އަބްދުއްރަހީމް އަބްދުﷲ

ލާމަރުކަޒީ ނިޒާމު އުފަންކުރީ ޕީޕީއެމުން: އަދުރޭ

Apr 11, 2021
2

ލާމަރުކަޒީ ނިޒާމަކީ ޕީޕީއެމްގެ ފިކުރުގެ ތެރެއިން އުފަންކުރި ފިކުރެއް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ޕްރޮގްރޮސިވް ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ގައުމު ހިންގަން ފެށީ ކުރީގެ ރައީސް އިބްރާހީމް ނަސީރު ވެރިކަމުގައި ކަމަށެވެ. އެގޮތުން އެ ދުވަސްވަރު އަތޮޅުތައް ހިންގަން މުޅި އަތޮޅުގައި ވޯޓުލައިގެން އެންމެ ގިނަ ވޯޓު ހޯދާ ބޭފުޅަކު އަތޮޅުވެރިޔަކަށް އައްޔަންކުރަމުން ގެންގޮސްފައިވާ ކަމަށެވެ. އަދި އޭގެފަހުން އެންމެ ގިނަ ވޯޓު ލިބޭ ބޭފުޅުން ހިމަނައިގެން އަތޮޅު ކޮމިޓީތައް އޭރު އެކުލަވަމުން ގެންދެވި ކަމަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި 1992 ވަނަ އަހަރުން ފެށިގެން ވަރަށް ގިނައިން ލާމަރުކަޒީ ނިޒާމުގެ ވާހަކަ އެ ދުވަސްވަރު އޭރުގެ ސަރުކާރުގެ އިސް ބޭފުޅުން ދައްކަވާފައިވާ ކަމަށްވެސް އަބްދުއްރަހީމް ވަނީ މައުލޫމޫމާތު ދީފަ އެވެ.

މިހާރުގެ ގާނޫނުއާސީއަށް ލާމަރުކާޒީ ބާބެއް އިތުރުކުރިއިރު ވެރިކަމުގައި އޮތީ ރައީސް މައުމޫންގެ ސަރުކާރު ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި އޭރު ހާއްސަ މަޖިލީހުގައި އޮތީ ރައީސް މައުމޫނަށް ތާއީދުކުރައްވާ ބޭފުޅުންގެ އަގުލަބިއްޔަތު ކަމަށެވެ. ލާމަރުކަޒީ ބާބު ގާނޫނުއަސާސީގައި ހިމަނަން އެކަމާ ގުޅޭ ބިލް މަޖިލީހަށް ފޮނުއްވީ ކުރީގެ އެޓޯލްސް މިނިސްޓަރު އަދި ފަހުން ނައިބްރައީސް މުހައްމަދު ވަހީދުއްދީން ކަމަށްވެސް ވިދާޅުވި އެވެ. އަދި ލާމަރުކަޒީ ގާނޫނު ފާސްކުރީ އެބޭފުޅުން ތިއްބަވައިގެން 17 ވަނަ ރައްޔިތުންގެ މަޖިލީހުން ކަމުގައި ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ އެމްޑީޕީ އެންމެ ފުރަތަމަ 2008 ގައި ވެރިކަމަށް އައިސް ލާމަރުކަޒު ކުރުމުގެ ބަދަލަލުގައި ކުރިހާވެސް ހަމަކީ މަރުކަޒު ކުރި ކަމަށެވެ. އެގޮތުން ގާނޫނުއަސާސީއާ ހިލާފަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަދި މިހާރުގެ މަޖިލީހުގެ ރައީސް ނަޝީދު، ކައުންސިލަރުންތަކެއް އައްޔަންކުރެއްވި ކަމަށް ވިދާޅުވި އެވެ. އޭގެފަހުގައި ރާއްޖެ ޕްރޮވިންސް ތަކަކަށް ބަހާލައިގެން އެއިން ކޮންމެ ތަނަކަށް ސްޓޭޓް މިނިސްޓަރަކާއި މުވައްޒަފުން ލައިގެން ހުރިހާ ބާރުތަކެއް އެ އޮފީސް ތަކަށް ގެންދިޔައީ ވެސް އެމްޑީޕީން ކަމަށް ވިދާޅުވި އެވެ. އަދި ރަށްރަށުގެ ރަށް ކުރިއަރުވާ ކޮމިޓީތަކުން މަސައްކަތް ކޮށްގެން ހޯދާފައި ހުރި އެތައް މިލިއަން ރުފިޔާއެއް ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔައީ ވެސް އެމްޑީޕީން ކަމުގައިވެސް ވިދާޅުވި އެވެ.

"އެހެންވީމާ މިއީ އެއްގޮތަކަށް ވެސް އެމްޑީޕީން ހަދައިގެން އުޅޭ ހާއްޔެއް ނޫން. އެއީ ހަމަ ކްރެޑިޓް ނަންގަންވެގެން ދައްކަވާ ވާހަކައެއް. އެމްޑީޕީއަށް އެއްވެސް ހާލެއްގައި ތިމަންނަމެންގެ އެއްޗެކޭ ލާމަރުކަޒީ އަކީ ބުނެވޭނެ ޖާގައެއް ނެތް. މިދެންނެވީ ހެކިތައް،" އެމްޑީޕީ އަށް ފާޑު ވިދާޅުވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން ރާއްޖެއަށް ތައާރަފް ކުރި ނިޒާމެއް ކަމަށް ބުނެ އެޕާޓީން ގެންދަނީ ވަކާލާތު ކުރަމުންނެވެ. އަދި މިނިޒާމު ދަންނަ އެހެން ބައެއް ރާއްޖޭގައި ނެތް ކަމަށްވެސް އެމްޑީޕީން ގެންދަނީ ބުނަމުންނެވެ.