މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ފަރުވާ ދިނުމަށް މިހާރު ސަރުކާރުން ގެންގުޅޭ ސިޔާސަތު ބަދަލުކުރުމަށް ގޮވާލާ ގަރާރު ރައްޔިތުންގެ މަޖިލީހައަށް ތައާރަފުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ މި ގަރާރުގެ ފުރަތަމަ ކިޔުމެވެ.
ގަރާރުގައި ބުނެފައިވަނީ މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ފަރުވާދީ އެ މީހުން އަނބުރާ މުޖުތަމައަށް ގެނައުމާ ގުޅޭ ގޮތުން އެމްޑީޕީގެ 2018 ވަނަ އަހަރުގެ މެނިފެސްޓޯގައި ވައުދުވެފައިވާ ކަމަށެވެ. ނަމަވެސް ސަރުކާރުން މި ވައުދު ފުއްދުމަށް ގެންގުޅޭ ސިޔާސަތާއި ނިޒާމާއި އަދި އޮނިގަނޑު ރާވާފައިވާ ގޮތުން މެނިފެސްޓޯގެ އެ ލަނޑުދަނޑި ހާސިލުނުކުރެވޭނެ ކަމަށެވެ.
މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ނުލިބި އެ މީހުން މުޖުތަމައުން ބާކީވެ އެ މީހުންގެ އާއިލާތައް ނިކަމެތިވެގެންދާ ދިޔުމަށް އަވަސް ހައްލެއް ހޯދަން ބޭނުންވެފައިވާ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.
އެމްޑީޕީގެ މެނިފެސްޓޯގައިވާ ތަސައްވުރާ އެއްގޮތަށް ފަރުވާ ދެވޭނެ ގާބިލުކަން ސަރުކާރުގެ އިންސާނީ ވަސީލަތުގެ ތެރޭގައި ނެތް ކަމަށް ވަނީ ބުނެފަ އެވެ.
"ދިގު މުއްދަތަކަށް ބައިތިއްބައިގެން ދޭންޖެހޭ ފަރުވާ ދިނުމަށް މިވަގުތު ރާއްޖޭގައި ހުރި ދެ މަރުކަޒުގައިވެސް، ފަރުވާދޭނެ މީހުން ނެތުމުގެ ސަބަބުން އެތަންތަނުގައި ޖާގައިގެ 50 ޕަސަންޓް ވެސް ފާއިތުވި އަހަރު ބޭނުންކުރެވިފައި ނުވާކަން ފާހަގަކުރެވެ،" ގަރާރުގައި ބުނެފައިވެ އެވެ.
މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން ބޭނުންކުރަންޖެހޭ ބޭސް ހާއްސަ އުސޫލުތަކެއްގެ ތެރެއިން ރާއްޖޭގެ ގިނަ ސަރަހައްދުތަކުން ލިބެން ހުންނަން ޖެހޭނެ ކަމަށާއި ބޭސް ދޫކުރާ ފާމަސީތަކާއި ފާމަސިސްޓުންގެ ޝަރުތުތަކާއި އަމަލުކުރަންޖެހޭ މިންގަނޑުތައް ސަރުކާރުން ކަނޑައަޅަންޖެހޭ ކަމަށް ގަރާރުގައިވެ އެވެ.
އޭގެ އިތުރުން މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފެންވަރު ރަނގަޅު ކައުންސެލިންގެ ހިދުމަތް ދެވޭނެ ގައުމީ އޮނިގަނޑެއް އެކުލަވާލައި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައިވެސް ކައުންސެލިންގެ ހިދުމަތް ދެވޭނެ އިންތިޒާމް ހަމަޖެހިފައި އޮންނަންޖެހޭނެ ކަމަށް ގަރާރުގައި ވަނީ ބުނެފަ އެވެ.