ދެ ވަނަ ހާފުގައި ފުލަމްގެ ކޮޅަށް ޖެހި ލަނޑުތަކާއެކު 3-0 ން މޮޅުވެ، މެންޗެސްޓާ ސިޓީން ޕްރިމިއާ ލީގް ހޯދުމާ ކައިރިއަށް ޖެހިލައިފި އެވެ.
ރެލިގޭޝަންގެ ބިރު ކުރިމަތި ވެފައިވާ ފުލަމް އާ ދެކޮޅަށް ސިޓީގެ ލަނޑުތައް ކާމިޔާބު ކުރީ، ޖޯން ސްޓޯން، ފެނާންޑޯ ގެބްރިއަލް ޖެސޫސް އަދި ކެޕްޓަން ސާޖިއޯ ކުން އަގުއޭރޯ އެވެ. މޮޅާއެކު ސިޓީ ވަނީ، ދެ ވަނައިގައި އޮތް ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާ ދެމެދު އޮތް ފަރަގު 17 ޕޮއިންޓަށް ފުޅާ ކޮށްފަ އެވެ.
ޔުނައިޓެޑްގެ ޝެޑިއުލްގައި އަތް ނުލައި ދެ މެޗު އެބައޮތެވެ. އެހެން ނަމަވެސް ސިޓީއަށް ބިރެއް ނެތެވެ. ލީގް ކާމިޔާބު ކުރަން އެ ޓީމަށް ބޭނުން ވަނީ ފަސް މޮޅެވެ. ކުރިއަށް އޮތް އަށް މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވުމުން ހަތަރު އަހަރު ތެރޭ ތިން ވަނަ ފަހަރަށް ސިޓީއަށް ލީގް ލިބިގެން ދާނެ އެވެ.
ކޮވިޑް-19 ގެ އުނދަގުލާއެކު ކައިރި ކައިރީގައި މެޗުތައް ކުޅެން ޖެހުމުގެ ޝަކުވާއާ އެކުވެސް ސިޓީން މި ސީޒަންގައި ޑޮމިނޭޝަން ދަމަހައްޓަމުން ދަނީ، ޓީމުގެ ކެޕްޓަން އަދި ސްޓާ ފޯވަޑް އަގުއޭރޯގެ މާ ބޮޑު ހިއްސާއަކާ ނުލަ އެވެ. އަނިޔާ އާއި ކޮވިޑްގައި ޖެހި އަގުއޭރޯ މި ސީޒަންގައި ގިނަ ވަގުތު ހޭދަ ކުރީ ބަލި އެނދުގަ އެވެ.
މި ސީޒަންގައި ފުރަތަމަ 11 ގައި ހިމެނިގެން އޭނާ ކުޅެފައި ވަނީ ހަތަރު މެޗެވެ. ރޭގެ މެޗަކީ އޯކްޓޯބަރު 24 ގެ ފަހުން ފުރަތަމަ 11 ގައި އޭނާ ކުޅުނު ފުރަތަމަ މެޗެވެ. އަދި ސިޓީގެ ރެކޯޑް ގޯލް ސްކޯރާ، ރޭ ޕެނަލްޓީން ކާމިޔާބު ކުރި ލަނޑަކީ 14 މަސްތެރޭ ލީގްގައި ޖެހި ފުރަތަމަ ލަނޑެވެ.
"ސާޖިއޯ އަށް ވަރަށް މުހިންމު ކަމެއް ލަނޑު ޖެހުން،" މެޗަށް ފަހު ބީއިން ސްޕޯޓްސް އަށް ދިން އިންޓަވިއުގައި އަގުއޭރޯ އާ ބެހޭޣޮތުން ވާހަކަ ދައްކަމުން ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުންޏެވެ. "ދިގު މުއްދަތެއްގައި އަނިޔާގައި ހުރުމަށް ފަހު އުނދަގޫ ޓީމަކާ ދެކޮޅަށް އުނދަގޫ މެޗެއްގައި ލަނޑު ޖެހުމަކީ އޭނާއަށް ވަރަށް މުހިންމު ކަމެއް. އޭނާ ދަނީ މަޑުމަޑުން ކުރީގެ ފޯމަށް ބަދަލު ވަމުން، ރަނގަޅު ލެވަލެއްގައި 90 މިނެޓް ނިންމާ ލެވުމަކީ ހިތްހަމަ ޖެހުމެއް."
ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ޗެލްސީ މެޗުން ބަލިނުވެ ސަލާމަތް ކޮށްދިނީ، ގޯލްކީޕަރު އެޑްއާޑް މެންޑީ އެވެ. މެޗު އެއްވަރުވުމުން ޗެލްސީގެ ކޯޗް ތޯމަސް ޓޫހުލްގެ ބަލިނުވުމުގެ ރެކޯޑް ވަނީ ދެމެހެއްޓިފަ އެވެ.
ބަލި ނުވެ ފުރަތަމަ 12 މެޗު ފުރިހަމަ ކުުރުމުން، ޓޫހުލް ވަނީ ޗެލްސީގެ ކުރީގެ ދެ ކޯޗުން ކަމަށްވާ ލުއިޒް ފިލިޕޭ ސްކޮލާރީ އާއި ހޯޒޭ މޮރީނިއޯގެ ރެކޯޑާ ހަމަހަމަ ކޮށްފަ އެވެ.