ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޖޫރިމަނާ ބޮޑު ކުރަން ހުށަހެޅުމުން ފާޑު ކިޔަނީ

May 31, 2020
11

ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުންތަކާ ހިލާފުވާ ފަރާތްތަކަށް ކުރާ ޖޫރިމަނާގެ އަދަދު ބޮޑުވާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމުން ސަރުކާރަށް ފާޑު ކިޔުން އަމާޒުވާން ފަށައިފި އެވެ.

ސަރުކާރު ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ "އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލް 2020" ގައިވާ ގޮތުން އަމިއްލަ ފަރުދެއް ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާ ހިލާފު ވެއްޖެ ނަމަ މައްސަލައިގެ ކުޑަބޮޑު މިނަށް ބަލައި 5000 ރުފިޔާ އާއި 10،000 ރުފިޔާގެ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ގާނޫނީ ޝަހުސެއް އެންގުމާ ހިލާފުވެއްޖެ ނަމަ 10،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. -- އެންގުންތަކާ ހިލާފުވެގެން މިހާރު ކުރަނީ 1000 ރުފިޔާގެ ޖޫރިމަނާއެކެވެ.

އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ނުރުހުން ފާޅުކޮށް ފާޑު ކިޔަމުން އެބަދެ އެވެ. އެގޮތުން ކޮވިޑް-19 އާ ގުޅިގެން ގިނަ ބައެއްގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު، ސަރުކާރުން އިތުރަށް ރައްޔިތުން އަތުން ފައިސާ އަތުލުމަށް މަސައްކަތް ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ. އަދި މި ހާލަތުގައި އެއްވެސް މީހަކު ޒަރޫރީ ބޭނުމެއްގައި ފިޔަވައި މަގުމަތީ އުޅޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އެހެންކަމުން ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް ބިރުދެއްކުން ހުއްޓާލަން ޖެހޭ ކަމަށެވެ.

ބައެއް މީހުން ބުނާ ގޮތުން މީހުން ހުއްދައާ ނުލާ ބޭރަށް ނިކުންނަން ޖެހޭ ފުރަތަމަ ސަބަބަކީ ވެސް ހުއްދައަށް އެދުމުގެ ނިޒާމް ގޯސްވުމުން ކަމަށެވެ. އަދި ހުއްދަ ނުލިބުމުގެ ސަބަބުން އިތުރު ގޮތެއް ނެތިގެން ބޭރަށް ނިކުންނަން މަޖުބޫރުވެފައިވާ ކަމަށް ބުނެ ފުލުހުންނަށް ވެސް ފާޑު ކިޔަ އެވެ.

ޖޫރިމަނާ ބޮޑު ކުރަން ސަރުކާރުން ނިންމާފައިވާއިރު ކޮންމެ ދުވަހަކު މާލެ މަގުމަތިން އެތައް ބަޔަކު ހިފަހައްޓާ ޖޫރިމަނާ ކުރެ އެވެ. ފުލުހުން އެންމެ ފަހުން ބުނި ގޮތުގައި އިއްޔެ އެކަނި ވެސް 208 މީހަކު ޖޫރިމަނާކޮށް 10 މީހުން ހައްޔަރު ކުރި އެވެ. ލޮކްޑައުންއާ ގުޅޭ އަމުރުތަކާ ހިލާފުވެގެން މިހާތަނަށް 355 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން މަޖިލީހަށް ހުށަހެޅި އާ ބިލުގައި ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުންތައް ތަންފީޒު ކުރުމަށް ފުލުހުންނަށް ހާއްސަ ބާރުތަކެއް ދީފައިވާއިރު، އެ ބިލަށް އަމަލު ކުރާނީ ބިލު ފާސް ކުރާ ދުވަހުން ފެށިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާތާ 60 ދުވަހުގެ މުއްދަތަކަށް ކަމަށް ބުނެފައިވެ އެެވެ.