ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މައިމޫނާ އަބޫބަކުރު

"ފިޔަވަޅު އެޅީ ކެފޭތަކުގެ ރިސްކް ބޮޑު ކަމުން"

ކެފޭ އާއި ރެސްޓޯރެންޓްތަކަށް ފިޔަވަޅުތައް ވަރުގަދަކޮށްފައި ވަނީ އެތަންތަނަކީ ބަލީގެ ނުރައްކާތެރިކަން ފެތުރިގެން ދިއުން ބޮޑު ތަންތަނަށް ވާތީ ކަމަށް އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލް މައިމޫނާ އަބޫބަކުރު މިއަދު ވިދާޅުވެއްޖެ އެވެ.

ކެފޭ / ހޮޓާ ރެސްޓޯރެންޓްތަކަށް އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ ގޮތުން މައިމޫނާ އަބޫބަކުރު މިއަދު ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. އޭނާ އެ ވާހަކަތައް ދެއްކެވީ ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ހާއްސަ ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތަކަށް ގެއްލުންވަމުން ދާތީ އެޗްޕީއޭގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުތައް ކުރިމަތި ކުރުވުމުންނެވެ.

ފިޔަވަޅުތަކާ ގުޅުވާލައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ މައްސަލާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މައިމޫނާ ވިދާޅުވީ، ކެފޭ އާއި ރެސްޓޯރެންޓް އަދި ސައި ހޮޓާތައް ފަދަ ތަންތަނަކީ ބަލި ފެތުރިގެން ދިއުމުގެ ނުރައްކާ ބޮޑު ތަންތަން ކަމަށާއި ފިހާރަތަކަށްވުރެ ބޮޑަށް އެފަދަ ތަންތަނުގެ ރިސްކް މާ ބޮޑު ކަމަށެވެ. އޭނަ އަދި ވިދާޅުވީ އެފަދަ ތަންތާ ތިބެން ޖެހެނީ ވެސް މާސްކު ނަގައި ގައިދުރު ކަމެއް ނެތި ކަމަށެވެ. އެއީ މާސްކް ނަގައި ގައިދުރު ކަމެއް ނެތި ތިބެން ޖެހޭ ތަން ކަމަށް އޭނާ ވިދާޅުވި އިރު ނަމާދު ޖަމާއަތްތަކުގެ ވާހަކަ އޭނާ ފާހަގަ އެއް ނުކުރަވަ އެވެ. ނަމާދާ މެދު ނިންމާފައި އޮންނަނީ މާސްކް އަޅައި ގައިދރު ކޮށްގެން އެ އަޅުކަން އަދާ ކުރުމަށެވެ.

ކޮމެޓީގައި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުގްނީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މައިމޫނާ ވިދާޅުވީ ފިހާރަތަކުގައި އާންމުކޮށް ތިބޭނީ މާސްކު އަޅައިގެން ކަމަށެވެ. އެހެން ކަމުން ރެސްޓޯރެންޓްތައް ފަދަ ތަންތަނުގައި އަވަހަށް ބަލި ފެތުރެން މަގުފަހިވެގެންދާ ކަމަށެވެ.

"ނުރައްކާ އަދިވެސް އެބޮތް. މީގައި މުހިންމީ ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ހުރިހާ ބޭފުޅުން އަމަލު ކުރުން. މި ފިޔަވަޅުތައް އަޅާފައި ވަނީ ރިސްކް ލެވެލްތަކެއް ކެޓެގަރައިޒް ކޮށްގެން. ރިކްސް ބޭސްޑްކޮށް ބަލާނަމަ ކެފޭ ރެސްޓޯރެންޓްތަކުގަ ރިސްކް ބޮޑު،" މައިމޫނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެއްވެސް ވިޔަފާރިއަކާމެދު ތަފާތު ނުކުރާ ކަމަށެވެ. ބަލި ފެތުރުމުގެ ހާލަތަށް ބަލައި އެއްވެސް ބަޔަކަށް ދަތި ނުވާނެހެން ފިޔަވަޅުތައް އެޅޭތޯ މަސައްކަތްކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ވިޔަފާރިތަކަށް ރޭގަނޑު އެކަނި ހައިރިސްކް އޮންނަނީތޯ ވެސް މިއަދު މެމްބަރަކު ސުވާލު ކުރެއްވި އެވެ. އޭގެ ޖަވާބުގައި މައިމޫނާ ވިދާޅުވީ، ހުރިހާ ވަގުތެއްގައި ވެސް ރިސްކް އޮންނަ ކަމަށާއި ނަމަވެސް އެންމެ ގިނައިން މީހުން ކެފޭތަކަށް ދަނީ ރޭގަނޑުގެ ވަގުތުތަކުގައި ކަމަށެވެ.

"ހުރިހާ ވަގުތަކު ތަންތަން ބަންދު ކުރަންޏާ ޖެހޭނީ ފުލް ލޮކްޑައުންއަކަށް ދާން. މީހުންގެ މޫވްމެންޓަށް ބަލައިގެން ފިޔަވަޅުތައް އަޅަނީ. އެންމެ ގިނަ މީހުން ރެސްޓޯރެންޓްތަކަށް ވަންނަނީ ރޭގަނޑު" މައިމޫނާ ވިދާޅުވި އެވެ.

މައިމޫނާ މިއަދު ވިދާޅުވީ މުޅި ރާއްޖެއަށް ވެކްސިން ދެމުން އަންނައިރު، ވެކްސިން ދެވޭ ނިސްބަތަށް ބަލައި ލިބޭ ނަތީޖާއަކުން ލުއިތައް ދޭނެ ކަމަށެވެ. ނަމަވެސް އިހު އޮތްގޮތަށް ރުޖޫއަވެވޭނެ ވަކި ދުވަހެއް އަދިވެސް ނޭނގޭ ކަމަށެވެ. އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ރޯދަ މަހަށް ވެސް ލުއިތަކެއް ދޭން މަސައްކަތް ކުރާ ކަމަށެވެ. ރޯދަމަހު ވީހާވެސް ދަތި ނުވާނެހެން ފިޔަވަޅުތައް އެޅުމާއި ދެމެހެއްޓުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

އެޗްޕީއޭގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކޮށް ސުވާަލު ކޮށްފައި ވަނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ގެއްލުންވަމުން ދާތީ އެފަރާތްތަކުގެ ޝަކުވާ ބޮޑުވެގެނެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ދާފި ފަހަކާ ޖެހެންދެން އާންމުންނަށް ކެފޭ / ރެސްޓޯރެންޓްތަކަށް ވަދެވެނީ ރޭގަނޑު 8:00 ޖެހުމާ ހަމައަށެވެ. އޭގެ ފަހުން ހަމައެކަނި ދެމުން ގެންދިޔައީ ޓޭކްއަވޭގެ ހިދުމަތެވެ. ނަމަވެސް މިހާރު ރޭގަނޑު 10:30 އާ ހަމަައަށް އާންމުންނަށް ކެފޭއަށް ވަދެވޭނެ އެވެ.