އިބްރާހިމް އިސްމާއިލް (އިބުރާ)

"އެމްޑީޕީ ލީޑަރުންނަށް އަޑުއިވިއްޖެ ކަމަށް ހީކުރަން"

އެމްޑީޕީގެ ލީޑާޝިޕަށް މާލެ ރައްޔިތުންގެ އަޑު އިވިއްޖެ ކަމަށް ހީކުރާ ކަމަށް ވިދާޅުވެ އެ ޕާޓީގެ ފުރަތަމަ ރައީސް އެމްޑީޕީގެ ލީޑާޝިޕަށް ފާޑުވިދާޅުވެއްޖެ އެވެ.

މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް އިދިކޮޅުގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަނީ ބޮޑު ތަފާތަކުން އިންތިހާބުވެވެޑައިގެންފައެވެ. އިންތިހާބުގެ ނަތީޖާއިން ވަނީ އެމްޑީޕީއަށް ސިހުން ގެނުވާފައެވެ. މިއަދުގެ އިންތިހާބުގައި މުއިއްޒު ވަނީ 9،000 ވުރެ ގިނަ ވޯޓް ހޯއްދަވާފައެެވެ. އަނަސްއަށް 5،000 ވުރެ ގިނަ ވޯޓް ވަނީ ލިބިވަޑައިގެންފައެވެ.

އެމްޑީޕީއަށް މާލެއިން ލިބުނު އެންމެ ބޮޑު ނާކާމިޔާބީއަށް އިޝާރާތް ކުރައްވާ އިބްރާ ވިދާޅުވީ އެމްޑީޕީގެ ލީޑާޝިޕަށް މާލެ ރައްޔިތުންގެ އަޑު އިވިއްޖެކަމަށް ހީކުރާ ކަމަށެވެ. އޭނާ ވިދާޅުވީ އަދިވެސް ބޭނުންވަނީ އެމްޑީޕީ ކަމަށާ ނަމަވެސް އެއީ އެތެރޭގެ ޑިމޮކްރަސީ ވަރުގަދަ އެމްޑީޕީއެއް ކަމަށެވެ.

"..އެމްޑީޕީއަށް އެނގިއްޖެތަ މިބުނާ އެއްޗެއް. 17 އަހަރު މަދެއް ނޫނެއްނު،" ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފްއަށް ޓެގް ކުރައްވާ އިބްރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައެވެ.

އިންތިހާބުގެ ކުރިން އިބްރާ ވަނީ މުއިއްޒުއާވެސް ބައްދަލު ކުރައްވާފައެވެ. އިބްރާ ވިދާޅުވީ މުއިއްޒުއާ ބައްދަލު ކުރެއްވީ އޭނާ އެދިވަޑައިގަތުމަކަށް ކަމަށެވެ.

މާލެސިޓީން އެމްޑީޕީއަށް ބޮޑު ނާކާމިޔާބީއެއް ލިބިފައިވާއިރު މިހާތަނަށް 12 ގޮނޑި ޕީޕީއެމުން ކާމިޔާބު ކުރާނެ ކަމަށް ވަނީ ބެލެވިފައެވެ.