ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ވަގުތު ގުނެނީ: ޕީޕީއެމް ހެމުން، އެމްޑީޕީ ހިމޭނުން

އި އްޔެ މުޅި ދިވެހި ރާއްޖޭގައި ކުރިއަށް ދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބު ބޭއްވީ ކުރީން އެ އިންތިހާބު ބާއްވަން ހަމަޖެއްސި ތާރީހުގެ އެއް އަހަރު ދުވަސް ފަހުންނެވެ. އަހަރު ދުވަހަށް އިންތިހާބު ފަސްކުރަން މަޖުބޫރުވީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގައި އަޅަން ޖެހުނު ހަރުކަށި ފިޔަވަޅުތަކާއި ގުޅިގެންނެވެ. އިންތިހާބު އަހަރު ދުވަހަށް ފަސް ކުރަން ޖެހުމާއި ގުޅިގެން އެތަށް ބައެއްގެ ޝައުގުވެރިކަން އިންތިހާބުން ގެއްލުނެވެ. ޕާޓީތަކުގެ ޖޯޝާއި ފޯރި ކެނޑުނެވެ. ދެ އިންތިހާބުން 308 ކެންޑިޑޭޓަކު ވަނީ ނަން ނަގާފައެވެ. އެއީ ކައުންސިލްތަކަށް ކުރިމަތިލި 169 ކެންޑިޑޭޓަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބަށް ކުރިމަތިލި 308 ކެންޑިޑޭޓެކެވެ.

ނަމަވެސް އިންތިހާބުގެ ތާރީހު އަލުން ފައިނަލްވެ އެ ތާރީހުގައި ވޯޓްލުން ކުރިއަށް ގެންދަން ނިންމާ ބޮޑު ދެ ޕާޓީގެ ކެންޕެއިން ހުކުރު ދުވަހު ނިންމާލީ ވަރަށް ފޯރިގަދަ ކޮށެވެ. އެމްޑީޕީން ބުނަމުން އައީ އިންތިހާބުގައި 70 ޕަސެންޓް ގޮނޑި ނަގާ ޖެހިޖެހިގެން ތިން އިންތިހާބު ކާމިޔާބުކޮށް ހެޓްރިކް ހަދާނެ ކަމަށެވެ. އިދިކޮޅު ދެ ޕާޓީން ބުނީ އޮޅުވާ ނުލައިފިނަމަ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ.

މުޅި އިންތިހާބުގައި ވެސް އެންމެ ގިނަ ބައެއްގެ ނަޒަރު ހުއްޓިފައި އޮތީ ސިޓީ ކައުންސިލްތަކަށެވެ. ހާއްސަކޮށް މާލެ ސިޓީގެ މޭޔަރުގެ މަގާމަށެވެ. މޭޔަރުގެ މަގާމަށް ވާދަ ކުރެއްވީ ޕީޕީއެމުން ޑރ. މުހައްމަދު މުއިއްޒު، އެމްޑީޕީން އަނަސް އަބްދުއްސައްތާރު އަދި އަމިއްލަ ގޮތުން އަލްހާން ފަހުމީ އެވެ. މި އިންތިހާބަށް މުއިއްޒު ވަނީ މި ފަހުން ރާއްޖޭގައި ހިންގި އެންމެ ބޮޑު ކެންޕެއިން ކުރިއަށް ގެންގޮސްފަ އެވެ. އަދި އަނަސްވެސް ވަނީ އެމްޑީޕީގެ ލީޑާޝިޕާއި ސަރުކާރުގެ އިސްވެރިންނާއެކު ވަރުގަދަ ކެންޕެއިނެއް ކުރިއަށް ގެންގޮސްފަައެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާތަކުން މުޅި ގައުމަށްވެސް ލިބުނީ ހައިރާން ކަމެވެ. ނަތީޖާއިން ވަރުގަދަ އެމްޑީޕީ މުޅީން ހިމޭންވި އެވެ. މަޑުވެ ހަރަކާތް މަދުކޮށް އޮތް ޕީޕީއެމް އުފަލުން ފޮޅުނެވެ. ރޭ ހެވުނު ގޮތަށް އެ ޕާޓީގެ ލީޑާޝިޕާއި ސަޕޯޓަރުން އަދިވެސް އެ ތިބީ އުފާފާޅު ކުރުމުގަ އެވެ.

