިޔާސީ ހުރިހާ މައްސަލަތަކުގައިވެސް ބަސް ވިދާޅުވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް މިހާތަނަށް އެ މައްސަލާގައި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.