ލައިފްސްޓައިލް

ޓަކިޖެހީ ދިވެހި ހުނަރު، ހުޅުވާލީ އޮތެންޓިކް މޯލްޑިވްސް!

ދިވެހި ޒުވާނުންގެ ހުނަރުވެރިކަމާއި ފަންނުވެރިކަމަށް އެމީހުންނަށް ސާބަސް ދޭންވެއެވެ. ގަދީމީ ދިވެހި މަރުކާތަކަށް މޮޑަން ޓުވިސްޓެއް ގެނެސް އެމީހުންގެ ހުނަރުން ފުރިގެންވާ އުފެއްދުން އުފައްދައެވެ. ދިވެހި ހުނަރުގެ ފޭޑިގަނޑު މޮޅެވެ. އޮމާނެވެ. ބަލާލަން ކަމުދެއެވެ. ގޭގެ ސިޓިންގ ރޫމު ޒީނަތްތެރިކޮށްލަން ކަމުދެއެވެ. ރާއްޖެއިން ބޭރުން އަންނަ މެހުމާނުން އަށްވެސް މި ސްޓައިލް ކަމުދެއެވެ. ގަންނަން ބޭނުމެވެ. މާކެޓެއްވެސް އޮވެއެވެ. އެކަމަކުވެސް ފުރުސަތު ނުލިބެނީއެވެ.

މީގެ ޒަމާންތަކެއް ކުރިން މާލޭގެ ޗާނދަނީ މަގުގައި އެއްކޮޅުން އަނެއް ކޮޅަށް ދަމާލި ސުވެނިއަރ ފިހާރަތަކުން އެމީހުންގެ އުފެއްދުންތަކަށް ފުރުސަތު ނުލިބުނެވެ. ކިތަންމެ ހުނަރެއް ހުއްޓަސް އެ ހުނަރު ބަލައެއް ނުގަތެވެ. މަލާމަތްކޮށް ތިއެއް އެތާކު ވިއްކާކަށް ޖާގައެއް ނެތް ކަމަށް ބުނެ ފޮނުވާލީއެވެ. ރާއްޖެއިން ބޭރުންގެންނަ އިމްޕޯޓް މުދާތަކެއްގައި "މޯލްޑިވްސް" ޖަހާލާ ވިއްކާލާ ވިއްކާލަ ތިބީއެވެ. މިއީ ގިނަ ފިހާރަތަކުގެ ހާލަތެވެ. އަދިވެސް އޮތް ގޮތެވެ.

ފަންނުވެރިންނަށް ލިބެނީ ހުނަރާއި އުފެއްދުންތައް ދައްކާލުމަށް ވަގުތީ ފުރުސަތެކެވެ. ކޮންމެވެސް އެއް މައުރަޒަކުން މޭޒެކެވެ. ވަގުތީ ޖާގައެކެވެ. މައުރަޒު ނިމުނީމަ ނިމުނީއެވެ. އަދި މުޅި އަހަރު ފުރުސަތެއް ނުލިބެއެވެ. އަނެއްކާވެސް އިންތިޒާރު ކުރަންވީ އަނެއް އަހަރަށެވެ. މި ފުރުސަތުގައިވެސް އާއްމުންގެ ތަރުހީބު ބޮޑެވެ. ސައްތައިން ސައްތަ ދިވެހި އުފެއްދުންތަކަށް ބަލާލާއިރު ހުނަރު ފެނި އާޝޯހުވެއެވެ. ބައެއް މީހުން ފެންނަ އިރަށް ގަނެލިޔަސް އަނެއްބަޔަކަށް "ބިޒީ" ދިރިއުޅުމުން މިއިން ތަނެއް ބަލާލަން ވަގުތެއް ނުލިބެއެވެ.