އެމްޑީޕީން "ރަސްކަން" ކުރަމުން އައި މާލެ ސިޓީން މުއިއްޒު ވަނީ 9،500 ވުރެ ގިނަ ވޯޓް ހޯއްދަވާފަ އެވެ. އެ އަދަދު އިތުރު ރާއްޖޭގެ ތާރީހުގައި މިފަދަ އިންތިހާބެއްގައި އެންމެ ގިނަ ވޯޓް ހޯއްދެވި ކެންޑިޑޭޓަކަށް މުއިއްޒު ވެވަޑައިގަތުމުގެ ފުރުސަތު އެބައޮތެވެ. އިންތިހާބުން ލިބުނު ކާމިޔާބާއެކު މުއިއްޒު ވެވަޑައިގެންފައި ވަނީ މާލޭގެ ރައްޔިތުން ވޯޓްލައިގެން ފުރަތަމަ އިންތިހާބު ކުރި މޭޔަރަށެވެ.

އިންތިހާބުގައި އަނަސްއަށް ލިބިވަޑައިގެންފައި ވަނީ 5،500 އެއްހާ ވޯޓެވެ. މިއީ އެމްޑީޕީން އުންމީދުކުރި ނަތީޖާއަށްވުރެ މާ ދަށް، ދެރަ ނަތީޖާއެކެވެ. އެކަމާއި ގުޅިގެން ރޭ ބާއްވަން ހަަމަޖެއްސި އެ ޕާޓީގެ އުފާ ފާޅުކުރުމާއި އެމްޑީޕީގެ އޮފީހުގައި ބޭއްވުމަށް ހަމަޖެއްސި ނޫސްވެރިންގެ ބައްދަލްވުން ވަނީ ކެންސަލް ކޮށްފަ އެވެ.

މާލޭ ސިޓީން އެމްޑީޕީއަށް ބޮޑު ލަދެއް

މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ ހޯދާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ތާރީހީ ބޮޑު ކާމިޔާބެއް ހޯދާފައެވެ.

މިހާތަނަށް ނަތީޖާ ސާފުވެފައިވާ ފޮށިތަކުން ޕީޕީއެމަށް މާލޭ ސިޓީ ކައުންސިލުން ވަނީ 10 ގޮނޑި ކަށަވަރު ވެފައެވެ. ނަމަވެސް ޕީޕީއެމުން ބުނީ 12 ގޮނޑި ޔަގީންވެފައިވާ ކަމަށެވެ. އަދި ނަތީޖާތައް އަންނަ ގޮތުން އިތުރު ދެ ގޮނޑި އެ ޕާޓީއަށް ލިބޭނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.

ޕީޕީއެމުން ބުނީ އެ ޕާޓީއަށް މާފަންނު މެދު ދާއިރާ އާއި މާފަންނު ހުޅަނގު ދާއިރާ އާއި މާފަންނު ދެކުނު ދާއިރާއިން ކުރި ހޯއްދަވާފައި ވަނީ ޕީޕީއެމްގެ ކެންޑިޑޭޓުން ކަމަށެވެ. އަދި މައްޗަންގޮޅި ދެކުނު ދާއިރާ އާއި މައްޗަންގޮޅި އުތުރު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި ހެންވޭރު ހުޅަނގު ދާއިރާ އާއި މެދު ހެންވޭރު ދާއިރާގެ އިތުުރުން ގަލޮޅު ދެކުނު ދާއިރާވެސް ލިބިފައިވަނީ ޕީޕީއެމް އަށް ކަމަށެވެ. މީގެ އިތުރުން ހުޅުމާލެ އާއި ވިލިމާލެ ދާއިރާގެ ގޮނޑިވެސް ފަސޭހަ ކަމާއެކު އެ ޕާޓީގެ ކެންޑިޑޭޓުން ވަނީ ކާމިޔާބު ކޮށްފައެވެ.

