އެކި ރާގު

ޝަލަބީގެ ރޯދަ ހަދިޔާ ވަރަށް ހާއްސަ!

މޯލްޑިވިއަން އައިޑޮލް އިން ވިދާލި ޝަލަބީ އިބްރާހިމަކީ ފަހުން ދިވެހި މިއުޒިކާއި ލަވައިގެ ދުނިޔެއިން އުފެދުނު އެންމެ ހުނަރުވެރި ފަންނާނެވެ. ލަވައިގެ ފަންނުން ކުރިއަށް ދިއުމަކީ އޭނާ ކުރި އުންމީދަކަށް ނުވިޔަސް އެ ރޮނގުން ވަރަށް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޝަލަބީގެ އަޑުގެ ޖާދޫގައި ނުޖެހޭ މީހަކު މިހާރު ނެތެވެ. ކިޔަވަން މާލެ އައިސް އެކުވެރިންނާއެކު ބޮޑުބެރު ގުރޫޕެއްގައި ބައިވެރިވި ހިސާބުން ލަވަ ކިޔަން ހާއްސަ ޝައުގުވެރިކަމެއް އުފެދުނެވެ. މިހާރު އޭނާއަކީ ރާއްޖޭގައި އެންމެ ހިނގާ އެއް ލަވަކިޔުންތެރިޔާ އެވެ. މީގެ ހަތަރު އަހަރު ކުރިން ފެށިގެން ޝަލަބީ އަންނަނީ ކޮންމެ ރޯދަމަހަކާ ދިމާކޮށް ހާއްސަ މަދަހަ އަލްބަމެއް ވެސް ނެރެމުންނެވެ. "ހިދާއީ ނޫރު" ގެ ނަމުގައި ނެރޭ މަދަހަ އަލްބަމްގެ ހަތަރުވަނަ ސީރީޒް މި އަހަރު ނެރޭނެ އެވެ. މިފަހަރުގެ މަދަހަތައް ހާއްސަ ކޮށްފައި ވަނީ ދިވެހިންނަށް ވަރަށް ބޮޑަށް ކަމުދިޔަ އިހުގެ ރީތި މަދަހަތަކަށެވެ. ޝަލަބީގެ އަޑުން އިހުގެ މަދަހަތައް އަޑުއިވޭނެ ދުވަހަކަށް އޭނާގެ މަންމަ ކުރަމުން އައި އިންތިޒާރަށް ނިމުންއައީ އެވެ. އެ އަލްބަމް ޝަލަބީއަށް އެންމެ ހާއްސަވަނީ އެހެން ވެގެނެވެ. "އެކި ރާގު" ގައި ޝަލަބީގެ ހަޔާތުގެ އަދި ލަވައިގެ ދުނިޔޭގެ ޝައުގުވެރި ތަންތަންކޮޅު އާދެ އެވެ.