ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް މުހައްމަދު ނަޝީދު

އުދަނގުލުން އަރައިގަނެވޭ ކަމުގެ މަލަމަތި ފެންނަން ފަށައިފި: ނަޝީދު

Feb 3, 2022

ގައުމަށް ދިމާވެފައިވާތީ ދަތި އުދަގޫ ދުވަސްތަކުން އަރައިގަނެވޭނެ ކަމުގެ މަލަމަތި ފެންނަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކޮވިޑް 19ގެ ބަލިމަޑުކަމާ ގުޅިގެން ރައްޔިތުންގެ މަޖިލިސް މިދިޔަ އަހަރު ހުޅުވީ ޖަލްސާގެ އެތައް ކަމެއް ހަނިކޮށްފައި ކަމަށެވެ.

"މިއަދު ރާއްޖޭގެ ރައްޔިތުންނާއި ރައީސުލްޖުމްހޫރިއްޔާ ވެސް ކުރިމަތި މިލައްވަނީ އިއްޔެއަށް ވުރެ އިރާދަކުރެއްވިއްޔާ މާއުޖާލާ ދުވަހަކަށް. މި ދިވެހި އުންމަތުގެ އެންމެ ރައްޔިތުން މިކަމަށް ހެކި ވާނެ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކޮވިޑް ރޯގާ ފެތުރޭ މިންވަރު މަޑު ނުވިނަމަވެސް ރައްޔިތުންނަށް ދިރިއުޅެވޭނެ ނިޒާމުތަކާއި އިންތިޒާމުތައް ސަރުކާރުން ނުހަނު ފުރިހަމައަށް ހަމަޖައްސާފައިވާ ކަމަށެވެ. ކޮވިޑްގެ އެންމެ އުދަނގޫ ދުވަސްތަކަށްފަހު ދިވެހިރާއްޖެއަށް ވުރެ ވަކިން އަވަހަށް ހުޅުވުނު އިގްތިސޯދެއް ފެންނަން ނެތް ކަމަށާއި ރާއްޖޭގައި ކޮވިޑް ވެކްސިން ޖެހި މީހުންގެ އަދަދުތައް ވެސް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ކަމުގައި ވިދާޅުވި އެވެ.

"މާތްﷲގެ އިރާދަފުޅުން ޕެންޑަމިކް އެންމެ ހަލުވި ދުވަސްވަރުގައި ވެސް ހޮސްޕިޓަލަށް މީހުން ގެންދެވޭ މިންވަރު މަދު،" ނަޝީދު ވިިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކޮވިޑުން ރައްކާތެރިވުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުވެ، ކޮވިޑް ވެކްސިން ޖެހުމަށް ހުރިހާ ރައްޔިތުންނަށް ވެސް އިލްތިމާސް ކުރައްވާ ކަމަށެވެ.

"މިދަތި ދުވަސްތަކުން އިރާދަކުރެއްވިއްޔާ އަރައިގަނެވޭނެ ކަމުގެ އުދަރެސް، މަލަމަތި އަޅުގަނޑުމެންނަށް މިހާރު މިދަނީ ފެންނަމުން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު އިއްވެވި 56 މިނެޓަށް ވުރެ ދިގު ރިޔާސީ ބަޔާނުގައި މިދިޔަ އަހަރު ރާއްޖެ އަށް ދިމާވި ކަންކަމުގެ ވާހަކަތައް ވަރަށް ތަފްސީލް ކޮށްދެއްވުމާއި އެކު މިއަހަރު ސަރުކާރުން ގެންގުޅޭނެ ސިޔާސަތު ވަރަށް ބޮޑަށް ސާފުކޮށްދެއްވި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ރައީސްގެ މަސައްކަތްޕުޅުގައި މަޖިލީހުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގައި ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ އަށް ޔަގީންކޮށް އަރުވަން މި އިއްޒަތްތެރި މަޖިލީހުން މަނިކުފާނު ތިޔަ ކުރެއްވުމަށް ނިންމަވާފައިވާ ކަންކަން ކުރެއްވުމުގައި އަޅުގަނޑުމެންނަށްވީ އެންމެ ފުންމިނަކުން ބޮޑުމިނަކުން އިރާދަކުރެއްވިއްޔާ އެހީތެރިކަން ފޯރުކޮށްދޭނަން،" ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ އިދިކޮޅު މެންބަރުން ބޮއިކޮޓް ކުރެއްވި މިއަދުގެ ޖަލްސާ އަށް ހާޒިރުވެވަޑައިގަތީ 62 މެންބަރުންނެވެ. މިއަދުގެ ރިޔާސީ ބަޔާނަކީ ދެވަނަ ޖުމްހޫރިއްޔާ ފެށުނު ފަހުން އިއްވުނު 54 ވަނަ ރިޔާސީ ބަޔާނެވެ. އަދި އިބްރާހީމް މުހައްމަދު ސޯލިހްގެ ހަތަރުވަނަ ރިޔާސީ ބަޔާނެވެ.