ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައްޔިތުންގެ މަޖިލިސް

ގާނޫނު ބަދަލުނުކޮށް ރައީސް އާއި ނައިބުގެ މުސާރަ ކުޑަކުރެވޭނެތަ؟

ރައީސާއި ނައިބު ރައީސްގެ މުސާރައިގެ ގާނޫނުގައިވާ އަދަދަށް ވުރެ ކުޑަ އަދަދެއްގެ މުސާރައެއް ދިނުމަށް މަޖިލީހުގެ ކޮމިޓީއަކުން އެކުލަވާލާ ރިޕޯޓެއްގެ މައްޗަށް ފާސް ކުރެވިދާނެ ކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.

ކޮވިޑް-19 ގެ ސަބަބުން ދައުލަތުން އިތުރު ހަރަދުތައް ކުރަން ޖެހިފައިވާއިރު ރާއްޖޭގެ އިގްތިސޯދު ވަނީ ދަށްވެފަ އެވެ. އެހެން ކަމުން ދައުލަތުގެ ރިކަރެންޓް ހަރަދުތައް ކުޑަކުރުމުގެ ގޮތުން މަތީ މުސާރަތައް ލިބޭ މަގާމުތަކުގެ މުސާރަ ކުޑަ ކުރުމަށް ވަނީ ނިންމައިފަ އެވެ.

ގާނޫނު އަސާސީގައި ބުނާ ގޮތުން ރައީސާސި ނައިބު ރައީސްގެ އިތުރުން މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ. މަޖިލީހުން ވަނީ މި މަގާމުތަކުގެ މުސާރަ ކުޑަ ކުރަން ފާސްކޮށްފަ އެވެ.

ދެހާސް ނުވަވަނަ ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާާސްކުރި ރައީސް އާއި ނައިބު ރައީސްގެ މުސާރައާއި އިނާޔަތްތައް ބަޔާން ކުރާ ގާނޫނުގައިވާ ގޮތުން ރައީސްގެ މުސާރަ އަކީ 100،000 ރުފިޔާ އަދި ނައިބު ރައީސްގެ މުސާރަ އަކީ 75،000 ރުފިޔާ އެވެ.

މާލިއްޔަތު ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ވަނީ މި މެއި މަހުން ފެށިގެން ޖުލައި މަހަށް ރައީސްގެ މުސާރަ 65،000 ރުފިޔާއަށް ކުޑަ ކުރުމަށެވެ. އަދި ނައިބު ރައީސްގެ މުސާރަ 48،000 ރުފިޔާއަށް ކުޑަ ކުރުމަށެވެ. މަޖިލީހުގެ ތަޅުމުން އިއްޔެ ވަނީ ކޮމިޓީ ރިޕޯޓު ފާސްކޮށް، އެ ދެ މަގާމުގެ މުސާރައަށް އެ ބަދަލު ގެނެސްފަ އެވެ.

ގާނޫނީ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ގާނޫނެއްގައި މަގާމެއްގެ މުސާރަ އާއި އިނާޔަަތްތައް ކަނޑައަޅާފައިވާނަމަ އެއަށް ބަދަލެއް ގެނެވޭނީ ފުރަތަމަ އެ ގާނޫނު އިސްލާހު ކުރުމަށް ފަހު ކަމަށެވެ. ގާނޫނަށް އިސްލާހު ނުގެނެސް މަޖިލީހުގެ ކޮމިޓީއަކުން އެކުލަވާލާ ރިޕޯޓަކަށް ބިނާކޮށް އެ ކަމެއް ނުކުރެވޭނެ އެވެ.

ނަމަވެސް މާލިއްޔަތު ކޮމިޓީގެ މުގައްރިރު، ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވިދާޅުވި ގޮތުގައި އެ ކަމުގައި ގާނޫނީ ފުށުއެރުމެއް ނެތެވެ. ރައީސް އާއި ނައިބު ރައީސްގެ މުސާރައިގެ ގާނޫނުގައި ވެސް އެ މުސާރަ މުރާޖައާ ކުރަން ވާނެ ކަމަށް ބުނެ އެވެ. އެ ދެ މަގާމުގެ މުސާރަ ކަނޑަ އެޅުމަކީ ގާނޫނު އަސާސީން މަޖިލީހަށް ދީފައިވާ ބާރެކެވެ.

މި ކަމުގައި ގާނޫނީ ފުށު އެރުމެއް ނެތް، އެއީ ކޮމިޓީގެ އިހްތިސާސްގެ ތެރެއިން ގާނޫނު އަސާސީން މަޖިލީހަށް ލިބިދީފައިވާ ބާރުގެ ތެރެއިން ފާސްކޮށްފައިވާ ރިޕޯޓެއް
މުހައްމަދު ނާޝިޒް | މާލިއްޔަތު ކޮމިޓީގެ މުގައްރިރު

ކުރިން 2009 ވަނަ އަހަރު މަޖިލީހުން ފާސްކުރި ރައީސްއާއި ނައިބު ރައީސްގެ މުސާރައާއި އިނާޔަތުގެ ގާނޫނުގައި ބުނާ ގޮތުން މުދަލާއި ހިދުމަތުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން އެ މުސާރަ މުރާޖައާ ކުރަން ވާނެ އެވެ. ނަމަވެސް ގާނޫނު ވުޖޫދުވިތާ 10 އަހަރަށް ވުރެ ގިނަ ދުވަސްވީއިރު މުސާރައަށް ބަދަލު ގެނައި މިއީ ފުރަތަމަ ފަހަރެވެ.

މަޖިލީހުން ކަނޑައަޅާ މުސާރަތަކުގެ ތެރެއިން މި ގޮތަށް ގާނޫނެއްގައި ބަޔާން ކޮށްފައި އޮންނަނީ ރައީސާއި ނައިބު ރައީސްގެ މުސާރަ އެވެ. އެހެން މަގާމުތަކުގެ މުސާރައެއް ގާނޫނެއްގައި ބަޔާން ކޮށްފައެއް ނުވެ އެވެ. އެހެންވެ މަޖިލީހުން މިހާތަނަށް އަމަލު ކުރަމުން އައި ގޮތަކީ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް މުސާރައާއި އިނާޔަތްތައް ކަނޑައެޅުމަށް ފަހު، ތަޅުމަށް ގެންގޮސް ތަޅުމުން ފަހު ނިންމުމެއް ފާސް ކުރުމެވެ.

ކޮވިޑް-19 ގެ ސަބަބުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން މި މެއި މަހާއި ޖޫން މަހާއި ޖުލައި މަހަށް ރައީސް އާއި ނައިބު ރައީސްގެ މުސާރަ ކުޑަ ކުރުމަށް މަޖިލީހުން މި ގޮތަށް އަމަލު ކުރިއިރު މިދިޔަ މާޗު މަހާއި އޭޕްރީލް މަހަށް ވެސް ރައީސް އާއި ނައިބު ރައީސްގެ މުސާރަ ކުޑަކުރަން މަޖިލީހުން ނިންމީ މި އުސޫލުގެ ތެރެއިންނެވެ.