މޯލްޑިވްސް ޕޮލިސް ސާވިސް

މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި

Apr 10, 2021

ފުލުހުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި އެވެ.

މި ތިން މީހުން ހައްޔަރުކޮށްފައިވަނީ ލ. މާމެންދޫގެ އިތުރުން އައްޑޫ ސިޓީގެ މަރަދޫންނެވެ.

ފުލުހުން ބުނީ މަރަދޫގައި ހިންގި އޮޕަރޭޝަންގައި އެރަށު ގެސްޓް ހައުސްއަކުން 28 އަހަރުގެ ދިވެއްސަކާއި 25 އަހަރުގެ ދިވެއްސެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. މިމަހުގެ އަށްވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 222 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ފުލުހުން ބުނީ ލ. މާމެންދޫގައި ހިންގި އޮޕަރޭޝަންގައި އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މަހުގެ ހަވަނަ ދުވަހު އެރަށު ބަނދަރުމަތިން އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ހޮޅިކޮޅު ފެނިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މާމެންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

އައްޑޫ އިން ހައްޔަރުކުރި މީހުންގެ ބަންދާ މެދު ފުލުހުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.