ކާމިޔާބާއެކު މުއިއްޒު ތަކުރާރު ކުރެއްވީ ވައުދުތައް

އިންތިހާބުން ބޮޑު ތަފާތަކުން އަނަސްގެ މައްޗަށް ކުރި ހޯއްދަވާ މާލޭގެ މޭޔަރު ކަމުގެ މަގާމު ކަށަވަރުވެވަޑައިގަތުމުން މުއިއްޒު ވަނީ ޕީޕީއެމްގެ އޮފީހަށް ވަޑައިގެން ނޫސްވެރިންނާއި ބައްދަލު ކުރައްވާފަ އެވެ. ޕީޕީއެމްގެ އޮފީހަށް މުއިއްޒު ވަޑައިގެންނެވީ މާލޭ ސިޓީން ކާމިޔާބު ހޯއްދެވި ޕީޕީއެމްގެ ކެންޑިޑޭޓުންނާއެކުގަ އެވެ. ކާމިޔާބު ހޯއްދެވި ކެންޑިޑޭޓުންނަށް ދެ ޕާޓީގެ ލީޑާޝިޕާއި އާންމު މެންބަރުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

ނޫސްވެރިންނާ ބައްދަލު ކުރައްވާ މުއިއްޒު ވިދާޅުވީ މާލޭ ރައްޔިތުންގެ ބަސް އިއްވައިފި ކަމަށާ އެމަނިކުުފާނުގެ އަމާޒަކީ ނަތީޖާ ނެރުމަށް ގަދައަޅާ މަސައްކަތް ކުރެއްވުން ކަމަށެވެ.

"އަޅުގަނޑު ދޭ ޔަގީންކަމަކީ ޕީޕީއެމްގެ ފަރާތުން ހޮވިވަޑައިގެންނެވި ކައުންސިލަރުންނަށް، އެހެން ޕާޓީތަކުގެ ފަރާތުން ހޮވުނު ކައުންސިލަރުންްނަށް ޖުމްލަކޮށް ހޮވިވަޑައިގެންނެވި 18 ކައުންސިލަރުންނާއެކީގައި ޓީމެއްގެ ގޮތުގައ ނަތީޖާ ނެެރެދެވޭނެ ވަރުގަދަ މަސައްކަތްތަކެއްކޮށް މާލޭގެ ރައްޔިތުން އުފާކޮށްދޭނަމޭ. އިރާދަކުރެއްވިއްޔާ އެކަން ކުރާނަމޭ" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ސަރުކާރުން ރައްޔިތުންނާއެކު މަސައްކަތް ކުރާހާ ހިނދަކު ސަރުކާރާއެކު މަސައްކަތް ކުރުމުގައި ދެމި ހުންނަވާނެ އެވެ. ސަރުކާރުން ބޭނުންވާ ކަންތައްތައް ހާސިލްކުރުމަށް އިސްނަގައި ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަންތައްތައް ކުރިއަށް ގެންދާނެ އެވެ. ނަމަވެސް ރައްޔިތުންނަށް އެކަމުން ގެއްލުން އޮތް ކޮންމެ ކަމެއްގައި ސަރުކާރާ ދެކޮޅަށް ތެދުވެ ކުރަން ޖެހުނު މަސައްކަތެއް ކުރައްވާނެ އެވެ.

އަނަސް ބަލިގަަބޫލު ކުރެއްވުން

މުއިއްޒު ހޯއްދެވި ކާމިޔާބީއާއެކު އެމްޑީޕީގެ ލީޑާޝިޕް މުޅީން ހިމެނޭންވީ އެވެ. ސަރުކާރުގެ ވެރިން ވެސް އިންތިހާބާ ގުޅޭގޮތުން ފަތިހުގެ ކުރީން އެއްވެސް ވާހަކައެއް ނުދައްކަވައެވެ.

ނަމަވެސް އިންތިހާބުން ކާމިޔާބު ނުހޯއްދޭ މިންވަރަށް ފަރަގު ބޮޑުވުމުން އަނަސް ވަނީ ޓްވީޓަކުން ބަލި ގަބޫލު ކުރައްވާކަން އިއުލާނު ކުރައްވާ ޑރ. މުއިއްޒުއަށް މަރުހަބާ ވިދާޅުވެފައެވެ. އަނަސް ވަނީ މާލެ ރައްޔިތުން ބަސްބުނެފި ކަމަށް ވިދާޅުވެ އެމްްޑީޕީއަށް ވެސް އިލްތިމާސެއް ކުރައްވާފަ އެވެ. ވިދާޅުވީ އިންތިހާބުތަކުން ނަތީޖާ ނެރެން އެމްޑީޕީގެ ސިޔާސަތު ބަދަލުކޮށް އަލުން ރޭވުންތެރިކުރަން ޖެހޭ ކަމަށެވެ.

