ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ނައިބު ރައީސް އަހްމަދު އަދީބަކީ އޭނާ ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އިރުވެސް އަދި ރައީސްގެ ނައިބަކަށް ވެވަޑައިގެން ވެސް "ބޮޑުވަޒީރެ" ކެވެ. އޭރު ސަރުކާރުގައި ތިއްބެވި ބައެއް ބޭފުޅުންނާއި އިދިކޮޅު ބައެއް ބޭފުޅުން ވެސް ތިއްބެވީ އެގޮތަށް ގަބޫލު ކުރައްވައިގެނެވެ. އަދީބު އުޅުއްވީ ވެސް ބޮޑުވަޒީރެއް ގޮތަށް ބޮޑެތި ބާރުތަކަކާ އެކުގަ އެވެ. އޭރު އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީއަށް އެކަންވީ ވަރަށް ބޮޑު މައްސަލަ އަކަށެވެ. ހަގީގަތުގައި ވެސް މައްސަލައެކެވެ. ގާނޫނުއަސާސީގައި ސަރުކާރު ހިންގުމުގެ ހުރިހާ ބާރެއް ހަވާލުކޮށްފައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ. އެހެންކަމުން ރިޔާސީ ނިޒާމެއްގައި އެއްވެސް ބޭފުޅަކު ބޮޑުވަޒީރު ހެދިގެން އުޅުއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
އެ ސަރުކާރު ބަދަލުވެ މިހާރު ވެރިކަން ކުރަނީ އެމްޑީޕީގެ ބޮޑު ހިއްސާއެއް އޮތް އެމްޑީޕީގެ ކޯލިޝަން ސަރުކާރަކުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ތިއްބެވީ އެމްޑީޕީގެ އެންމެ އިސް ދެ ބޭފުޅުންނެވެ. ޝަރުއީ ދާއިރާ އޮތީ އެމްޑީޕީން ދަމާލަން ބޭނުންވާ ވަރަކަށް ދަމާލެވޭ ރަބަރެއް ފަދައިންނެވެ. ޖުމްލަކޮށް މުޅި ދައުލަތް އޮތީ އެމްޑީޕީގެ އަތުގަ އެވެ.
އެމްޑީޕީން ވެރިކަމަށް އައީ ކުރީން ހުރި މައްސަލަތައް ހައްލުކޮށް އެންމެނަށް އިންސާފު ހޯދައިދޭށެވެ. ހައްގުތައް ކަށަވަރު ކޮށްދޭވެ. ކޮރަޕްޝަން މުލުން ލުހެލާށެވެ. ނަމަވެސް ރައްޔިތުންނަށް ގަބޫލު ކުރެވޭ ދުވެލީގައި ކަންކަން ނުވެ އެ ޝަކުވާގެ އަޑު ގަދަވެފައި ވެއެވެ.
ދައުލަތުގެ ފުރިހަމަ ބާރުވެރިކަން އެމްޑީޕީގެ އަތުގައި އޮތުމުން ހުރިހާ ފިއްތުމެއް ކުރިމަތި ވަނީ އެޕާޓީ އަށެވެ. ފާޑުކިޔުންތައް އަމާޒުވުމާއެކު އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފެންމަތި ކުރެއްވީ "ބޮޑުވަޒީރެއް" ގެ ވާހަކަތަކެވެ. އެ ބަހުސް ފުރަތަމަ ފެށިގެން އައީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެންބަރުންނާއި އެމްޑީޕީއަށް ނިސްބަތްވާ ވަޒީރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕްގަ އެވެ.
މިހާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަކީ "ބޮޑުވަޒީރެ" އެގެ ގޮތުގައި އާންމުންގެ ތެރޭގައި ލޭބަލް ވެގެން ދިޔައީ އެ ހިސާބުންނެވެ. އެމްޑީޕީގެ ބައެއް މެންބަރުންގެ ނަޒަރުގައި ފައްޔާޒަކީ "ބްރޯ" އެއް އަދި "ބޮޑުވަޒީރެ" ކެވެ. ކުރީގެ ސަރުކާރުގައި އަދީބުގެ ބާރުގަދަ ކަން ފެނިފައި ބައެއް މީހުން އޭނާއާ ގާތްވީ ވެސް "ބްރޯ" އަކަށް ހަދައިގެނެވެ. ފައްޔާޒަށް ވެސް ބައެއް މީހުން ދެނީ އެ ދަރަޖަ އެވެ. އެހެންކަމުން ސަރުކާރުގައި ފައްޔާޒުގެ ބާރުވެރިކަން އޮތް މިންވަރުން ބައެއް މެންބަރުންނަށް ފައްޔާޒު ވަނީ ބޮޑު "ބިރަ" ކަށެވެ.
ބައެއް މެންބަރުންގެ ވިސްނުމުގައި ފައްޔާޒުގެ ދުވެލި ހުއްޓުވަން ޖެހެ އެވެ. އެކަން ކުރުމަށް އެމްޑީޕީގެ ރައީސް އިސްވެ ހުންނަވައިގެން މަޖިލީހުގެ ތެރެއިން ފައްޔާޒު މަގާމުން ދުރުކުރަން ފާޅުގައި މަސައްކަތްތަކެއް ވެސް ކުރެއްވި އެވެ. ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފުރިހަމަ އިތުބާރު ފައްޔާޒަށް އޮތް ކަން ހާމަކުރައްވާ، ރައީސް ސޯލިހް ފައްޔާޒުގެ ދިފާއު ގައި ނުކުންނެވުމާއެކު އެ މަސައްކަތް ހުއްޓުނީ އެވެ. އެކަމަކު ވެސް ދޭތެރެއަކުން އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ރާޑަރަށް ފައްޔާޒު އަރަ އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމަކީ އެންމެ ގިނައިން އެ ވާހަކަ ދައްކަވާ ލީޑަރެވެ. އަވަސް އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ފައްޔާޒު "ހޫނުގޮނޑި" އެއްގައި ބައިންދަވަން ޖެހޭ ސަބަބުތަކެއް ވެސް އާޒިމް ވިދާޅުވެ ދެއްވަ އެވެ. އެކަމަކު އާޒިމް އެއް ފަހަރުވެސް ފައްޔާޒުގެ ނަން ވިދާޅުވާކަށް ބޭނުންފުޅެއް ނުވެ އެވެ.
އާޒިމް ވިދާޅުވާ ގޮތުގައި "ބޮޑުވަޒީރެއް" ގެ ވާހަކަ ދައްކަވަން ޖެހެނީ ވަޒީރަކު ބާރުގެ ބޭނުން ކުރައްވައިގެން ވައްކަމާއި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ކުރައްވާތީ އެވެ. އެމްޑީޕީއަށް ރައްޔިތުން ބާރު ދިނީ ހަދާފައި ހުރި ގޯސްތައް ރަނގަޅު ކުރާށެވެ. އެހެންކަމުން ވަކި ވަޒީރެއްގެ ބާރުވެރިކަމުގައި ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ކަންކަން ކުރައްވާނަމަ ސަރުކާރު ދިފާއު ކުރައްވަން ނުވަތަ ޕާޓީގެ މަސްލަހަތު ހިމާޔަތް ކުރައްވަން ހަނުހުންނަވަން ޖެހޭނަމަ އާޒިމަށް އެއީ ބޮޑު މައްސަލަ އެކެވެ.
"[ވައްކަމެއް ކުރާއިރު] ދެން އަޅުގަނޑުމެން ހަމަ އަގައިން ނުބުނެ ތިބެންވީތޯ؟ ކިތަންމެ ގައުމު ހަލަބޮލިވިޔަސް އިންތިހާބު އައިސް ކުރިމަތިވެ، ބޯމަތިވިޔަސް ވައްކަމެއް ހިނގާ ގަޑީގައި ތިބުން އަދި މާނުބައި ކަމެއް އެއީ. މާގޯސް ކަމެއް އެއީ. އެވާހަކަ އަޅުގަނޑުމެން މިދައްކަނީ. އެއްވެސް މީހަކު ދެކެ ބިރު ގަންނާކަށް ނުޖެހޭނެ." ފައްޔާޒުގެ ނަން ވިދާޅު ނުވެ އޭނާގެ ވުޒާރާގައި ހުރި މައްސަލަތަކަށް އިޝާރާތް ކުރައްވާ އާޒިމް ވިދާޅުވި އެވެ.
