ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް މުހައްމަދު ނަޝީދު

ސަރުކާރުގެ އުސޫލުތަކުގައި މެންބަރުންގެ ހިޔާލުތައް ހިމަނާ: ރައީސް ނަޝީދު

ސަރުކާރުގެ އުސޫލުތަކުގައި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެންބަރުން ފާޅުކުރައްވާ ހިޔާލުފުޅުތައް ހިމަނައި ބޭނުން ކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން މާލީ ހާލަތު ދަށްވެފައިވާ ވިޔަފާރިތަކަށާއި އާންމު ފަރުދުންނަށް އެހީވާން ސަރުކާރުން ތައާރަފުކުރާ ޕްރޮގްރާމްތަކަށް މަޖިލީހުން ލަފާ ދިނުމާ ގުޅޭ ގޮތުން ހުރިހާ ކޮމިޓީއަކުން ތައްޔާރު ކުރި ރިޕޯޓް މަޖިލީހުގެ ތަޅުމަށް ލިބިފައިވާ ކަމަށެވެ.

300 އަށް ވުރެ ގިނަ ހުށަހެޅުންތައް ހިމެނޭ ގޮތަށް މަޖިލީހުގެ 12 ކޮމިޓީގެ އެ ރިޕޯޓުތައް އެއް ފޮތެއްގެ ގޮތުގައި މަޖިލީހުން އާންމު ކުރާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އޭގޭ ބެނުމަކީ ސަރުކާރަށާއި ރައްޔިތުންނަށް މަޖިލީހުން ދީފައިވާ ލަފާ އާންމުކޮށް ފެންނާނެ ގޮތަށް ހެދުން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ދެން ވިދާޅުވީ، މަޖިލީހުގެ ތަޅުމުގައި އެކި މައްސަލަތަކަށާއި ބިލުތަކަށް މަޖިލީހުގެ މެންބަރުން ފާޅުކުރައްވައި ހިޔާލުފުޅުތައް ބައްލަވައި، ސަރުކާރުން އެކިއެކި ކަންކަމުގައި އުސޫލުތައް ހަދާއިރު އެ ހިޔާލުތައް ބޭނުން ކުރާ ކަމަށެވެ.

މި ހާލަތުގައި ހާލުގައި ޖެހުނު މީހުނަށް އިނާޔަތް ދިނުމާ ގުޅޭ ގޮތުން ސަރުކާރުން މިއަދު އާންމުކުރި އުސޫލަށް ބެލުމުން ވެސް އެކަން ފާހަގަ ކުރެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އިއްޒަތްތެރި މެންބަރުން [މަޖިލީހުގެ ތަޅުމުގައި] ބަހުސް ކުރައްވާ މިންވަރު ބައްލަވައި، ނުވަތަ ބަހުސް ކުރައްވާއިރު ފާހަގަކުރައްވާ ނުކުތާތައް އެބަ ސަރުކާރުގެ އުސޫލުތަކުގެ ތެރޭގައި ވަރަށް ހިމެނިގެން އެބަ އާދޭ، މިއަދު ގެޒެޓް ކުރި އިންކަމް ސަޕޯޓް އެލަވަންސް އުސޫލުން ބަލާލުމުން ވެސް އެކަން ސާފުވެގެންދޭ،" ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުން މިހާތަނަށް ވަނީ 12 ކޮމިޓީގެ ރިޕޯޓުގެ ތެރެއިން އަށް ކޮމިޓީގެ ރިޕޯޓު ފާސްކޮށްފަ އެވެ. އެއީ ހިއުމަން ރައިޓްސް ކޮމިޓީ، ލާމަރުކަޒީ ކޮމިޓީ، އެންވަޔަރަމެންޓް ކޮމިޓީ، ޕެޓިޝަން ކޮމިޓީ، ޖުޑިޝަރީ ކޮމިޓީ، ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީ، އެސްއޯއީ ކޮމިޓީ، އަދި އިގްތިސާދީ ކޮމިޓީގެ ރިޕޯޓެވެ.