"އިންތިހާބުގެ ނަތީޖާ އަހަރެން ގަބޫލުކޮށް ހޯއްދެއްވި ކާމިޔާބަށް މުއިއްޒުއަށް މަރުހަބާ ކިޔަން،" އަނަސްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

އެމްޑީޕީއަށް އައްޑޫގެ ސުޕަ މެޖޯރިޓީ ގެއްލުން

ކޮންމެ އިންތިހާބެއްގައިވެސް އެމްޑީޕީ ހެއްވާލާ އެއް ސިޓީއަކީ އައްޑޫއެވެ. ނަމަވެސް މި ފަހަރުގެ އިންތިހާބުގައި އައްޑޫއިންވެސް އެމްޑީޕީއަށް ސާފު މެޖޯރިޓީ ގެއްލުނީއެވެ. މޭޔަރު ކަމަށް ލިބުނީ އެމްޑީޕީއަށެވެ. ނަމަވެސް ފުރަތަމަ ފަހަރަށް އައްޑޫ ކައުންސިލުން އިިދިކޮޅުގެ ކެންޑިޑޭޓުން ވަނީ ޖާގަ ހޯދާފައެވެ.

އިންތިހާބުގައި މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންނެވި އަލީ ނިޒާރު ވަނީ 1،400 ވުރެ ގިނަ ވޯޓް ހޯއްދަވާފައެވެ. އަލީ ނިޒާރާ އެންމެ ގާތުން ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު ލަތީފްއަށް ލިބިވަޑައިގެންފައިވަނީ 1،100 އެއްހާ ވޯޓެވެ. މި އިންތިހާބުގައި އަމިއްލަ ގޮތުން އިބްރާހިމް ތޯހިރު ވާދަކުރެއްވިއެވެ. އޭނާއަށް ލިބިވަޑައިގެންފައިވަނީ 60 ވޯޓެވެ.

އައްޑޫ ސިޓީގެ ސާފު މެޖޯރިޓީ މި އިންތިހާބުގައި އެމްޑީޕީއަށް ގެއްލުނުއިރުލިބިފައިވަނީ ހަތް ގޮނޑިއެވެ. ތިން ގޮނޑިއެއް ޕީޕީއެމަށެވެ. އަދި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރި ތިން ކެންޑިޑޭޓަކުވެސް ވަނީ އިންތިހާބު ކާމިޔާބު ކޮށްފައެވެ. މިއީ މިހާތަނަށް ބޭއްވުނު އިންތިހާބަކުން އައްޑޫގައި ނުކުތް އެންމެ ތަފާތު ނަތީޖާ އެވެ.

ފުވައްމުލަކާއި ކުޅުދުއްފުށި ސިޓީ އެމްޑީޕީއަށް

ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ރަނގަޅު ނަތީޖާއެއް ހޯދުނީ ފުވައްމުލަކު ސިޓީ އާއި ކުޅުދުއްފުށި ސިޓީންނެވެ. ހާއްސަކޮށް ކުޅުދުއްފުށި ސިޓީންނެވެ. ކުޅުދުއްފުށި ސިޓީގެ ފުރަތަމަ މޭޔަރަކީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު އާތިފެވެ. އާތިފާ އެންމެ ގާތުން ވާދަކުރެއްވީ ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ އިގްބާލެވެ.

ކުޅުދުއްފުށީގެ މޭޔަރު ކަމަށް ދެން ވާދަ ކުރެއްވީ އަމިއްލަ ގޮތުން ވާދަކުރެއްވި ދެ ކެންޑިޑޭޓުންނެވެ. އެއީ ހަވީރު ނޫހުގެ ކުރީގެ ނޫސްވެރިޔާ އަހްމަދު ސައީދާއި އަމިއްލަ ގޮތުން ވާދަކުރެއްވި އާދަމް ޝަރީފް މުހައްމަދެވެ. ލާމަރުކަޒީ ގާނޫނަށް އަމަލު ކުރަން ފެށި ފަހުން ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދިނުމަށްފަހު މޭޔަރެއް ހޮވި މިއީ ފުރަތަމަ އިންތިހާބެވެ.

