ޑރ. މުހައްމަދު މުއިއްޒު

ވިލިމާލޭގެ އިމާރާތްތައް 10 ބުރިއަށް އުސްކުރަން ހުއްދަ ދޭނަން: މުއިއްޒު

ވިލިމާލޭގެ ހޮސްޕިޓަލް ތަރައްގީ ކުރާނީ ނަން ބޯޑެއް ބަދަލުކޮށްލާ އުސޫލުން ނޫން ކަމަށާއި އެތަނަށް ހަގީގީ ތަރައްގީ ގެނެސްދެއްވާނެ ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވިލިމާލޭގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ ސަރުކާރެއްގައި މާލޭގެ އެހެން އަވަށްތައް ފަދައިން ވިލިމާލެ އަކީ ރަނގަޅު ވަސީލަތްތައް ހުރި ދިރިއުޅުން ފަސޭހަ އަވަށަކަށް ހަދާނެ ކަމަށެވެ.

އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ ހަގީގީ މާނައިގައި ވިލިމާލެ ތަރައްގީކޮށްދޭނެ ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ވިލިމާލޭގައި ހުރި ހޮސްޕިޓަލަކީ ރައްޔިތުންނަށް އާންމުކޮށް ލިބެންޖެހޭ ހިދުމަތްތައް ލިބޭ ތަނަކަށް ހެދުމަށް ކަމަށެވެ.

"ނަންބޯޑުން ހޮސްޕިޓަލެއްގެ ގޮތުގައި އޮތުން ނިމުމަކަށް ގެނެސް ހަގީގީ ތަރައްގީ ގެނެސްދޭނަން،"މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވިލިމާލެ އަކީ މާލެއާ ކައިރީގައި އޮތް ތަނަކަށްވާތީ އެކަން އުޒުރަކަށް ހަދައި ވިލިމާލެ ހޮސްޕިޓަލް ތަރައްގީކުރުމުގައި އިހްމާލު ނުވެވޭނެ ކަމަށެވެ.

ވިލިމާލެއަށް ބޯހިޔާވަހިކަމުގެ މައްސަލަ އާއި ފެނާ ނަރުދަމާ އަދި ކަރަންޓް ނެޓްވޯކް ދުވަސްވުމުން ދިމާވާ މައްސަލަތަކެއް އެބަހުރި ކަމުގައިވެސް މުއިއްޒު ވިދާޅުވި އެވެ. ވިލިމާލޭގައި މިހާރު އޮތް ފެނާއި ނަރުދަމާ އަދި ކަރަންޓް ވިއުގަ އަކީ ވިލިމާލޭގައި މީގެ އެތައް އަހަރެއް ކުރިން މީހުން ދިރިއުޅެން ފެށިއިރު އަޅާފައިވާ ވިއުގަ އަކަށްވާތީ ވިލިމާލޭގެ މިހާރުގެ އަބާދީއާ އެއްވަރަށް އެ ވިއުގަ ތަރައްގީކުރަންޖެހިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ވިލިމާލޭގެ ރައްޔިތުން މިހާރު އެންމެ ބޭނުންވާ އެއް ކަމަކީ އެމީހުންނަށް ލިބިފައިވާ ގޯތިތައް ދިހަ ބުރިއަށް އިސްކޮށް ނެގުން ކަމަށެވެ. އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ އެކަމަށް ހުއްދަ ދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ގޯތި ހެދުމަށް ކުޑަ އިންޓަރެސްޓް ރޭޓެއްގައި ލޯނު ނުލިބޭ މައްސަލައަށް ހައްލެއް ގެންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އެއީ ރަގަޅު ވާހަކައެއް. ބޭންކަކުން ލޯނެއް ނުދޭ ހަބުރިއަށް އިމާރާތްކުރާކަށް. ބޭންކަކަށް ގަބޫލެއް ނުކުރެވޭ ފައިސާ އަބުރާ ދެއްކެވޭނެ ވަރުގެ އެކަށީގެންވާ ވަރުގެ އިންވެސްޓް މެންޓެއް އިންވެސްޓް ވާނެ ކަމަކަށް،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ވިލިމާލެ ތަރައްގީކުރި ނަމަވެސް ކުރާނީ އެ އަވަށުގައި މިހާރު އޮތް ފެހިކަން ނުގެއްލޭ ގޮތަށް ކަމަށެވެ.

"އެއްވެސް ގޮތަކަށް އިންޖީނުލީ އުޅަދު ދުއްވޭނެ ގޮތަކަށް މިތަން ބަދަލުވުމަކީ ކުރެވޭނެ ކަމެއް ނޫން. އަޅުގަޑު އެއްބަސްވާނެ ކަމެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ.