އެކި ރާގު

މާލެ އައިސް ލަވަކިޔާނެ ޝަރުތަކީ ކުޑަމޫސަ ދައްކާލުން!

ކުޅަދާނަ ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އަކީ ސުކޫލު ދައުރުގައި މޮޅު ފުޓްބޯޅަ ކުޅުންތެރިއެކެވެ. އޭނާގެ ހުރިހާވެސް ޝައުގެއް އޮތީ ފުޓްބޯޅައަށް ހުސްވެފަ އެވެ. އެއީ އިފްތިތާހުގެ ފަހުރުވެރި ފުޓްބޯޅަ ކެޕްޓަނެކެވެ. ފުޓްބޯޅައިގެ އިތުރުން ސުކޫލުން ބާއްވާ ލަވަ މުބާރާތްތަކުގައި ވެސް ތޭރަވާ ގަދައަށް އުދުހެ އެވެ. އޭނާއަށް "ތޭރަވާ" މިނަން ލިބުނީ ވެސް ސުކޫލު މުބާރާތެއްގައި އޭނާ ހުށައެޅި "ތޭރަވާ" ލަވައިގެ ސަބަބުންނެވެ. އެ ލަވަ މަޝްހޫރުވެ އެންމެ ފަހުން "ޒީރޯ ޑިގްރީ" އިން ނައިފަރުގައި ބޭއްވި މިއުޒިކު ޝޯ އެއްގައިވެސް އެލަވަ ކިޔާލުމުގެ ފުރުސަތު އޭނާއަށް ދިނެވެ. އަދި ފަހުން މާލެ އައިސް "ޒީރޯ ޑިގްރީ" އާއެކު "ފަންނާނުންގެ މިއުޒިކީ އީދު" ޝޯ އެއްގައި ވެސް އެ ލަވަ ކިޔަން ފުރުސަތު ލިބުނެވެ. ނަމަވެސް އިފްތިތާހުގެ އިންޓަ ހައުސް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗް ދޫކޮށް އެ ޝޯއަށް މާލެ އަންނަން ޖެހުންވީ ތޭރަވާއަށް ވަރަށް ހިތްދަތި ކަމަކަށެވެ. ބޭބެގެ އާދޭހަށް އެކަމަށް އެއްބަސްވީ މާލެ އައުމުން ގަރުނުގެ ފުޓްބޯޅަ ޝަހުސިއްޔަތު، އަދި ލެޖެންޑް، މޯނިންގުސަން މޫސާ މަނިކު (ކުޑަމޫސަ) އާ ބައްދަލު ކޮށްދޭން ޝަރުތުކޮށް އެކަމަށް އެއްބަސްވުމުންނެވެ. ފްލޫ ނާޝިދު އާއި އެފަދަ އެތައް ތަރިންނަކަށްވުރެ ތޭރައަށް އޭރު މުހިންމީ ކުޑަ މޫސައެވެ. ކުޑަމޫސައާ ބައްދަލުކޮށް ދިނުމަށް ޝަރުތުކޮށް ފެށި ލަވައިގެ ދަތުރުގައި ތޭރަ މިއަދު އުދުހެނީ ރާއްޖޭގެ އެންމެ އުހުގަ އެވެ. ލަވައިގެ ދުނިޔޭގައި ތޭރަގެ ޝައުގުވެރި އެތަށް ވާހަކައެއް ވީޑިއޯއިން ބަލާލާށެވެ.