ކުޅުދުއްފުށި ކައުންސިލްގެ ގިނަ ގޮނޑިތައް ކާމިޔާބު ކުރައްވާފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. ޕީޕީއެމަށް ކާމިޔާބު ކުރެވުނު ކަމަށް އަދި ފެންނަނީ އެންމެ ގޮނޑިއެކެވެ.

ފުވައްމުލަކު ސިޓީގެ މޭޔަރަކަށް އިންތިހާބުވެފައި ވަނީ އިސްމާއިލް ރަފީގެވެ. މި އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކާއި ޕީޕީއެމްގެ ކެންޑިޑޭޓަކު ވެސް ވަނީ މޭޔަރު ކަމަށް ވާދަކުރި އެވެ. އިންތިހާބުގައި ފުވައްމުލަކު ސިޓީގެ ހަތް ގޮނޑީގެ ތެރެއިން ފަސް ގޮނޑި ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީންނެވެ. ދެން އޮތް ދެ ދާއިރާ ކާމިޔާބު ކޮށްފައިވަނީ ޕީޕީއެމްއިންނެވެ.

ތިނަދޫ ކައުންސިލަށް އަލަށް ޕީޕީއެމްގެ މެންބަރުން

މިފަހަރުގެ އިންތިހާބުގަައި ތިނަދޫ ކައުންްސިލްގައި ހިމެނޭ ހަތް ގޮނޑީގެ ތެރެއިން ތިން ގޮނޑި ޕީޕީއެމްގެ ކެންޑިޑޭޓުން ވަނީ ކާމިޔާބު ކޮށްފައެވެ. އެއީ މުހައްމަދު ޒަލީފް އަބްދުﷲ އާއި އަހުމަދު ވަހީދުގެ އިތުރުން އައިޝަތު ލިއުޝާ އެެވެ.

އެމްޑީޕީގެ ކެންޑިޑޭޓުންގެ ތެރެއިން އައިމިނަތު ނަސީމާ އާއި ނަސްރުﷲ އަލީގެ އިތުރުން ރަށު ކައުންސިލްގެ ރައީސް ކަމަށް ސައުދު އަލީ ވަނީ އިންތިހާބުވެފަައެވެ. ގދ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެފައިވަނީވެސް ޕީޕީއެމްގެ ކެންޑިޑޭޓެކެވެ. އެއީ ހަސަން ފައިހަތު ގުދުރަތުﷲ އެވެ. މިއީ މި ފަހުން ބޭއްވި އިންތިހާބެއްގައި ތިނަދޫއިން ޕީޕީއެމް ހޯދި އެންމެ ބޮޑު ކާމިޔާބެވެ.

ގދ. ގައްދޫގެ އެންމެ ގޮނޑިއެއް ނޫން ހުރިހާ ގޮނޑިތަކެއް ކާމިޔާބު ކުރީވެސް ޕީޕީއެމުންނެވެ. އަދި ގއ އަތޮޅު ކައުންސިލްގެ ރައީސް ކަމާއި އެ އަތޮޅުގެ ގިނަ ރަށްތަކުގެ ކައުންސިލްތަކުގެ މެޖޯރިޓީ އޮތީވެސް އިދިކޮޅު ޕާޓީއަށެވެ.

ނައިފަރުގެ ހަ ގޮނޑި، ޅ. ރައީސް ވެސް ޕީޕީއެމަށް

ނައިފަރު ކައުންސިލަށް ހަތް ކެންޑިޑޭޓުން އިންތިހާބު ކުރަން ޖެހޭއިރު ކުރީގައި އުޅެނީ ޕީޕީއެމްގެ ހަ ކެންޑިޑޭޓަކާއި އެމްޑީޕީގެ ކެންޑިޑޭޓެވެ. ޅ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ހޮވިފައިވަނީ ޕީޕީއެމްގެ ކެންޑިޑޭޓް ޔާސީން އެވެ. ނައިފަރު ކައުންސިލްގެ ރައީސަކަށް ހޮވިފައިވަނީ ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު ރަޝީދެވެ.