އާޓާއި ފަންނާއި ކުރެހުމަށް މޮޅަސް މިއީ އާމްދަނީއެއް ލިބޭނެ މަސައްކަތެއް ނޫންކަން އެތަށް ބަޔަކަށް ވިސްނި ފަންނު ދޫކޮށްލީ މޮޅިވެރި ކަމާ އެކު ހިތްމަރުވެ ތިބެއެވެ. ކިތަންމެ ކުރާހިތްވިޔަސް އެ ހުނަރުން ބިލުތައް ނުދެއްކޭނެއެވެ. ހެނދުނު 8-5 އަކަށް އޮފީހެއްގެ މޭޒެއް ކައިރީން ކުރާޙިތް ނުވާ މަސައްކަތަކަށް ވަޒީފާއަކަށް ނިކުންނަން މަޖުބޫރުވީއެވެ. އެހެންނަމަވެސް، ލޯއްބާއި އެކު ކުރާ މި މަސައްކަތަކީ ޕެޝަނެެވެ. ދޫކޮށްނުލާ ކުރިއަށްގެންދިޔައީއެވެ. އަދި އަމިއްލަ ކުދި ކުދި ވިޔަފާރިތަކާއި އެކު ބްރޭންޑް ނަންތައް އުފެއްދީއެވެ. ހުނަރަށް ލިބުނީ ޕާޓްޓައިމް މަސައްކަތެއްގެ ވަގުތެވެ.

މި ހުރިހާ ކަމެއް ބަދަލުކޮށްލި އެއްކަމަކީ ސޯޝަލް މީޑިއާއެވެ. ދިވެހި ވަންތަ އުފެއްދުމަށް އޮތް ލޯއްބާއި އެ އުފެއްދުންތަކަށް ޑިމާންޑް އޮންނަަކަން އިންްސްޓަގްރާމް ބަލާލީމާ ފެނެއެވެ. އިހުގައި ހުންނަ ގަލުވަނޑާން ކަނޑާ ނަގައިގެން ހަދާފައި ހުނަން ތަކެއްޗާއި އެކު ދިވެހި ގަދީމީ ޑިޒައިންތަކާއި ކަސަބުން ޖަރީ ކުރި އެތަށް އުފެއްދުންތަކެއް ފެނެއެވެ.

ކަންފަތުލާ ސަމާނާއި އަތުގައި އަޅާ އުޅާ ތަނޑާއި، ދަބަހާއި ގޭތެރޭ ޒީނަތްތެރި ކުރުމަށް ކުޝަން ކަވަރާއި ދިވެހި ތުނޑުކުނާ އާއި މިހެން ގޮސް އެތަށް ބައިވެރކެވެ. މި ހުރިހާ އެއްޗަކުންވެސް ދިވެހިރާއްޖެގެ ޒަމާންވީ ތާރީހާއި ތަރިކަ އަދި ސަގާފަތް މި ޒަމާނުގެ ދިރުއުޅުމުން ފެންނާނެގޮތަށް ހެދި އުފެއްދުންތަކަށް ޑިމާންޑް ބޮޑުވީއެވެ. ރާއްޖެއިން އާއި ރާއްޖެއިން ބޭރުންނެވެ.

މިއާއި އެކު މި ހުނަރުވެރި ޒުވާނުންގެ އަތުގައި ހިފީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އެވެ. ޒުވާން ފަންނުވެރިންނަށް އެމީހުންގެ މަސައްކަތްތައް ދައްކާލުމަށް އޮތެންޓިކް މޯލްޑިވްސް ނަމުގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި މިދިޔަ އަހަރު ޖެނުއަރީގައި ހުޅުވި ފިހާރަ އާއި އެކު ދިވެހި ހުނަރަށް ބޮޑު އެކްސްޕޯޝަރ ލިބުނެވެ.

މި ފުރުސަތާއި އެކު ހަމައެކަނި "މޯލްޑިވްސް" ބަދަލުގައި "މޭޑް އިން މޯލްޑިވްސް" އަށް އަދި "އޮތެންޓިކް" މޯލްޑިވްސް އަށް އަދިކިރިޔާ ސަރުކާރުގެ ލޯ ހުޅުވުނު ކަހަލައެވެ. ހުޅުމާލެ ގެ ސެންޓްރޯ މޯލް އެތެރޭގައި ދެވަނަ ފިހާރައެއް އަދި މިހާރު މާލޭގައި އޯކިޑުމަގުގައި ހުޅުވި ތިންވަނަ ފިހާރައަށް ބަލާއިރު ދިވެހި އެތަކެއް ހުނަރެއް އެއް ތާކުން ފެނެއެވެ.

