މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލުގައި ތިބި ގައިދީންގެ ތެރެއިން 167 ގައިދީންނަކީ އުމުރު ދުވަހުގެ ޖަލު ހުކުމް ތަންފީޒުކުރަމުން ދާ މީހުން ކަމަށް މޯލްޑިވްސް ކަރެކްޝަންސް ސާވިސް ކޮމިޝަނުން ބުނެފި އެވެ
ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިސްލާހުކުރުމަށް ގޮވާލައި މަޖިލީހުގެ ޕެޓިޝަން ކޮމިޓީ އަށް ހުށަހަޅާފައިވާ "ޗޭންޖް އެންޑީއޭ ޕެޓިޝަން" އާއި ގުޅިގެން މިއަދު ބޭއްވި ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމަށް ކަމާގުޅުން ހުރި 11 އިދާރާއެއް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ.
ކޮމިޓީގައި ވާހަކަދައްކަވަމުން ކަރެކްޝަނަލް ސާވިސްގެ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އިބްރާހިމް ނާސިރް ވިދާޅުވީ ޖަލުގައި ތިބި 556 ގައިދީންނަކީ ސީދާ ޑްރަގްގެ މައްސަލައިގައި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުން ކަމަށެވެ. އެއީ ޖަލުގެ އާބާދީގެ 60 ޕަސެންޓް ގައިދީންނެވެ.
މީގެ ތެރޭގައި ގިނައީ 35 އަހަރުން ދަށުގެ ޒުވާނުންނެވެ. އަދި ޖަލުގައި ހުކުމް ނުކޮށް ބަންދުކޮށްފައިވާ މީހުންގެ ތެރެއިން ވެސް ގިނަ މީހުންނަކީ ޑްރަގެ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުން ކަމަށް ނާސިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޖަލުގައި ތިބި ޖުމްލަ ގައިދީންގެ ތެރެއިން 86 ޕަސެންޓް މީހުންނަކީ ކޮންމެވެސް ގޮތަކުން މަސްތުވާތަކެތި ބޭނުންކޮށްފައިވާ މީހުންނެވެ. ޑްރަގްގެ މައްސަލައިގައި 167 މީހުން އުމުރު ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރަމުންދާއިރު އެއީ ޖަލުގެ 30 ޕަސެންޓް ގައިދީން ކަމަށް ވެސް ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ ކުރީގެ ގާނޫނުގައިވާ ގޮތުން މީހެއްގެ އަތުން އެއް ގްރާމަށް ވުރެ ގިނަ މަސްތުވާތަކެތި ފެނި ކޯޓުގައި އެކަން ސާބިތު ވެއްޖެނަމަ އެ މީހެއްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވޭނެ އެވެ. އެގޮތަށް ހުކުމްކޮށްފައިވާ 27 މީހަކު ޖަލުހައި ހުކުމް ތަންފީޒު ކުރަމުން ގެންދެ އެވެ.
ނާސިރު އިތުރަށް ވިދާޅުވީ މިހާރު ޖަލުތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޑްރަގް ކޯޓުން ފަރުވާއަށް ހުކުމްކޮށް، ފަރުވާއިން ފެއިލްވެގެން ޖަލަށް އަންނަ މީހުންގެ އަދަދު އިތުރުވަމުން ދިއުމެވެ. އެގޮތަށް ޖަލަށް ގެނެސްފައިވާ 298 މީހުން އެބަތިބި ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެފަދަ މީހުން ޖަލަށް ގެނެވޭ އަދަދު އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އެންޑީއޭގެ މައްސަލަތަކުގެ އިތުރަށް މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަންޖެހޭ ދައުލަތުގެ އެހެން އިދާރާތަކުން މި މައްސަލަ ހައްލުކުރުމުގައި ވަރަށް ބޮޑަށް ފެއިލްވެފައިވާ ކަމަށް ކޮމިޓީގެ މެންބަރުން މިއަދު ވަނީ ވިދާޅުވެފަ އެވެ.