ކައުންސިލަށް ހޮވިފައިވަނީ ޕީޕީއެމްގެ ކެންޑިޑޭޓް ސާޖިދާ މުހައްމަދު އާއި ޕީޕީއެމްގެ ކެންޑިޑޭޓް އަހުމަދު ސާޖިދު އާއި ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ހަސަން އާއި ޕީޕީއެމްގެ ކެންޑިޑޭޓް އައިޝަތު ހިނާ މުހައްމަދުގެ އިތުރުން ޕީޕީއެމްގެ ކެންޑިޑޭޓް މަރިޔަމް ލުހާ އެވެ. އެމްޑީޕީން ކުރީގައި އުޅެނީ އަހުމަދު ޝިފާއު އެވެ. ނަމަވެސް ޕީޕީއެމްގެ ކެންޑިޑޭޓް ހައްސާން އަލިފުޅު އާއި އަހުމަދު ޝިފާއު އާ ދެމެދު ހުރީ ފަސް ވޯޓްގެ ތަފާތެވެ.

އިންތިހާބުގައި ހިންނާއަށް 988 ވޯޓް، ޝާޖިދާ އަށް 766 ވޯޓް އަދި ލުހާއަށް ލިބިފައިވަނީ 782 ވޯޓެވެ. ސާޖިދު އަށް 963 ވޯޓް އަދި އަބްދުﷲ ހަސަން އަށް 851 ވޯޓް ލިބިފައިވެއެވެ.

ނައިފަރު ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވި މުހައްމަދު ރަޝީދު އަށް 637 ވޯޓް ލިބިފައިވެއެވެ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވި ޔާސީންއަށް 1950 ވޯޓް ލިބިފައިވެއެވެ.

އަންހެނުންގެ ތަރައްގީއަށް މަަސައްކަަތް ކުރާ ކޮމެޓީއަށްވެސް އިންތިހާބުވެފައިވަނީ މުޅީންވެސް ޕީޕީއެމްގެ ކެންޑިޑޭޓުންނެވެ.

ހިންނަވަރުގެ އަޣުލަބިއްޔަތު އެމްޑީޕީއަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނިސްބަތްވެވަޑައިގަންނަވާ ޅ. ހިންނަވަރުގެ މެޖޯރިޓީ ހޯދާފައިވަނީ އެމްޑީޕީންނެވެ. ހިންނަވަރު ކައުންސިލްގެ ރައީސް އާއި އަންހެނުންގެ ދެ ގޮނޑި އަދި ދެން ހިމެނޭ ތިން ގޮނޑީގެ ތެރެއިން ދެ ގޮނޑީގައިވެސް ކުރިއެރުން ހޯދާފައިވަނީ އެމްޑީޕީންނެވެ. ޕީޕީއެމަށް ޔަގީންވެފައި ވަނީ އެންމެ ގޮނޑިއެކެވެ.

ކުރެންދޫގެ ހުރިހާ ގޮނޑިތައް ހޯދީ އެމްޑީޕީންނެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެޖޯރިޓީވެސް އޮތީ އެމްޑީޕީއަށެވެ.

ނަމަވެސް ޅ އަތޮޅުގެ މެޖޯރިޓީ އޮތީ އިދިކޮޅު ޕީޕީއެމަށެވެ.

އެމްޑީޕީގެ ނާކާމިޔާބަކީ ޕާޓީގެ ބައިބައިވުން

ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީން ވެރިކަންކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ޕާޓީތެރޭގައި އޮތް ބައިބައިވުމުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަނީ ސިފަކުރައްވާފައެވެ.