ވައްކަމެއް ކުރާއިރު ދެން އަޅުގަނޑުމެން ހަމަ އަގައިން ނުބުނެ ތިބެންވީތޯ؟ ކިތަންމެ ގައުމު ހަލަބޮލިވިޔަސް އިންތިހާބު އައިސް ކުރިމަތިވެ، ބޯމަތިވިޔަސް ވައްކަމެއް ހިނގާ ގަޑީގައި ތިބުން އަދި މާނުބައި ކަމެއް އެއީ. މާގޯސް ކަމެއް އެއީ. އެވާހަކަ އަޅުގަނޑުމެން މިދައްކަނީ. އެއްވެސް މީހަކު ދެކެ ބިރު ގަންނާކަށް ނުޖެހޭނެއަލީ އާޒިމް | މެޖޯރިޓީ ލީޑަރު
މިނިސްޓަރު ފައްޔާޒަށް އަމާޒުވާ ގޮތަށް އާޒިމް ގިނަ ތުހުމަތުތަކެއް ވެސް ކުރެއްވި އެވެ. އެކަމަކު އެއް ފަހަރުވެސް ފައްޔާޒުގެ ނަން ވިދާޅެއް ނުވެ އެވެ. ވިދާޅުވަމުން ގެންދެވީ ވަކި މިނިސްޓްރީއެއްގެ ތެރެއިން ސަރުކާރު ހިއްސާވާ ކުންފުނިތަކެއް ހަދައިގެން ރައްޔިތުންނަށް ދަތިވާ ގޮތަށް ވިޔަފާރި ކުރެ އެވެ. ބިދޭސީންގެ މައްސަލަތަކެއް ގައުމުގައި އެބަހުއްޓެވެ. މަޖިލީހުގެ. ބައެއް މެންބަރުންނަށް ވަޒީރަކު ގުޅުއްވާ ވިޔަފާރި ކުރަން ހުއްދަތަކެއް ނުދެއްވާނެ ކަމަށް ވިދާޅުވެ އެވެ. އޭނާ ވިދާޅުވާ އެ ހުރިހާ މައްސަލަތަކެއް ވެސް ގުޅިފައި ވަނީ މިނިސްޓަރު ފައްޔާޒުގެ ވުޒާރާއާ އެވެ.
އާޒިމް ވިދާޅުވާ ގޮތުގައި މަޖިލީހުން ބައެއް ކަންކަން ނިންމަންވުމުން "ބޮޑުވަޒީރު" ވެގެން ބާރުގަދަ ވަޒީރަކު މެންބަރުންނަށް ގުޅުއްވައި ނުފޫޒު ފޯރުވަ އެވެ. އެއީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. އެކަންކަން ހުއްޓުވާނެ އެވެ.
"މިސާލަކަށް މިވެނި މެންބަރަކު އޮންނާނޭ މިވެނި ކަމަކަށް އެދިފައި [އެބަ ވިދާޅުވޭ]. ތިމަންނަ އެކަމެއް ނުކޮށްދޭނަމޭ. ނުވާނެއޭ. ވަރަށް ހަމަ ބާރަށް، ހުދުމުހުތާރުކޮށް އެހެން ބުނާ ކަމަށް ވަނީ ނަމަ އެއީ ނުފޫޒު ފޯރުވުން ދެއްތޯ. އެހެންވީމާ އެވަރަށް ބައެއް ވަޒީރުންގެ ކަންކަން ދާތީ އަޅުގަނޑުމެން އެކަހަލަ ވަޒީރުންގެ ވާހަކަ ދައްކަން މިޖެހެނީ. އެހެން ނޫނިއްޔާ ނުޖެހެނޭ [މިވާހަކަ ދައްކާކަށް]. ބިރު ދައްކާތީވެ ދައްކަނީ. ބައެއް މެންބަރުންނަށް ނުފޫޒު ފޯރުވަން އުޅޭތީވެ [އެވާހަކަ ދައްކަނީ]." މަޖިލީހުގެ ތަޅުމުގައި ފައްޔާޒަށް ބޮޑެތި ތުހުމަތެއް ވެސް ކުރައްވާފައިވާ އާޒިމް ވިދާޅުވި އެވެ.
