މޯލްޑިވްސް ޕޮލިސް ސާވިސް

ފަޅުރަށަކަށް ބަނގުރާ ގެންދަނިކޮށް ހައްޔަރުކޮށްފި

މ. މުލަކުގައި ދުއްވާ ލޯންޗެއްގައި ބަނގުރާ ހިފައިގެން ފަޅު ރަށަކަށް ދަތުރުކުރަމުން ދިޔަ ބަޔަކު ކަނޑުމަތިން ހުއްޓުވާ ހައްޔަރުކޮށްފި އެވެ.

ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ ހަތަރުވަނަ ދުވަހު މި މީހުން ހައްޔަރުކުރީ މ. ހަކުރާހުރާ ކައިރިން ކަނޑުމަތިންނެވެ.

ފުލުހުން ބުނީ މި މީހުން ހައްޔަރުކޮށް މި މީހުން ދަތުރުކުރި ލޯންޗާއި މި މީހުން ގެންގުޅުނު ތަކެތި އަދި މި މީހުންގެ ހަށިގަނޑު ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 15 ސެލޯފިންކޮޅާއި ދަޅުގައި ބަންދުކޮށްފައި ހުރި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި 35 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 10 މީހެކެވެ.

ފުލުހުން ބުނީ މި މީހުން ތިބި ލޯންޗު ބަލައި ފާސްކޮށް މި މީހުން ހައްޔަރުކުރަން އުޅުމުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި އިތުރު މީހަކުވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 22 އަހަރާއި 33 އަހަރާ ދެމެދުގެ މީހުންނެވެ. މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މުލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށް ފަހު ބައެއް މީހުން ދޫކޮށްލައި އަދި ދެން ތިބި މީހުން ތިންދުވަހާއި ފަސްދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.