ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ސެންޓަރުތައް ހިނގާ ގޮތް ބަލަން މަޖިލީހުގެ ޕެޓިޝަން ކޮމެޓީގެ މެމްބަރުން ވަޑައިގަތުމަށް މަޖިލީހުގެ ޕެޓިޝަން ކޮމެޓީން ނިންމައިފި އެވެ.
ޕެޓިޝަން ކޮމެޓީން އެ ނިންމުން ނިންމިއިރު މަސްތުވާތަކެތި ބޭނުންކުރާ މީހުން އަނބުރާ މުޖުތަމައަށް ގެނައުމަށާއި ފަރުވާތައް ދޭން އުފައްދާފައިވާ އެންޑީއޭ އިސްލާހު ކުރަން ގޮވާލައި މަޖިލީހަށް ވަނީ ޕެޓިޝަނެއް ހުށަހަޅަައިފަ އެވެ.
އެ ޕެޓިޝަނާ ގުޅޭގޮތުން ކޮމެޓީގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު މިއަދު އެދިވަޑައިގެންނެވީ އެންޑީއޭގެ ހުރިހާ ރިހިބިލިޓޭޝަން ސެންޓަރުތަަކަށް ޒިޔާރަތްކޮށް މި މަސް ތެރޭގައި ރިޕޯޓެއް އެކުލަވައިލާށެވެ.
މިއަދުގެ ވަގުތެއްގައި ހުޅުމާލޭ ރިހިބިލިޓޭޝަން ސެންޓަރަށް މެމްބަރުން ޒިޔާރަތް ކުރަން ވެސް އޭނާ އެދި ވަޑައިގަތެވެ. ކުރިއަށް އޮތް ރޯދަ މަހުގެ ފުރަތަމަ ހަފުތާ ބަންދުގެ ތެރޭ ދެކުނުގެ ތިން ރަށެއްގެ ރިހިބިލިޓޭޝަން ސެންޓަރަށް ޒިޔާރަތްކޮށް އަންނަ ހަފްތާގެ ބަންދުގައި ހދ. ހަނިމާދޫގެ ސެންޓަރަށް ޒިޔާރަތް ކުރަން ހުށަހެޅުއްވެވި އެވެ.
"އަދި ހިންމަފުށްޓަށް ދެވޭނެ. ދެން ހަނިމާދޫ ދަތުރަށްފަހުގަ އެ އޮންނަ ހަފުތާގެ ތެރޭގައި މާލޭގައި ހުންނަ ސެންޓަރަށް ޒިޔާތަތްކޮށްފަ މިމަހުގެ ނިޔަލަށް މި ރިޕޯޓް ފައިނަލް ކޮށް ނިންމަން ހުށަހަޅަނީ،" ޝިފާއު ވިދާޅުވި އެވެ.
މަސްތުވާތަކެތިން ޒުވާނުން ސަލާމަތް ކުރަން އުފައްދާފައިވާ ޖަމިއްޔާ "ހޭންޑްސް ޓްގެދާ" އިން މަޖިލީހަށް ހުށަހެޅި ޕެޓިޝަންގައި 1050 މީހުން ސޮއި ކޮށްފައި ވެއެވެ. އެ ޖަމިއްޔާއިން ބުނީ މީގެ 24 އަހަރު ކުރިން އެންޑީއޭ ވުޖޫދަަށް އައިއިރު ވެސް ގެންގުޅުނު އުސޫލުތަކާއި ނިޒާމުތަކަށް އަދިވެސް ބަދަލެއް ނާންނަ ކަަމަށެވެ. އަދި މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އަމަލު ކުރަން ފެށިތާ ނުވަަ އަހަރުވީ އިރުވެސް އެ ގާނޫނަށް އަމަލު ކުރަން އެންޑީއޭ ނުކުޅެދިފައިވާ ކަމަށެވެ.