ދިވެހި އުފައްދާފައިވާ ޗޮކުލެޓާއި، ތަޅުދަނޑިލައްވާ އެއްޗެއްސާއި، ދިވެހި ބަހުން ލިޔެފައިވާ އެކި އެކި ވާހަކަ ފޮތާއި ތަފާތު ދިވެހި އެތަށް އުފެއްދުމެއް އެއްތަނަކުން މިތަނުން މިހާރު ފެންނާނެއެވެ.
ފިހާރައެއް ބެެލެހެއްޓޭ ވަރަށްވުރެ މާ ކުޑަ ކެޕިޓަލަކުން ހަމައެކަނި ޝައުގުވެރިކަމާއި އެކު މަސައްކަތް ކުރަމުން އަނަން މީހުންއަށް ވިޔަފާރި ފަހިކޮށްދިނީ މި ކޯޕަރޭޝަނުން އެވެ..

ބިސީސީ ގެ ފަރާތުން ވާހަކަ ދެއްކި އެތަނުގެ ޕްރޮޖެކްޓް ޑިރެކްޓަރ ވިދާޅުވިގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓްގެ ދަށުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްގީ ކުރުމަށް އުފައްދާފައިވާ ބީސީސީގެ މަގްސަދަކީ ދިވެހި އަމިއްލަ އުފެއްދުންތަކަށް މާކެޓް އެކްސަސް ހޯދާދީ އެ ފުރުސަތު ފަހިކޮށްދިނުން. އަދި ވިޔަފާރި ކުރުމަށް މަގު ދައްކާ ޓްރޭޑް ފެސިލިޓޭޓް ކޮށް ލަފާ ދީ އެޑްވައިޒަރީ ރޯލެއް އަދާ ކުރުން. މި ދިޔަ އަހަރު ދިވެހި އުފެއްދުންތަކަށް ހާއްސަ ފިހާރަ "އޮތެންޓިކް މޯލްޑިވްސް" ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ޑިއުޓީ ފްރީގައި ހުޅުވީ. ވަރަށް ބޮޑު ތަރުހީބެއް ލިބުނު. ދިވެހި އުފެއްދުންތަކޭ ބުނީމަ ހީވެފައި އޮވެދާނެ އެއީ ހަމަ އެކަނި އަތްތެރި މަސައްކަތްތަކެެކޭ. އެހެންނަމަވެސް ދިވެހި އުފެއްދުންތަށް ވަރަށް ތަފާތު ވެފައި ފުޅާ. ހުޅުމާލޭގައި ސެންޓްރޯ މޯލްގައި އޮތެންޓިކް މޯލްޑިވްސްގެ ދެވަނަ ފިހާރައެއް ހުޅުވާ ތިންވަނަ ފިހާރަ މާލޭގައި މީގެ 4 ދުވަސް ކުރިން މި ހުޅުވީ. ބޮޑު ތަރުހީބެއް އެބައޮތް"

މިވީ އަހަރެއްހާ ދުވަހު ތެރޭގައި ބީސީީސީގެ އެއާރޕޯޓް އޮތެންޓިކް މޯލްޑިވްސް ފިހާރައިން ލިބުނު އެކްސްޕޯޝަރ އާއި އެކު ދިވެހި ޒުވާން ސައިބޯނި ހަދާ ކުޑަ ވިޔަފާރިއަކަށް ޑުބާއީ ގެ ކުންފުންޏަކާއި ގުޅި އެ ބްރޭންޑް ޑުބާއީގައި ވިއްކުމަށް ޑިސްޓްރިބިއުޓަރެއް ލިބިއްޖެއެވެ. އޯގާ ބްރޭންޑް ނަމުގައި ވިއްކާ ސައިބޯނި އަކީ ދިވެހި އުފެއްދުމެކެވެ. ބައިނަލްއަގުވަމީ ސްޓޭންޑަރޑެއް ކަމުގައިވާ އައިއެސްއޯ9001:2015 ކޮލިޓީ މިންގަނޑަށް ފެތޭ ފެންވަރަށް އޯގާ އިން އުފައްދަނީ ތިމާވެއްޓާއި ރައްޓެހި، ގުދުރަތީ އެއްޗެއްހިން ތައްޔާރުކޮށްފައިވާ ހަމަށް ފައިދާ ހުރި ސައިބޯނިތަކެކެވެ.
މިއީ ބީސީސީގެ ސަކްސެކް ސްޓޯރީއެކެވެ.

