މޯލްޑިވްސް ޕޮލިސް ސާވިސް

ދައުރުވާ ވީޑިއޯގެ ވާހަކަ ސާފުކޮށްދީފި

އަލިމަސްކާނިވާ ސަރަހައްދުގައި ހުރި ބަސް ޓާމިނަލް ކުރިމަތީ މިރޭ ހިނގާދިޔަ ހާދިސާ ފުލުހުން ތަފްސީލު ކޮށްދީފި އެވެ.

ފުލުހުން ބުނީ އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ އާއިލާއަކުން ހޯދަމުންދިޔަ ނުކުޅެދުންތެރިކަން ހުންނަ މީހެއް ފަރުވާއަށް ހޮސްޕިޓަލަށް ގެންދަން މަަސައްކަތް ކުރުމުން އެކަމާ ދެކޮޅު ހަދާ ގަދަ ދެއްކުމުން އޭނާ ހޮސްޕިޓަލަށް ގެންދިއުމަށް މަސައްކަތް ކުރި މަންޒަރު ކަމަަށެވެ.

އެމީހާ ހޮސްޕިޓަލަށް ގެންގޮސް މިހާރު ދަނީ ފަރުވާ ދެމުން ކަމަށްވެސް ބުންޏެވެ.

މި ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ތިބި ފުލުހުން އަމަލުކޮށްފައިވަނީ އޮންނަ އުސޫލުތަކުގެ ތެރެއިންތޯ އާއި ފުލުހުންގެ ދައުރު އަދާކޮށްފައިވާ ގޮތް ބަލަން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު، ޕްރޮފެޝަނަލް ސްޓޭންޑާސް ކޮމާންޑަށް މިހާރު އަންގާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. މި ހާދިސާ ހިނގިއިރު އެ ސަރަހައްދުގައި ތިން ފުލުހަކު ހަރަކާތްތެރިވިއެވެ. އެއީ ފިރިހެން ދެ ފުލުހަކާއި އަންހެން ފުލުހެކެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި އެ މީހާ އޭރު އިނީ ދެފައިބަނދެފައެވެ. އޭނާއަށް އަނިޔާވާ އަމަލުތަކެއް ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައިވާއިރު ފުލުހުން އެ ސަރަހައްދުގައި ތިބެ އެކަން ހުއްޓުވަން އެއްވެސް މަަސައްކަތެއް ކޮށްފައިނުވާތީ އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އަދި ފުލުހުންގެ އަމަލުތައް ހުރި ގޮތާމެދު ވަރަށް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.