މަސްތުވަތަކެތި ބޭނުންކުރާ މީހުންނަށް ރާއްޖޭގެ ކޮންމެ ރަށެއްގެ ސިއްހީ މަރުކަޒުން ޑިޓޮކްސް ފަރުވާ ލިބޭނެ ގޮތް ހަދަން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ފާސްކޮށްފި އެވެ.
ޕެޓިޝަން ކޮމިޓީން މި ގޮތަށް ނިންމީ ނެޝެނަސް ޑްރަގް އޭޖެންސީ(އެންޑީއޭ) ރިފޯމް ކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "ޗޭންޖް އެންޑީއޭ 2020" ޕެޓިޝަން ދިރާސާކުރުމަށް ފަހު އެވެ.
ކޮމިޓީ ރިޕޯޓުގައި މިހާރު ދިމާވެފައިވާ މައްސަލަަތައް ހައްލުކުރަން ގިން ކަންތައްތަކެއް ކުރުމަށް ލަފާ ދީފައިވެ އެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ދޭ ފަރުވާގެ ނިޒާމް ލާމަރުކަޒު ކުރުމަށް ލަފާ ދީފައިވެ އެވެ.
މީގެތެރޭގައި މަސްތުވާތަކެތީގެ އާބާދީގެ ނިސްބަތަށް ބަލައި ރާއްޖޭގެ ކޮންމެ ރަށެއްގެ ސިއްހީ މަރުކަޒެއްގައި މެތަޑޯންގެ ފަރުވާއާއި ޑިޓޮކްސްގެ ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖެއްސުން ހިމެނެ އެވެ. އަދި އެންޑީއޭގެ ދަށުން ހިންގާ ފަރުވާދޭ މަރުކަޒުތައް ލާމަރުކަޒުކޮށް މަސްތުވާތަކެތީގެ އާބާދީގެ ނިސްބަތަށް ބަލައި ޑްރަގް ކޯޓުގެ މަސައްކަތް ލާމަރުކަޒު ކުރަން ވެސް ލަފާ ދީފައިވެ އެވެ.
ކޮމިޓީގެ އިތުރު ހުށަހެޅުންތައް
- އެންޑީއޭ އަދި ޑްރަގް ކޯޓަށް މިވަގުތަށް އެންމެ ބޭނުންވާ މުވައްޒަފުންނާއި ވަސީލަތްތައް ވީހާވެސް އަަވަަހަށް ހަމަަޖައްސައިދިނުން
- ކަސްޓަމްސްގެ ބޯޑާ މެޝިންތަކާއި ސާމާނުތައް ޒަމާނީ ކުރުން
- ވަޒީފާގެ ފުރުސަތުތަކާއި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުން
- ގާނޫނާއި ގަވައިދުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުން
- އެންޑީއޭގެ ޕާފޯމަންސް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުން
- ވެރިކަން ބަދަލުވިޔަސް ބަދަލުނުވާ ފަދަ މާސްޓާ ޕޮލިސީއެއް މަސްތުވާތަކެއްޗާ ދެކޮޅަށް އެކުލަވާލުން
- މަސްތުވާތަކެތި ވިއްކާ ބިދޭސީން އަވަހަށް ޑީޕޯޓްކުރަން އެންގުން