ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އިންތިހާބުގެ ވޯޓު ނަގަން ދެނެއް ގިނަ ދުވަހެއް ނެތެވެ. އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު ވޯޓް ފޮށިތައް ބަހައްޓައި މުޅި ރާއްޖޭގައި ވޯޓް ނެގުން ކުރިއަށް ގެންދާނެ އެވެ. ލޯކަލް ކައުންސިލްތަކަށް 982 މެންބަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް 930 މެންބަރުން އިންތިހާބު ކުރުމަށް އެ ދުވަހު ވޯޓް ނަގާނެ އެވެ. އެއީ ޖުމްލަ 1912 މެންބަރުންނެވެ. އެއީ އަތޮޅު ކައުންސިލަރުންގެ ގޮތުގައި 18 މެންބަރުންނާއި ރަށު ކައުންސިލްތަކުގެ ރައީސުންގެ ގޮތުގައި 178 މެންބަރުންނާއި ރަށު ކައުންސިލްތަކުން އަންހެނުންނަށް ހާއްސަކުރި 370 ގޮނޑި އަދި ދެ ޖިންސަށް ހާއްސަ 370 ގޮނޑިއަށް މެންބަރުން އިންތިހާބު ކުރާނެ އެވެ. މީގެ އިތުރުން މާލެ ސިޓީގެ މޭޔަރާއެކު ސިޓީ ކައުންސިލަށް 18 މެންބަރުން އައްޑޫ ސިޓީއަށް މޭޔަރާއެކު 12 މެންބަރުން އަދި ފުވައްމުލަކާއި ކުޅުދުއްފުށި ސިޓީއަށް މޭޔަރާއެކު ހަ މެންބަރުން އިންތިހާބު ކުރާނެ އެވެ.
ކައުންސިލް އިންތިހާބުގެ ވޯޓް ނެގުން ކައިރިވަމުންދާ ވަރަކަށް ކެންޕެއިންގެ ފޯރި ވެސް މި ދަނީ ގަދަވަމުންނެވެ. ކެންޕެއިންގެ ފޯރި އެންމެ ގަދައީ މާލެ ސިޓީގަ އެވެ. ހާއްސަކޮށް މާލެ ސިޓީގެ މޭޔަރު ކަމެވެ. މުޅި މާލެ ސިޓީގެ މަގުތައް ފުރިފައިވަނީ މޭޔަރު ކަމަށް ވާދަކުރާ ކެންޑިޑޭޓުންގެ ކެންޕެއިން ޕޯސްޓަރުތަކާއި ބެނާތަކުންނެވެ. އެ ކެންޑިޑޭޓުންގެ ކެންޕެއިން ވައުދުތަކާއި އެކި ޝިއާރުތަކުންނެވެ.
މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވަނީ ތިން ބޭފުޅުންނެވެ. އެއީ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޓިކެޓްގައި ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓްގައި ވާދަ ކުރައްވާ އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު އާއި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަ ކުރައްވާ ފޭދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހުމީ އެވެ.
ކައުންސިލްް އިންތިހާބު ބާއްވަން ފުރަތަމަ ނިންމީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އެވެ. ނަމަވެސް ކޮވިޑް-19 އިގެ ބަލިމަޑުކަމާއި ގުޅިގެން އިންތިހާބު ފަސް ކުރަމުން ގޮސް މި އަހަރަށް އިންތިހާބު ފަސްވީ އެވެ. އެހެންވެ މިއީ މި އިންތިހާބަށް ކެންޑިޑޭޓުންނާއި ކެންޕެއިން ޓީމުތަކުން ކެންޕެއިން ކުރާ ދެވަނަ ފަހަރެވެ.
އިންތިހާބު އަހަރު ދުވަހަށް ފަސްވުމުން ވަރަށް ގިނަ ކެންޑިޑޭޓުން ވަނީ ނަން އަނބުރާ ނަގާފަ އެވެ. ނަން ނުނެގި ނަަމަވެސް އިންތިހާބަށް ފުރަތަމަ ކެންޕެއިން ކުރި ފޯރިއާ ޖޯޝުގައި މި ފަހަރު ކެންޕެއިން ކުރާތަން ނުފެންނަ ކެންޑިޑޭޓުން ވެސް އެބަ ތިއްބެވެ. އޭގެ ތެރެއިން އެއް ކެންޑިޑޭޓަކީ މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ އަމިއްލަ ކެންޑިޑޭޓް އަލްހާން ފަހުމީ އެވެ.