އޯގާގެ ފަރާތުން ވާހަކަ ދެއްކި އައިޝަތު އަޒްލީނާ އަމީން ބުނީ "އަޅުުގަނޑު މެންނަށް ބީސީސީގެ ފަރާތުން ލިބުނު ފުރުސަތާއި އެކު ޑުބާއީގެ އޯގޭނިކް އެއްޗެހި ވިއްކާ ބަަޔަކާއި އެކު ވިޔަފާރި ކުރުމަށް ލިބުނު ފުރުސަތެއްގައި މިދިޔަ އަހަރު ފުރަތަމަ ޝިޕްމަންޓް ފޮނުވާފައިވަނީ. ސޭލްސް ރަނގަޅު. މިއީ ކާމިޔާބީއެއް"

"ތަކެތި" ނަމުގައި ދިވެހި ކުޑަކުދިންގެ ފޮތާއި އެހެނިހެން ސާމާނު އުފައްދާ ތަކެތި ބްރޭންޑްގެ ފަރާތުން އައިޝަތު ޝަރީހާން ބުނިގޮތުގައި ބީސީސީގެ ފަރާތުން އޭނާގެ އުފެއްދުންތަކަށް ޓުއަރިސްޓް މާކެޓަށް ވަންނަން ލިބުނު ފުރުސަތެކެވެ. ތަކެތިގެ އުފެއްދުންތައް މާލޭގައި ބޮޑެތި ގިނަ ބުކްޝޮޕްތަކުގައި ހުރެއެވެ.

"އޮތެންޓިކް މޯލްޑިވްސްގައި އެއްޗެއް ވިއްކަން ބެހެއްޓުމަކީ އެހެން ޑިސްޓްރިބިއުޓަރުން ހޯދުމަށް ލިބޭނެ މަގެއް. ވަރަށް ބޮޑު އެކްސްޕޯޝަރ އެއް ލިބޭ ލޯކަލީ އަދި އިންޓަރނޭޝަނަލީވެސް. ބީސީސީގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ. އާޓްސް އާއި ކްރާފްޓް ހެދިޔަސް ވިޔަފާރި ސައިޑުން ގިނަ ކަންކަން ދަސްކޮށްދޭ މިސާލަކަށް އިންވޮއިސް ޓެމްޕްލޭޓްސް އަށް ދަންދެން ފޯރުކޮށްދޭ. ބޭނުންވާ ސަޕޯޓް އެމީހުންދޭ"

އޮތެންޓިކް މޯލްޑިވްސްގެ ދޮރު ހުޅުވުމަކީ މިއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެމީހުންގެ ތަރައްގީއަށް މަސައްކަތް ކުރުމަށް ލިބުނު ރަނގަޅު ފުރުސަތެކެވެ. ބީސީސީ އިން މައުލޫމާތު ދިން ގޮތުގައި 90 ފަރާތެއްގެ އެކި ކަހަލަ މުދާ އޮތެންޓިކް މޯލްޑިސްގެ އެކި އެކި ފިހާރަތަކުން ލިބެން އެބަހުއްޓެވެ. އެއާރޕޯޓްގައި ހުޅުވި ފިހާރައިގައި ޖާގައިގެ ދަތިކަމެއް އުޅޭތީ ވެއިޓް ލިސްޓް ކުރިއަސް މާލެ އަދި ހުޅުމާލޭގައި ދިވެހި އުފެއްދުންތަކަށް އަދިވެސް ފުރުސަތު އެބައޮތެވެ.

ދިވެހި އުފެއްދުންތަކަކީ މިހާރު ލައިފްސްޓައިލް ޗޮއިހެކެވެ. ގިނަ ފަރާތްތަކުން ދިވެހި އެކި ކަހަލަ އުފެއްދުމަށް ޝައުގުވެރިކަން އެބަހުއްޓެވެ. ރާއްޖެއިންނާއި ރާއްޖެއިން ބޭރުންވެސްއެވެ. މިފަދަ އުފެއްދުންތަކަށް ލިބުނު ފުރުސަތާއި އެކު އެ އެއްމެން ހެއްވާލީ އޮތެންޓިކް މޯލްޑިވްސްއެވެ.