މަސްތުވާތަކެތި

ޑްރަގު އެތެރެކުރަން އުޅުނު ލަންކާ މީހުންގެ ބަންދަށް 30 ދުވަސް

ރާއްޖޭގެ ސަރަހައްދުގައި ހަރަކާތްތެރިވި ސްރީލަންކާގެ މަސް ބޯޓަކުން 468.6 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައި ހައްޔަރުކުރި އެންމެންގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.

ހދ. މަކުނުދޫ ބޭރުން މިމަހުގެ 23 ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި އަތުލައިގަނެވުނު މި ބޯޓުގައި ތިބީ ލަންކާގެ ފަސް ފިރިހެނުންނެވެ.

އެމްއެންޑީއެފް އިން ބޯޓު އަތުލައިގަނެ ހދ. ކުޅުދުއްފުށި ބަނދަށް މި ބޯޓު ގެންދިޔައީ މިމަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 9:30 ހާއިރު އެެވެ.

ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި މި މީހުން ބަންދުކޮށްފައި ތިބިއިރު މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ހދ. މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މި އެންމެން ކަސްޓޯޑިއަލް ޖަލެއްގައި 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ލަންކާ މީހުންގެ ވަނަވަރު

  • ރާޖްޕަކްޝަ ގެމަގޭ ދެނޫޝަ މަޑުމަލް (21 އ)
  • މުއްތިމާ ޕަޓަބިންދިގޭ އަމިޝްކް ސަންޖީވަ ކުމާރު (22 އ)
  • ޗަމޮދް ދިވަންގާ ދިލަކާވަ (22 އ)
  • ވިޖޭވީރަ ގުނަރަތުނާ މަހާވިދޯމާ (37 އ)
  • ލޮރެންސު ހޭވާގީ ސަރަތު (56 އ)

މަސްތުވާތަކެތި އަތުލައިގަތުމަށް ކުރިއަށް ދިޔަ މި އޮޕަރޭޝަނަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ ބޯޓުގައި ހުރި މަސްތުވާތަކެތީގެ ޕްރެލިމިނަރީ ޓެސްޓުގެ ނަތީޖާ ދައްކާ ގޮތުން 344 ކިލޯއަކީ މެތު އަދި 124.6 ކިލޯ އަކީ ކޮކެއިން ކަމަށެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި އަތުލައިގެން މަސްތުވާތަކެތީގެ އަގު އެއް ބިލިއަން ރުފިޔާއަށް އަރާނެ އެވެ.

މިމައްސަލަ އަދިވެސް ތަހުގީގު ކުރަމުންދާތީ ބޯޓުގައި ހުރި މަސްތުވާތަކެއްޗާއި އެއްވެސް ދިވެއްސަކާ ގުޅުމެއްވާކަން ތަހުގީގުގެ މި މަރުހަލާގައި އަދި ދަންނަވަން ދަތި ކަމަށްވެސް ސީޕީ ވަނީ މައުލޫމާތު ދެއްވާފަ އެވެ.