ވަރަށް ޒުވާން އުމުރުގައި ސިޔާސީ ދާއިރާއިން ވަރަށް ބޮޑަށް ވިދާލި އަލްހާން ފަހުމީ ވަނީ ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ވާދަ ކުރައްވާފަ އެވެ. އެ އިންތިހާބުގައި އަލްހާން ކުރެއްވީ ނަމޫނާ އަދި އެހާމެ ވަރުގަދަ ކެންޕެއިނެކެވެ. މުޅި ހެންވޭރުހެން އެކުވެރި ކުރުވި ކެންޕެއިނެވެ. ޒުވާނުންނާއި އަންހެނުންގެ ބޮޑު ތާއީދަކާއެކު އަލްހާން ކުރެއްވި ކެންޕެއިންގައި އިޖްތިމާއީ އެތަށް ހިދުމަތްތަކެއް ކުރިއަށް ނެރުއްވާ ކެންޕެއިންގައި ތަފާތު ދެއްކެވި އެވެ. ކައުންސިލް އިންތިހާބު ފުރަތަމަ ބާއްވަން ކަނޑައެޅި ތާރީހުގެ ކުރިން ވެސް އެފަދަ ކެންޕެއިނެއް އަލްހާން ފެއްޓެވި އެވެ. ނަމަވެސް އަލުން އިންތިހާބީ ތާރީހެއް ކަނޑައެޅި އިންތިހާބަށް ވަގުތު ކުޑަތަންވަމުންދާއިރު އަލްހާންގެ ކެންޕެއިން އޮތީ ވަރަށް ބޮޑަށް މަޑުޖެހިފަ އެވެ.
އެހެން ކަމުން އިންތިހާބުގައި އެންމެ ވަރުގަދައަށް ކެންޕެއިންގައި އުޅުއްވަނީ މުއިއްޒު އާއި އަނަސް އެވެ. ބޮޑު ދެ ޕާޓީގެ ދެ ކެންޑިޑޭޓުންނަށް ކާމިޔާބު ހޯދާ ދިނުމަށް ދެ ފިކުރުން ވެސް ދަނީ ވަރުގަދަ ކެންޕެއިނެއް ހިންގަމުންނެވެ. ޖަލްސާތަކާއި ބައްދަލުވުންތައް އަދި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތްތައް ފޯރީގައި ކޮންމެ ދުވަހަކުހެން ކުރިއަށް ދެއެވެ. އެންޓި-ކެންޕެއިން ވެސް އެންމެ ބޮޑަށް އޮތީ އެ ދެ ކެންޑިޑޭޓުންނަށެވެ.
އެންޓި-ކެންޕެއިން އަންނަނީ ހަމައެކަނި ޕާޓީގެ ގްރާސްރޫޓް ތެރެއަކުން ވެސް ނޫނެވެ. އެންމެ ޓޮޕް ލީޑާޝިޕުން ވެސް އެކަން އޮތީ އެގޮތުގަ އެވެ. އެންޓި-ކެންޕެއިން ކުރުމަކީ މަނާ ކަމެއް ނަމަވެސް ފާޅުގަައި އެކަން ދަނީ ހިނގަމުންނެވެ. ޕާޓީތަކުގެ އެންމެ އިސް ބޭފުޅުންނާއި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ފަރާތުން ވެސް އެކަން ފެނިގެން ދެއެވެ. ދެ ކެންޑިޑޭޓުންގެ ފަތިފުށް ނިއުޅާ ތަފާތު އެކި ތުހުމަތުތައް ކުރައްވާ އެކި ވާހަކަތައް ދަނީ ފަތުރަމުންނެވެ. ވާހަކަތައް ފެންމަތި ކުރަމުންނެވެ. އެހާ މިންވަރަށް ޕާޓީތައް ވެސް ވަނީ ޕްރެޝަރަށް ވެއްޓިފައެވެ. މޭޔަރުގެ ގޮނޑި ކާމިޔާބު ކުރުން ކޮންމެ ޕާޓީއަކަށް ވެސް އެހާ މުހިންމެވެ. އެންޓި-ކެންޕެއިން ބޮޑުވުމުގެ އެއް ސަބަބަކީ ވެސް އެއީއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ކައުންސިލްތަކަށް 982 މެންބަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް 930 މެންބަރުން އިންތިހާބު ކުރަން ހަމަޖެހިފައިވީ ނަމަވެސް ހުރިހާ އަމާޒެއް ހުރީ މާލޭގެ މޭޔަރުގެ މަގާމަށް އިންތިހާބުވާނީ ކޮން ބޭފުޅަކަށްތޯ ބެލުމަށެވެ.
އިންތިހާބުގެ ކެންޕެއިނަށް ހުރިހާ ކެންޑިޑޭޓުން ވެސް ވަނީ ބޮޑެތި ވައުދުތަކެއް ވެވަޑައިގެންފަ އެވެ. އެ ކެންޑިޑޭޓުން ނިސްބަތްވާ ޕާޓީތަކުގެ ލީޑަރުން ގެންދަވަނީ ވައުދުގެ ލިސްޓް ދިގު ކުރައްވާ މުޅީން އާ ވައުދުތައް ވެސް އިތުރު ކުރައްވަމުންނެވެ. މާލޭގެ ތަރައްގީއަށް ރާވާފައިވާ މުހިންމު މަޝްރޫއުތަކާއި މާލޭގެ ރައްޔިތުންނަށްޓަކައި ކޮށްދެއްވާނެ އެތައް ކަމެއް ކެންޑިޑޭޓުން ގެންދަވަނީ ވިދާޅުވަމުންނެވެ. މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ ވައުދާއި މާލެ މަގުތައް ތަރައްގީ ކުރުމާއި މާލެ ހިތްފަސޭހަ ކުރުމާއި މިހެން ގޮސް ކިތަންމެ ކަމަކަށް ކެންޑިޑޭޓުން ގެންދަނީ ވައުދުވަމުންނެވެ.
