ޑރ. މުހައްމަދު މުއިއްޒު

ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތް ހަދައިދޭނަން: މުއިއްޒު

މާލެއެކޭ އެއްގޮތަށް ވިލިމާލޭގައިވެސް 10 ބުރިއަށް އިމާރާތް ކުރެވޭނެ ގޮތް ހައްދަވައިދެއްވާނެކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި ކުރިއަށް އޮތް ކައުންސިލް އިންތިހާބްގައި މާލޭގެ މޭޔަރު ކަމަަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވިލިމާލޭ ކައުންސިލަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް ނަހުލާ އަލީގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި މުއިއްޒު ވަނީ މާލެއެކޭ އެއްވަރަށް ވިލިމާލެ ތަރައްގީކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

މުއިއްޒު ވިދާޅުވީ ވިލިމާލެއަށް މީގެ ކުރިންވެސް ރަނގަޅު ޕްލޭންތަކެއް ހެދިފައި އެބަ ހުރި ކަމަށާއި ނަމަވެސް އަމަލީ ގޮތުން އެކަންކަން އެންމެ ފުރިހަމައަށް ގެންދެވިފައި ނުވާ ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ އަޅުގަނޑު އެންމެ އިސްކަމެއް ދޭނެ ކަަމަކީ ވިލިމާލޭގެ ރައްޔިތުންނަށް ދޭނެ ޔަގީންކަމަކީ މާލޭގެ ކޮންމެ އަވަށެކޭ އެއްގޮތަށް ވިލިމާލެއަކީވެސް އެގޮތަށް ތަރައްގީ ކުރެވިފައި އޮތް ތަނަކަށް ހަދާނަމޭ. އެކަން ކުރުމުގައި ސަރުކާރަށް ހުށަހަޅަން ޖެހޭ ކަންކަން ހުށަހެޅުމުގެ ފަހަތަކަށް ނުޖެހޭނަން،" މުއިއްޒު ވިދާޅުވި އެވެ.

ވިލިމާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި މުއިއްޒު ފާހަގަކުރެއްވީ ގެދޮރުގެ މައްސަލަ އެވެ. އެކަން އެހެން އޮތަސް ވިލިމާލޭގައި ހައުސިން ޔުނިޓްތައް އަޅައި ބޯހިޔާވަހިކަަން ފޯރުކޮށްދިނުމަށް އަދިވެސް ޖާގަ އޮތް ކަމަށް މުއިއްޒު މިއަދު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި އެންމެ ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރާނީ ވިލިމާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުން ކަމަށް ވައުދުވެވަޑައިގެންނެވި އެވެ.

"ވިލިމާލޭގައި ހައުސިން ޔުނިޓްތައް އެޅޭނެ ޖާގަތައް އެބަހުރި. މިގޮތުން ބަލާއިރު 500 ހައުސިން ޔުނިޓް އެޅޭވަރުގެ ޖާގަ އަދިވެސް މިތަނުގައި އެބަހުރި. އެއީ ކޮންމެހެން މިތަނުގައި ބޭނުންކުރަމުންދާ ބިންތައް ސްކޫލްކުދިންނާ މިފަދަ ކަންކަންކަމަށް ބޭނުންކުރާ ބިންތައް ނަގާ ވާހަކައެއް ނޫން. އެހެން ބިންތައް ބޭނުންކުރެވިގެން ދާނީ،" މުއިއްޒު ވިދާޅުވި އެވެ.

ވިލިމާލޭގެ ބޯހިޔާވަހިކަގެ މައްސަލަ ހައްލުކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެއް ކަަމަށް މުއިއްޒު ފާހަގަކުރެއްވީ އިމާރާތް ކުރުމުގައި މިހާރު އޮތް ގަވައިދުތަކެވެ. މާލޭގައި 10 ބުރިއަށް ގެހެދުމުގެ ހުއްދަ އޮންނަ ނަމަވެސް ވިލިމާލޭގައި އެހާ އުސްކޮށް ގެ ހަދާކަށް ހުއްދަ އެއް ނުދެ އެވެ. އެހެންކަމުން އެކަން ބަދަލުކޮށް ވިލިމާލޭގައިވެސް 10 ބުރިއަށް ގެހެދޭ ގޮތަށް ގަވައިދު ބަދަލުކުރައްވާނެކަމަށް މިއަދު މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ.

"އޭގެ ސަބަބުން ލޯން ހޯދަންވެސް ފަސޭހަވާނެ. ގެދޮރު ބިނާކުރަން މަގުފަހިވެގެން ދާނެ. ރައްޔިތުންނަށް ގެދޮރުވެރިކަމުގައި މަގުފަހިވެގެން ދޭ،" މުއިއްޒު ވިދާޅުވި އެވެ.