މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގޮތުން އެކަމުގެ ވިޔަފާރި ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭގޮތަށް މަޖިލީހުގެ ސަލަމާތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން ފާސްކޮށްފި އެވެ. އެގޮތަށް އެކަން ފާސްކުރީ އެ ކޮމެޓީގެ އަޣުލަބިއްޔަތުން ނެވެ.
މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެންނަން މިދިޔަ މަހު ކުރީކޮޅު މަޖިލީހަށް ބިލެއް ސަރުކާރުން އޮތީ ހުށަހަޅައިފަ އެވެ. ވެރިކަން ކުރާ އެމްޑީޕީގެ ފަރާތުން ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު އެ ބިލް ހުށަހެޅުއްވީ މިހާރު އޮތް ގާނޫނު، ރާއްޖެ ބައިވެރިވެފައިވާ "ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ޓްރާންސްނޭޝަނަލް އޯގަނައިޒް ކްރައިމް" ގެ ޕްރޮޓޮކޯލްއަކާ އެއްގޮތް ކުރުމުގެ ގޮތުން ނެވެެ.
އެ ބިލް ބަލައިގަނެ އިތުރަށް ދިރާސާ ކުރަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީއަށް އޮތީ ފޮނުވައިފަ އެވެ.
އެ ކޮމެޓީން ބިލް ދިރާސާކޮށް މީހުން ޓްރެފިކް ކުރުމުގެ ގާނޫނުގައި ބަޔާންކުރާ ކުށެއް ކުރުމަށް ބޭނުންކުރި އަދި ކުށުގެ އަމަލުން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނަގަން ހުށަހަޅާފައިވާއިރު އެކަން ކުރަން ވާނީ ޖިނާއީ ގާނޫނުގެ އިޖުރާތުގައި ބުނާ އުސޫލުތަކާ އެއްގޮތަަށް ކަމަށް ވެސް ބުނެފައި ވެއެވެ.
އޭގެ އިތުރުން ޓްރެފިކް ކުރެވޭ މީހުންނަށް ލިބޭ ގެއްލުމުގެ ސަބަބުން ބަދަލު ނަގައިދެވޭނެ ބާވަތްތައްވެސް ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ. އެ ގޮތުން ބަދަލު ނެގޭނެ ބާވަތްތަކުގެ ތެރޭގައި ޓްރެފިކް ކުރެވޭ މީހާއަށް ލިބެން ޖެހޭ އުޖޫރައާއި ސިއްހީގޮތަށް ލިބޭ ގެއްލުންތަކާއި ގާނޫނާ ހިލާފަށް އެމްޕްލޯއިމަންޓް އޭޖެންސީ ނުވަތަ ރެކްރޫޓްމަންޓް އޭޖެންސީއަކަށް ދައްކާފައިވާ ފީ ވަނީ ހިމަނައިފަ އެވެ.