ރައީސް ނަޝީދުގެ ވަރަށް ބޮޑު ހިތްހަމަނުޖެހުމެެއް އޮތް ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި އިންތިހާބުގެ ނަތީޖާއަކީ ޑިމޮކްރަސީގައި ސިޔާސީ ޕާޓީތަކުގެ ނިޒާމަށް ލިބުނު ކުރިއެރުމެކެވެ. ފައްޔަ ވަނީ އިންތިހާބުގައި އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ކަމަށް އޭނާއަށް ފެނިވަޑައިގަންނަވާ ބައެއް ސަބަބުތައް ވެސް ވިދާޅު ދެއްވާފައެވެ

އެމްޑީޕީގެ ތެރޭގައި އޮތް ބައިބައިވުމަކީ ނާކާމިޔާބީ ލިބުނު ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކޮވިޑް-19 އާ ގުޅިގެން އަޅަން ޖެހުނު ފިޔަވަޅުތަކާއި ކުރަން ޖެހުނު މަސައްކަތްތަކަކީ ވެސް އެކަމުގެ ސަބަބެއް ކަމަށެވެ.

އެމްޑީޕީގެ ކައުންސިލް އިންތިހާބުގެ ކެންޕެއިންގައި އިސްކޮށް ހުންނެވީ ރައީސް ނަޝީދެވެ. އެމަނިކުފާނު ގެންދެވީ މި އިންތިހާބުގައި 70 ޕަސެންޓް ކާމިޔާބު ހޯދާނެ ކަމަށް ވިދާޅުވެފަ އެވެ.

އެމްޑީޕީގެ ކުރީގެ އިސްވެރިންގެ ފާޑުކިޔުން

އިންތިހާބުން އެމްޑީޕީއަށް ލިބިގެންދިޔަ ބޮޑު ނާކާމިޔާބީއާއެކު އެ ޕާޓީއަށް އާންމުންގެ ބޮޑު ފާޑުކިޔުމެއް ވަނީ އަމާޒުވެފައެވެ. އަދި އެ ޕާޓީ ކުރިން ހިންގެވި އަދި ޕާޓީގައި މުހިންމު މަގާމުތައް ފުރުއްވާފައިވާ ބޭފުޅުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވިއެވެ.

އެމްޑީޕީއަށް މާލެއިން ލިބުނު އެންމެ ބޮޑު ނާކާމިޔާބީއަށް އިޝާރާތް ކުރައްވާ އިބްރާ ވިދާޅުވީ އެމްޑީޕީގެ ލީޑާޝިޕަށް މާލެ ރައްޔިތުންގެ އަޑު އިވިއްޖެ ކަމަށް ހީކުރާ ކަމަށެވެ. އިބްރާ ވިދާޅުވި ގޮތުގައި އަދިވެސް އޭނާ ބޭނުންވަނީ އެމްޑީޕީ އެވެ. ނަމަވެސް އެއީ އެތެރޭގެ ޑިމޮކްރަސީ ވަރުގަދަ އެމްޑީޕީއަކަށްވާން ޖެހެއެވެ.

"..އެމްޑީޕީއަށް އެނގިއްޖެތަ މިބުނާ އެއްޗެއް. 17 އަހަރު މަދެއް ނޫނެއްނު،" ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފްއަށް ޓެގް ކުރައްވާ އިބްރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައެވެ.

އެެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މިފަހަރުގެ އިންތިހާބުގައި އަނަސް އެންޑޯސް ކުރެއްވި ރީކޯ މޫސާ މަނިކު ވިދާޅުވި ގޮތުގައި ޕާޓީގެ ވެރިއަކީ އެވަގުތަކު ސިޔާސީ ގޮތުން ހުންނަ އެންމެ އިސް މީހާކަން ގަބޫލުކޮށް ޕާޓީގެ ވެރިކަމަކީ ވިރާސީ ރަސްކަމެއް ނޫން ކަން ގަބޫލު ކުރަން ޖެހެއެވެ. އަދި މިހާރު ލިބެމުންދަނީ އެމްޑީޕީ މެންބަރުން އެކަތިގަނޑަށްވާން ޖެހޭ ކަމުގެ ފިލާވަޅު ކަމަށް އޭނާ ވިދާޅުވިއެވެ.

އިންތިހާބުގެ ކުރީން އެކި ޕަސެންޓޭޖްތަކުން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ އިސްވެރިން ދެއްކެވި ވާހަކަފުޅުތައް ހަނދާންކޮށްދީ އާންމުންވެސް ގެންދަނީ ލީޑާޝިޕަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އޭގެ ތެރޭގައި އެމްޑީޕީގެ އެކްޓިވިސްޓުންވެސް ހިމެނެއެވެ.