އާޒިމް ގަބޫލު ކުރައްވާ ގޮތުގައި ސަރުކާރުގައި އެމްޑީޕީގެ ބޮޑު ހިއްސާ އޮތް ނަމަވެސް އެމްޑީޕީގެ ބާރުވެރި ކަމެއް ނެތެވެ. ބާރުގަދަ ވަޒީރުން ހުއްޓުވުމާއި ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރަން ދަތިތައް އޮތް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އާޒިމް ވިދާޅުވާ ގޮތުގައި ބާރުގަދަ ވަޒީރެއްގެ ނުފޫޒުގައި ވެސް މަޖިލިސް ތެރެއިން ކުރަން ބޭނުންވާ ކޮންމެ ކަމެއް ނުކުރެވޭނެ އެވެ. ސަބަބަކީ ސަރުކާރުގެ މަސްލަހަތަށް ވުރެ ބޮޑަށް އިސް ވާނީ ރައްޔިތުން މަސްލަހަތައް ވާތީ އެވެ.
"ރައްޔިތުންގެ މަޖިލީހަކީ ވަރަށް ތަފާތު ތަނެއް ހަގީގަތުގައި. މިއީ ސަރުކާރުން ބުނާހާ ގޮތަކަށް ވަޒީރުން ބުނާހާ ގޮތަކަށް ބުނާހާ ކަމެއް ކުރަން އޮންނަ ތަނެއް ނޫން. މިއީ ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރާ ތަނެއް." އާޒިމް ވިދާޅުވި އެވެ.
މިއީ ކޯލިޝަން ސަރުކާރެކެވެ. މި ސަރުކާރުގައި ތިއްބެވީ އެކި ޕާޓީތަކަށް ނިސްބަތްވާ ވަޒީރުންނެވެ. އެހެންކަމުން ވަޒީރުންނާ މެދު އެމްޑީޕީގެ ޕީޖީ ގުރޫޕުން ތަފާތު ކުރުންތައް ގެންގުޅޭ ކަމުގެ އަޑުތައް ވެސް ގަދަ އެވެ. އެކަމަކު އާޒިމް ވިދާޅުވި ގޮތުގައި އެއްވެސް ވަޒީރަކު ތަފާތު ކޮށްގެން އެއްވެސް ކަމެއް ނުކުރާނެ އެވެ. އަދި އެއްވެސް ވަޒީރަކާ މެދު ޒާތީ ގޮތަކަށް އަމަލު ކުރުމުގެ ވިސްނުމެއް ވެސް ނޯވެ އެވެ. އެކަމަކު "ބޮޑު ވަޒީރެއް" ގެ ވާހަކަ ދައްކަވަނީ އެފަދަ ވަޒީރެއްގެ މަސްލަހަތާއި މަސްއޫލިއްޔަތާއި އެތަނެއްގައި ހުރި މައްސަލަތަކާ ގުޅޭގޮތުންނެވެ.
"އަޅުގަނޑުމެން އަބަދުވެސް ވަކާލާތު ކުރަނީ ކަރަޕްޝަނާއި ވައްކަމާއި އިންސާފު ހޯދައިދިނުމާއި، މިކަންކަމަށް. އެހެންވީމާ އެކަންކަމުގެ ވާހަކަ ވަކި ވަޒީރެއްގެ ބޮލުގައި އަޅުވާފައި ރައްޔިތުން ދައްކާ ކަމަށް ވެއްޖިއްޔާ އަނެއްކާ އަޅުގަނޑުމެންނަށް މިޖެހެނީ އެކަމާ ނިކުމެގެން އުޅެން ދެއްތޯ" އާޒިމް ވިދާޅުވި އެވެ.