ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް މުހައްމަދު ނަޝީދު

މިހާރު ބޭނުންވަނީ ކޮވިޑް ފިޔަވަޅުތައް މުޅިން ދޫކޮށްލަން: ނަޝީދު

މާލެ އާއި ހުޅުމާލެ އާއި ވިލިނގިއްލި އަދި ތިލަފުށްޓާއި ގުޅީފަޅުގައި ހިންގާ ކެފޭ އާއި ހޮޓާ / ރެސްޓޯރަންޓް ފަދަ އާންމުންނަށް ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން ވަކި ވަގުތެއްގައި ހިދުމަތް ދެވޭ ގޮތަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަދާފައިވާ އުސޫލު މުޅިން ދޫކޮށްލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލު ގެނެސް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުނު އެންގުމުގައި ބުނެފައިވަނީ މާލެ އާއި ހުޅުމާލެ އާއި ވިލިނގިއްލި އަދި ތިލަފުށްޓާއި ގުޅީފަޅުގައި ހިންގާ ކެފޭ އާއި ހޮޓާ / ރެސްޓޯރަންޓް ފަދަ އާންމުންނަށް ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން ޓޭކް އަވޭ އާއި ޑެލިވަރީގެ ހިދުމަތް ހިމެނޭހެން މިރެއިން ފެށިގެން 10:30 ވަންދެން ހުޅުވާފައި ބަހައްޓައިގެން ހިދުމަތް ދެވޭނެ ކަމަށެވެ.

ރެއާ ހަމައަށް އޮތީ ރޭގަނޑު 8 ޖެހުމާއެކު ކެފޭތައް ބަންދު ކުރަން ޖެހޭ ގޮތަށެވެ. ނަމަވެސް ހުއްދަ ނަގައިގެން ރޭގަނޑު 10:30 ވަންދެން ޑެލިވަރީގެ ހިދުމަތް ދެއެވެ. މި ފިޔަވަޅު ކުއްލި ގޮތަށް އައީ ރޭގަނޑު 8 ޖެހުމާއެކު ކެފޭތައް ބަންދު ކުރަން ޖެހޭ އެންގުން ރޭ އާ ކުރައްވާފައިވަނިކޮށެވެ.

ރައީސް ނަޝީދު މިރޭ ވިދާޅުވީ ސައި ހޮޓާ، ރެސްޓޯރަންޓް އަދި ކެފޭތައް ރޭގަނޑު 10:30 ވަންދެން ހުޅުވާފައި ބަހައްޓއިގެން ހައްލެއް ލިބިދާނެ ކަމަށް އެ ވިޔަފާރި ހިންގާ މީހުން ނުބުނާ ކަމަަށެވެ.

"މިހާރު ބޭނުންވަނީ މުޅިން ދޫކޮށްލަން،" ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަލުތަކާއި ވިޔަފާރިތަކަަށް ގެއްލުންތައް ވަމުންދާތީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އިސްވެރިން މަޖިލީހުގެ އިގްތިސާދީ ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކުރަންވެސް ވަނީ ނިންމާފައެވެ. އިގްތިސޯދީ ކޮމެޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) އަވަސް އަށް ވިދާޅުވީ އެޗްޕީއޭގެ ވެރިން ހާޒިރުކުރަން ނިންމާފައިވަނީ މާދަމާ ކަަމަށެވެ.

ރަޝީދު ވިދާޅުވީ މިހާރު ކެފޭފަދަ ތަންތަން ބަންދުކުރުން އަވަސްކޮށްފައި އޮންނާތީ އެ ތަންތަނަށް ހިންގާ ފަރާތްތަކަށް ބޮޑެތި ގެއްލުންތައްވެ އޭގެ ޝަކުވާ ވަރަށް ބޮޑަށް ލިބެމުންދާ ކަމަށެވެ.