އިންތިހާބު ކައިރިވަމުންދާއިރު މާލޭގެ މޭޔަރު ކަމަށް ވާދަކުރާ ކެންޑިޑޭޓުން އެންޑޯސްކޮށް އެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް އެކި ބޭފުޅުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. ސިޔާސީ ގޮތުން ފާހަގަ ކޮށްލެވޭ އެކި ބޭފުޅުން ގެންދަވަނީ މުއިއްޒު ނޫނީ އަނަސް އެންޑޯސް ކުރައްވަމުންނެވެ. މިއީވެސް މި އިންތިހާބުގައި މާލޭގެ މޭޔަރު ކަމުގެ ވާދަވެރިކަން ބޮޑުވެ އިންތިހާބުގެ ފޯކަސް މޭޔަރުގެ ގޮނޑި ކޮޅަށް ހުއްޓިފައިވާ ކަމުގެ އަލިގަދަ ހެއްކެކެވެ.
މާލޭގެ މޭޔަރު ކަމަށް އިންތިހާބުވާނެ ބޭފުޅަކީ ކޮބައިތޯ ކުރެވޭ ސުވާލުގެ އަޑު ގަދަވެ އެކަމުގެ ޝައުގުވެރިކަން ބޮޑުވުމުގެ ސަބަބުތަކެއް ވެސް އެބަހުއްޓެވެ. މޭޔަރު ކަމަށް ކުރިމަތިލާފައިވާ ބޭފުޅުންނަށް ލިބޭ ވޯޓަކީ މިހާރު ސިޔާސީ ހާލަތު ވަރަށް ރަނގަޅަށް ތަސައްވުރު ކޮށްލެވޭނެ ކަމެވެ. އެމްޑީޕީއަށް އެ ގޮނޑި މުހިންމު އެންމެ ބޮޑު ސަބަބަކީ އަދި ޕީޕީއެމަށް އެ ގޮނޑި މުހިންމުވާ ސަބަބަކީ ވެސް އެއީއެވެ. މިހާތަނަށް މާލޭގެ މޭޔަރުކަން މުޅީން ވެސް ކުރައްވާފައި ވަނީ އެމްޑީޕީގެ މެންބަރުންނެވެ. އެ ކައުންސިލްގެ ފުރިހަމަ މެޖޯރިޓީ އަބަދުވެސް އޮންނަނީ އެ ޕާޓީއަށެވެ. އެކަން ނުވެއްޖެނަމަ އެ ބުނެދެނީ މާލޭގެ ރައްޔިތުންގެ ސިޔާސީ ފިކުރަށް އައިސްފައިވާ ބަދަލެވެ.
ނިމިދިޔަ ސަރުކާރުގައި މާލެއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައި ވެއެވެ. ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގާފައިވަނީ މާލޭ ސިޓީގައެވެ. އެކަމާއި ގުޅިގެން ޕީޕީއެމްގެ ތާއީދު މާލޭގައި ބޮޑުވެފައިވާ ކަމަށް އިދިކޮޅުން ދެކެއެވެ. މިއީ އެކަން ޔަގީންކޮށްލަން އެ ޕާޓީއަށް ލިބޭނެ އެންމެ ތަނަވަސް ފުރުސަތެވެ. މާލޭގައި ކުރީ ސަަރުކާރުން ހިންގި ބޮޑެތި ޕްރޮޖެކްޓްތަކުގައި އިސްކޮށް ހުންްނެވީ އިދިކޮޅުން ނެރެފައިވާ ކެންޑިޑޭޓެވެ. އެހެންވީމަ އިންތިހާބުން ނަތީޖާ ނެރެ ކުރީ ސަރުކާރުން ކޮށްފައިވާ ކަންކަން ރައްޔިތުން ބަލައިގަންނަ ކަން ސާބިތު ކޮށްދޭން އެ ޕާޓީން އޮތީ ވަރަށް ބޭނުންވެފައެވެ.
މިއީ މާލޭގެ މޭޔަރު ކަމަށް އިންތިހާބުވާނެ ބޭފުޅަކާމެދު ސިޔާސީ ބޮޑު ދެ ޕާޓީ އާއި މާލޭގެ ރައްޔިތުން އަދި މުޅި ރާއްޖެ ވެސް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރާ ސަބަބެވެ. އަދި މުޅި އިންތިހާބުގެ ފޯކަސް މާލޭގެ މޭޔަރުގެ ގޮނޑިއަށް ހުއްޓިފައިވާ ސަބަބެވެ.