މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

ކުދި ވިޔަފާރިތަކަށް މާލީ އެހީ ދިނުމަށް ދެ ޕްރޮގްރާމެއް އިފްތިތާހުކޮށްފި

ދިވެހި ވިޔަފާރިވެރިން އިގްތިސާދީ ގޮތުން ބާރުވެރިކުރުވުމަށް ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން ކުދި ވިޔަފާރިތަކަށް ހާއްސަކޮށްގެން މާލީ އެހީ ފޯރުކޮށްދިނުމުގެ ދެ ޕްރޮގްރާމެއް އިފްތިތާހުކޮށްފި އެވެ.


އިކޮނޮމިކް މިނިސްޓްރީން ވޯލްޑް ބޭންކާ ގުޅިގެން ކުރިއަށް ގެންދާ މި ދެ ޕްރޮގްރާމަކީ "ގްރާންޓްސް ފޯ ވިމެން ލެޑް ބިޒްނަސަސް" އަދި "ގްރާންޓްސް ފޯ ޓެއިލަރިން ބިޒްނަސަސް" އެވެ.

މި ދެ ޕްރޮގްރާމުގެ މަގުސަދަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމާއި، އެ ވިޔަފާރިވެރިންނަށް މާލީ އެހީއާއި، ތަމްރީން އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މި ދެ ގްރާންޓްސް ޕްރޮގްރާމުގައި ޖުމްލަ 200 ފުރުސަތު ހިމެނޭއިރު މި ޕްރޮގްރާމަށް ކުރިމަތިލާ ކޮންމެ ފަރާތަކަށް އެއްލައްކަ ރުފިޔާއާއި، ހަމައަށް މާލީ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

މި ޕްރޮގްރާމު އަމާޒުކޮށްފައިވަނީ އެންމެ ކުދި ވިޔަފާރި (މައިކްރޯ ބިޒްނަސް)ގެ ގޮތުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނުގެ ދަށުން ރަޖިސްޓާ ކޮށްގެން ހިންގާ ވިޔަފާރިތަކަށެވެ. ނަމަވެސް ރަސްމީ ސިފައެއްގައި މިހާރު ރަޖިސްޓާކޮށްފައި ނުވި ނަމަވެސް މި ޕްރޮގްރާމުގެ ތެރެއިން އެ ވިޔަފާރި ހަރަކާތް ރަޖިސްޓާ ކުރުމަށް އެއްބަސްވާ ފަރާތްތަކަށްވެސް މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް މިނިސްޓްރީން ނިންމާފައިވެ އެެވެ.

މި ޕްރޮގްރާމަށް ވަކިވަކި ފަރުދުން އަދި ވިޔަފާރިތަކަށް ވެސް އެޕްލިކޭޝަން ހުށަހެޅޭނެ އެވެ. މި ޕްރޮގްރާމްތައް އަމާޒުކޮށްފައިވަނީ އާބާދީ ބޮޑު އަދި އިގްތިސާދީ ހަރަކާތްތައް އެންމެ ގިނަ ސަރަހައްދުތަކުގެ ތެރެއިން މާލެ، އައްޑޫ ސިޓީ، ފުވައްމުލައް އަދި ކުޅުދުއްފުށި ސިޓީގައި ކުރިއަށްގެންދާ ވިޔަފާރި ހަރަކާތްތަކަށެވެ.

މި ޕްރޮގްރާމުގެ ދަށުން އެހީ ދޫކުރާއިރު ބަލާނެ ކަންކަމުގެ ތެރޭގައި އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހަކަށްވުމާއި، 100 ޕަސަންޓް ދިވެހިން ހިއްސާވާ ވިޔަފާރިއަކަށް ވާން ޖެހެ އެވެ.