މަސްތުވާތަކެތި

ރިހެބްތައް ހިންގަން ބޭރު ބަޔަކަށް ދޭން ޖެހޭ: ލަތީފު

މަސްތުވާތަކެތި ބޭނުންކުރާ މީހުނަށް ފަރުވާ ދޭ ރިހިބިލިޓޭޝަން ސެންޓަރުތައް ނުވަތަ ޑިޓޮކްސިފިކޭޝަން ސެންޓަރުތައް ހިންގަން ބޭރުގެ ފަރާތްތަކާ ހަވާލުކުރަން އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އެދި ވަޑައިގެންފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓާ ގުޅޭ ގޮތުން މަޖިލީހުގައި ކުރިޔަށްދާ ބަހުސްގައި ހަސަން ލަތީފް މިއަދު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ދިވެހި ޖީލު ސަލާމަތް ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަަމަށާއި އެހެން ނޫނީ ކުރިއަށް އޮތް ޖީލު ވެސް ސަލާމަތް ނުކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުގެ ސިޔާސަތަށް ބޮޑު ބަދަލެއް ގެންނަން ޖެހޭ ކަމަށެވެ.

އަންނަ އަހަރު ނެޝެނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ބަޖެޓަށް 129 މިލިއަން ރުފިޔާ ބަޖެޓް ކޮށްފައިވާ އިރު 117 މިލިއަން ރުފިޔާ ކަނޑައަޅާފައި ވަނީ މަސްތުވާތަކެތި ބޭނުން ކުރުން ދުރު ކުރުމަށާއި ފަރުވާގެ އެކި ކަންކަމަށެވެ. އެ އަދަދަށް ބަޖެޓް ކަނޑައަޅާފައި އޮތް ނަމަވެސް ރާއްޖޭގެ ވަސީލަތްތައް ހުރި މިންވަރުން ރާއްޖެއަށް ބޭނުންވާ މިންވަރަށް އެކަން ކުރެވިދާނެ ކަމާމެދު އޭނާ ސުވާލު އުފެއްދެވި އެވެ.

"އަޅުގަނޑު އެދެނީ ބޭރުގެ ފަރާތްތަކަށް އެކަން ދޫކޮށްލައިގެން އެއީ ބޭރުގެ ފަރާތްތަކުން ކުރާ ކަމެއްގެ ގޮތުގައި އެކަން ސިޔާސަތަށް ގެންނަ ބަދަލެއްގެ ތެރެއިން ގެނައުން،" ހަސަން ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިވެހިންނަށް ކުރަން ނޭނގޭ ކަންތައްތަކާއި އަދި ކުރަން އުނދަގޫ ކަންތައްތައް އަބަދުވެސް ކުރަނީ ބޭރު ފަރާތްތަކާ ގުޅިގެން ކަމަށެވެ.

"މި ދަންނަވާ ވާހަކައަކީ ބޭރުގެ ފަރާތްތަކުން މިތަނުގައި ރީހެބް ސެންޓަރުތައް ހިންގުމުގެ ވާހަކަ. އެކްސްޕާޓެއް ގެނެސްގެން އޭނާގެ އެހީ ހޯދާ ވާހަކައެއް ނޫން. އަޅުގަނޑު ދެކޭ ގޮތުގައި މިއީ އަވަހަށް ކުރާ ކަމަަކަށް ނުވެއްޖިއްޔާ ކުރިއަށް އޮތް ޖީލު ހިފެހެއްޓުމަކީ ފަސޭހަ ކަަމަކަށް ނުވާނެ." ހަސަން ލަތީފް ވިދާޅުވި އެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް ހަދާފައިވާ މަރުކަޒުތައް މިވަގުތު ހިންގަމުން ދަނީ ހަމައެކަނި އެންޑީއޭގެ ބެލުމުގެ ދަށުންނެވެ. ނަމަވެސް އެތަނުގެ އިދާރީ މައްސަލަތަކާއި ހިދުމަތްތައް ވަރަށް ބޮޑަށް ފެންވަރު ދަށްވެ އަދި މުޅި ތަން ބޮއްސުންލައިގެން ގޮސްފައިވާ ކަމަށް އެންޑީއޭ އިން ހިދުމަތް ހޯދާ މީހުން ބުނެ އެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް ހަދާފައިވާ މަރުކަޒުތައް އަމިއްލަގޮތުން ހިންގަން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިދިޔަ އޭޕްރީލް މަހު އެންޑީއޭއިން ހުޅުވާލި އެެވެ. ޖޫން މަހުގެ 24 އާ ހަމައަށް އެ ފުރުސަތު ހުޅުވާލި ނަމަވެސް އެކަމަށް ކުރި އިއުލާން މޭ މަހު އޮތީ ބާތިލު ކޮށްފަ އެވެ.

ރާއްޖޭގެ ހަތަަރު ސަރަހައްދެއްގައި ޖުމްލަ ހަތަރު ޑިޓޮޮކްސް ސެންޓަރު ހުރެއެވެ. އޭގެ އިތުރުން ކ. ހިންމަފުށީގައި ރިހިބިލިޓޭޝަން ސެންޓަރަކާއި މަސްތުވާތަކެތި ބޭނުން ކުުރުމަށް ފަހު މުޖުތަމައުއަށް ނުކުތުމުގެ ކުރިން ހުނަރުތައް ދަސްކޮށް ދިނުމަށް "ހާފްވޭ ހައުސްއެއް" ހުޅުމާލޭގައި ހިންގަ އެވެ